ފީފާގެ ގަދަ ދިހައެއްގައި ސިޓީގެ ކުޅުންތެރިއަކު ނެތުމުން ގާޑިއޯލާ ރުޅި ގަދަވެއްޖެ

ސިޓީން ވޭތުވެ ދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ތަށި އުފުލާލުމަށް ފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ/ އޭޕީ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާ ފެޑެރޭޝަން އޮފް އިންޓަނޭޝަނަލް ފުޓުބޯޅަ އެސޯސިއޭޝަންސް (ފީފާ) އިން ކޮންމެ އަހަރަކު ވެސް ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ ޝޯރޓް ލިސްޓުގައި، މިފަހަރު މެންޗެސްޓާ ސިޓީގެ ކުޅުންތެރިޔަކު ނުހިމެނުމުން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

ފީފާއިން ހޮވާ "ދަ ބެސްޓް" އެވޯޑުގެ، އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ 10 ކުޅުންތެރިންގެ ނަންތައް އެ އިދާރާއިން އިއުލާން ކޮށްފައިވާ އިރު ވޭތުވެ ދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި ވާދަ ކުރާ ޓީމުތަކުގެ ހަތަރު ކުޅުންތެރިއަކު ވަނީ ހިމެނިފަ އެވެ. އެގޮތުން ލިވަޕޫލް ގެ ޑިފެންޑަރު ވާގިލް ވެން ޑައިކްއާއި އެ ޓީމުގެ ދެ ފޯވާޑުން ކަމުގައިވާ މުހައްމަދު ސަލާހު އަދި ސާޑިއޯ މާނޭގެ އިތުރުން ޓޮޓެންހަމް ގެ ފޯވާޑް ހެރީ ކޭން ވެސް ވަނީ މި ލިސްޓުގައި ހިމެނިފަ އެވެ.

އެހެން ނަމަވެސް ވޭތުވެ ދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ތަށި އުފުލާލި ސިޓީގެ އެއްވެސް ކުޅުންތެރިއަކު މި ލިސްޓުގައި ހިމެނިފަ އެއް ނުވެ އެވެ. ސިޓީއިން ވަނީ މިދިޔަ ސީޒަނުގައި އިނގިރޭސި ލީގުގެ އިތުރުން އެފްއޭ ކަޕާއި ކަރަބައޯ ކަޕު ވެސް ކާމިޔާބު ކޮށްފަ އެވެ. އެހެން ކަމުން އެ ޓީމުގެ ކުޅުންތެރިއަކު ފީފާގެ ގަދަ ދިހައެއްގެ ލިސްޓުގައި ނުހިމެނުކަމީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"އަހަރެންނަށް ހީވަނީ އަންނަ ސީޒަނުގައި ފަސް ތަށި ނޫނީ ހަ ތަށި ހޯދައި 250 ޕޮއިންޓް ހޯދުމުން ކަންނޭނގެ މި ޓީމުގެ ކުޅުންތެރިޔަކު އެ ލިސްޓަށް (ފީފާގެ ގަދަ 10 އަށް) އަރާނީ،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ވޭތުވެ ދިޔަ ސީޒަނުގައި އެންމެ ކާމިޔާބު ސީޒަނެއް ހޭދަ ކުރީ ސިޓީގެ ބާނޭޑޯ ސިލްވާ ކަމަށެވެ. އޭނާ ވަނީ ސިޓީއާ އެކު ހޯދި ތިން ތަށީގެ އިތުރުން ޕޯޗުގަލް އިން ނޭޝަންސް ކަޕު އުފުލާލުމުގައި ވަރަށް މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

"މިއީ ހަމަ އެކަނި ޗެމްޕިއަންސް ލީގަށް ބަލައިގެން ހޮވާ އެވޯޑެއް ކަން ޔަގީން ވެއްޖެ. އެހެން މުބާރާތްތަކަކީ މުހިއްމު އެއްޗެއް ނޫން،"

ގާޑިއޯލާގެ ސިޓީ ވޭތުވެ ދިޔަ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ކެޓީ ވާދަވެރި ޓޮޓެންހަމްއާ ވާދަ ކޮށްގެންނެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ސަލާހު އަކީ ވެސް ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އެހެން ނަމަވެސް 2017-2018 ވަނަ ސީޒަނުގައި ސިޓީން 100 ޕޮއިންޓް ހަމަ ކުރި އިރު މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވެން ޖެހޭނީ އެ ޓީމުގެ ކުޅުންތެރިއެއް ކަމަށެވެ.

"އަހަރެންނަކަށް ހިއެއް ނުވޭ ސްޕެއިންގެ ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކަހަލަ ޓީމަކުން ތިން ހަތަރު ތަށި ހޯދައިފި ނަމަ ލިސްޓަށް ނާރާ ދާނެ ހެނެއް." ގާޑިއޯލާ ބުންޏެވެ.

comment ކޮމެންޓް