އޭއެފްސީގެ އެސޯސިއޭޝަން ކޮމިޓީއަށް ބައްސާމް އަދި އަލީ އުމަރު އައްޔަން ކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ އިދާރައިގެ ޑެޕިއުޓީ ޖެނެރަލް ސެކެއްޓެރީ އަލީ އުމަރު --- ފޮޓޯ// ނިޝާން އަލީ: މިހާރު

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ އެސޯސިއޭޝަން ކޮމިޓީއަށް ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އެ ފެޑެރޭޝަންގެ ފުޓްސަލް އެންޑް ބީޗް ސޮކާ ކޮމިޓީއަށް އަލީ އުމަރު އައްޔަން ކޮށްފި އެވެ.

އެފްއޭއެމްގެ ސޯޝަލް މީޑިއާގައި މިކަން އިއްޔެގެ ވަގުތެއްގައި ވަނީ އާންމުކޮށް އިއުލާނު ކޮށްފަ އެވެ.

އޭއެފްސީގެ އެސޮސިއޭޝަން ކޮމިޓީ އަކީ އޭއެފްސީގެ ދަށުގައި ތިބޭ ހުރިހާ އެސޯސިއޭޝަންތަކެއްގެ ކަންތައްތައް ބެލުމަށް އޮންނަ ހާއްސަ ކޮމިޓީ އެކެވެ. މި ކޮމީޓީ އަށް އެފްއޭއެމްގެ ރައީސް ވަނީ ހޮވިވަޑައިގެންފަ އެވެ.

ކުރިން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަން ވެސް ކުރެއްވި ބައްސާމް 2016 ވަނަ އަހަރު އެ އިދާރައިގެ ރައީސް އަކަށް ހޮވި ވަޑައިގެން ފަހުން އޭނާ އަންނަނީ ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އަދި އޭއެފްސީގެ ފުޓްސަލް އެންޑް ބީޗް ސޮކާ ކޮމިޓީއަށް އައްޔަންވެ ވަޑައިގެންނެވި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އުމަރު މިވަގުތު އަންނަނީ އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމް ވެސް ފުރުއްވަމުންނެވެ.

އަލީ އުމަރު ވަނީ އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވެ ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށް ދިޔަ ސާފްގެ 2019 ވަނަ އަހަރުގެ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވެޑައިގެންފަ އެވެ. މި ކޮންގްރެސްގައި އަލީ އުމަރުގެ އިތުރުން ރާއްޖޭން ބައިވެރިވެވަޑައިގަތީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ.

މީގެ އިތުރުން މި ފަހަރުގެ ސާފްގެ އެކްޒެކްޓިވް މެމްބަރުންގެ ބައްދަލުވުމުގައި ވެސް ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އަލީ އުމަރެވެ. ސާފްގެ އެގްޒެކެޓިވް ކޮމިޓީގައި އެފްއޭއެމްގެ ފަރާތުން މީގެ ކުރިން ވެސް އަލީ އުމަރު ވަނީ ރާއްޖެ ތަމްސީލުކޮށްފަ އެވެ.

ގައުމީ ޓީމަށް 14 އަހަރު ކުޅުއްވާފައިވާ އަލީ އުމަރު 2013 ވަނަ އަހަރަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމަވާލެއްވުމަށް ފަހު މިހާތަނަށް ގިނައިން ފެނުނީ ކުޅިވަރުގެ އިދާރާ ހިންގުމުގެ ތެރެއިންނެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ހަވާލުވެވަޑައިގަތީ ފީފާ އިން އެފްއޭއެމް ހިންގަން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެއްގެ ގޮތުންނެވެ.

ރާއްޖޭގެ އެފްއޭ އަކީ ފީފާ އަދި އޭއެފްސީ އާއި ގާތް ކުޅުމެއް އޮންނަ އެސޯސިއޭޝަނަކަށް ވާ އިރު މިހާރު ވެސް އޭއެފްސީގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީ އަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރު އިސްމާއިލް ޒުމައިލް ރަޝީދު ވަނީ އިންތިހާބުވެ ވަޑައިގެންފަ އެވެ. މިއީ އޭޝިއާގެ މައި ފުޓްބޯޅަ ޖަމިއްޔާގެ ޖުޑިޝަލް ކޮމިޓީއަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް