ޔާމީން މައްސަލައިގައި ހެކިބަސް ނަގާ އަޑުއެހުން މާދަމާ ހެނދުނު، ލައިވް ކުރާނެ

އޮގަސްޓް 1، 2019: "ކޮބާ ނުވިއެއްނު"ގެ ނަމުގައި ޕީޕީއެމް/ޕީއެންސީއިން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނަގާ އަޑުއެހުން މާދަމާ ހެނދުނަށް ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:30 އަށެވެ. އެ އަޑުއެހުމަކީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަވީ ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެކެވެ.

ޔާމީންއާ ދެކޮޅަށް އަށް ހެކިވެރިއަކު ދައުލަތުން ހުށަހަޅާފައިވެ އެވެ.

އެއީ

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު
އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތު
ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒް
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް
މުހައްމަދު ވަސީމް އިސްމާއިލް (ދަފުތަރު)

މި ހެކިވެރިންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއިން ފިއްލަވައިފަ އެވެ. އެކަމަކު، އޭނާ ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާ އިރު އޭނާ އަނބުރާ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދީބު މާދަމާ ހެކިބަސް ދޭނެ ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

މާދަމާ ހެނދުނަށް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވާ އިރު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ އެމަނިކުފާނު ޝަރީއަތް އޮންނަ ގަޑިއަށް ކްރިމިނަލް ކޯޓު ކައިރިއަށް އެއްވުމަށް އެމަނިކުފާނުގެ ސަޕޯޓަރުންނަށް ގޮވާލައިފަ އެވެ.

މާދަމާގެ ޝަރީއަތް ވެސް އާންމުކޮށް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން ބޭއްވި އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެހުން ވެސް ވަނީ ޓީވީތަކުން އާންމުކޮށް ދުރަށް ދައްކައިފަ އެވެ.

މަނީ ލޯންޑަރިން މައްސަލައިގެ ހުލާސާ

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ. އެމަނިކުފާނު ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މަނީ ލޯންޑަރިން ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތަކެވެ.

ޔާމީނަށް ކުރާ ދައުވާގައި ބުނަނީ އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރި ކަމަށެވެ. އަދި އެ ފައިސާ ފަހުން އެމަނިކުފާނުގެ ސޭވިން އެކައުންޓަކަށް ބަދަލު ކުރުމަށް ފަހު، ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާ ކުރި ކަމަށް ދައުވާގައިވެ އެވެ. ދައުވާގެ ސީޣާގައި އިތުރަށް ބުނެފައި ވަނީ ޔާމީންގެ މައްޗަށް ދައުވާކޮށްފައި ވަނީ އޭސީސީއާއި ޔާމީނާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަކަށް ޔާމީންގެ ޑޮލަރު އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާ ކުރުމަށް ފަހު އެއީ ޑޮލަރު އެކައުންޓަށް ވަން ފައިސާ ކަމަށް ދައްކައި އޮޅުވާލާފައިވާ ކަމަށެވެ.

ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރުގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް ޖަމާ ކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ހޯއްދެވި އެއް މިލިއަން ޑޮލަރުކަން ސާބިތު ކުރަން ދައުލަތުން ވަނީ ހެކި ހުށަހަޅައިފައެވެ. ދައުލަތުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޒަމީރު އެ ފައިސާ ޙޯއްދެވީ ހުޅުމާލޭގައި ހުންނަ އޭނާގެ ގޯއްޗެއް މުހައްމަދު ވަސީމް އިސްމާއިލްއަށް ވިއްކައިގެންނެވެ.

ދައުލަތުން މަސައްކަތް ކުރަނީ އެސްއޯއެފްއިން ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރަކީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމެވެ. ވޮޑަމުލާ ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހެނީ އެއް މިލިއަން ޑޮލަރުކަން ސާބިތުކޮށްދިނުމަށް ދައުލަތުން ވަނީ އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓު ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ. އަދި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިކަމާއި، ވޮޑަމުލާ ދޫކޮށްގެން ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ނުލިބިގެން ލަސްވެގެން ރައީސް ޔާމީން ވާހަކަފުޅު ދެއްކެވިކަން ސާބިތުކުރުމަށް، ދައުލަތުން ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ޝަފަވީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅިއެވެ. އެކަމަކު، އެއިން އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެ މައްސަލަ ޝަރީއަތަށް ގެންދަން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ނިންމަވައިފައެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް:

  • ދައުވާ ފޯމުގައި ޔާމީން ކުރި ކަމަށް ބުނާ ކުށާއި ކުށުގެ އުންސުރުތައް ސާފުކޮށް ބަޔާންކޮށްފައި ނުވާކަން
  • ދައުވާގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ކުށް ކަމަށްވާ "ކޮރަޕްޝަން"ގެ ކުށަކީ ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށަކަށް ނުވުން
  • ދައުވާ ކުރުމުގައި އެންމެންވެސް ހަމަ ހަމަ ވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރާ އިރު، ޔާމީންއަށް ދައުވާ ކުރުމުގައި ތަފާތުކޮށްފައި ވާ ކަމަށް ގަބޫލު ކުރުން
  • މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ ތަންފީޒީ އިދާރާއަކީ އެމްއެމްއޭ ކަމަށްވާއިރު ދައުވާގައި ހިމަނާފައި ނުވުން
  • ޔާމީންގެ ސަރުކާރުގައި އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތް ހިންގާފައި ވުމުން އެމީހުން
  • ޔާމީނާ މެދު އަދާވާތްތެރި ގޮތަކަށް ދެކޭނެ ކަމަށާއި އެހެންކަމުން އެމީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ގަބޫލު ކުރުން

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އެސްއޯއެފް ކުންފުނީގެ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އަހުމަދު އިޝްފާހު އަލީ ހެކިވެރިންގެ ގޮތުގައި ހުށަހަޅައިފައެވެ. އެކަމަކު، ދައުވާ ފޯމުގައި އިތުރު ހެކި ހުށަހަޅާނެކަން ބަޔާންކޮށްފައި ނެތުމުން ހެކީންގެ ގޮތުގައި އެމީހުން ބަލައިގެންފައި ނުވެއެވެ.

comment ކޮމެންޓް