"ލީގް ފަސްކޮށްފައި ވިޔަސް ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ފުރުސަތު ދޭން ޖެހޭ"

ގްރީން ސްޓްރީޓުގެ ކޯޗު އަލީ ސުޒެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހު ފަށައި ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ވާދަ ކުރުމަށް ގައުމީ ޓީމް ފަރިތަކުރުމަށްޓަކައި ލީގު ބްރޭކް ކުރަން ޖެހޭ ނަމަ އެކަން ވެސް ކުރަން ޖެހޭ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މޮރިޝަސްގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސަށް ދިވެހި ޕްރިމިއާ ލީގު މެދު ކަނޑާލުމަށްފަހު މިއަދު އެނބުރި ކުޅުން ފަށާނެ އެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ މިވަގުތު ތާވަލުގެ ފުލުގައި އޮތް ނިލަންދޫ އެފްސީއާއި ގްރީން ސްޓްރީޓެވެ. ނަމަވެސް އައިއޯއައިޖީގައި ރާއްޖޭގެ ގައުމީ ޓީމަށް ލިބުނު ނާކާމީޔާބީއާ އެކު ކުރިއަށް އޮތް މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ރަނގަޅު ތަމްރީންތަކެއް އެ ޓީމަށް ދޭން ޖެހޭ ކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

ގަތަރުގައި 2022 ބާއްވާ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ މަހު ފަށާއިރު ރާއްޖޭގެ ގައުމީ ޓީމް މިވަގުތު އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. އެހެން ކަމުން ޓީމަށް ރަނގަޅު ތަމްރީންތަކެއް ދިނުމުން ނޫނީ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ ކަމަށް ރާއްޖޭގެ ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސާފް ސުޒުކީ ކަޕް 2018 ފެށުމުގެ ކުރީން ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގަޓާއި ކެޕްޓަން އަކްރަމް އަބްދުލްޣަނީ މީޑިއާއަށް މައުލޫމާތު ދެނީ-- ފޮޓޯ: އެފްއޭއެމް

އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށައި ކޮލިފައިންގައި ރާއްޖެ ހިމެނެނީ ޗައިނާ، ސީރިއާ، ފިލިޕީންސް އަދި ގުއާމްއާ އެއް ގްރޫޕެއްގަ އެވެ. ފުރަތަމަ މެޗުގައި ގުއާމާއި ދެކޮޅަށް ރަށުން ބޭރުގައި ރާއްޖެ ކުޅެން ޖެހޭ އިރު ޓީމު ރަނގަޅަށް ތައްޔާރު ކުރުމަށްޓަކައި ލީގް މެދު ކަނޑާލަން ޖެހިއްޖެޔާ އެކަން ވެސް ކުރަން ޖެހޭ ކަމަށް ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމަށްވާ ސުޒޭން ވަނީ ބުނެފަ އެވެ.

ސުޒޭން ބުނީ ކޮލިފައިންގައި ރާއްޖެ އޮތީ އުއްމީދީ ގްރޫޕެއްގައި ކަމަށާއި ލީގެއް ވުރެން ގައުމީ ޓީމަށް އިސްކަންދޭންޖެހޭ ކަމަށެވެ.

"ފުޓްބޯޅައިގެ ތެރެއިން ގައުމީ ކޯޗަށް އެހީތެރިވުމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއްގައި އަޅުގަނޑުގެ އެއްބާރުލުން ލިބޭނެ. ހުރިހާ އިރެއްގައި ވެސް ތައްޔާރަށް މިހުރީ. މިސާލަކަށް އަޅުގަނޑުމެންގެ ކީޕަރު ލަބާން މާދަމާ އިން ފެށިގެން އޭނާ ޓްރެއިނިން އަށް ނެރުނަސް އެއްވެސް ޝަކުވާއެއް ނެތް. މެޗު ކުޅެން އެއް ދުވަހަށް ވެފައި ވަނިކޮށް ލަބާން ދޫކޮށްލަދެނިކޮށް މައްސަލައެއް ނެތް،" ސުޒޭން ބުންޏެވެ.

ސުޒޭން އިތުރަށް ބުނީ ޓީމަށް ތަފާތު ދެއްކޭނެ ކަމަށް ކޯޗަށް ގަބޫލު ކުރެވޭ ނަމަ ގައުމީ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު އުމެއިރު ފަދަ ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑަށް މުހިއްމެއް ނުން އަޝްފާގެއް ނޫން އެހެން މީހެއް ނުނެގިޔަސް ވެސް. މި ވަގުތު މުހިއްމީ ގައުމީ ޓީމަށް ނަތީޖާ ނެރުން. ނަތީޖާ ނެރެން އަޝްފާގަކީ މުހިއްމު ކުޅުންތެރިއަކަށް ވިއްޔާ އަޝްފާގު ވެސް ބައިވެރިކުރަންވީ. އުމެއިރަކީ މުހިއްމު ކުޅުންތެރިއަކަށްވިއްޔާ އޭނަ ވެސް ބައިވެރިކުރަންވީ. ތައްޔާރުވުން ރަނގަޅު ކުރެވިއްޖިއްޔާ ރާއްޖެ އަށް ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ."

ލީގުގައި މިހާތަނަށް ގްރީން ސްޓްރީޓްސް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. ނިލަންދޫއާ ދެކޮޅަށް އެ ޓީމުން މިއަދު ކުޅޭ މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.

comment ކޮމެންޓް