ގަލޮޅު ދަނޑު ބަންދުކޮށް ހުޅުމާލޭ ދުވާ ޓްރެކަށް ކުޅުން ބަދަލު ކުރަނީ

ހުޅުމާލޭގައި އަލަށް ހެދި ޓްރެކް -- ފޮޓޯ// އެހްޑީސީ

ރާއްޖޭގެ ރަސްމީ ފުޓުބޯޅަ ސްޓޭޑިއަމް ކަމަށްވާ ގަލޮޅު ދަނޑު ތަރައްގީ ކުރުމަށްޓަކައި އެތަން ބަންދުކޮށް ހުޅުމާލޭގައި އަލަށް ހެދި ޓްރެކުގައި މުބާރާތްތައް ކުޅެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދަނޑު ބޮޑު މަރާމާތަކަށް ފަހު މިހާރު ފެންނަން ހުރި ސިޑިބަރިތަކާ އެކު ހުޅުވާފައިވަނީ 1980ގެ ފަހު ކޮޅުއެވެ. ދުވަސްވެފައިވާ އެ ސިޑިބަރިތަށް ބޭނުން ކުރެވޭ ހާލަތުގައި ނެތުމުން މިހާރު ވަނީ ވަގުތީ ގޮތުން އެ ސިޑިބަރިތައް ބަންދު ކޮށްފައެވެ. އަދި އެއާ އެކު ރެނދު ލައިފައި ހުރި ސިޑިބަރިިތައް އެކީ އެކަށް އެކަށް ބަދަލު ކޮށް މަރާމާތު ކުރުމަށްޓަކައި ކައިރި މުސްތަގުބަލެއްގައި ގަލޮޅު ދަނޑު ބަންދު ކުރުމަށް ވަނީ ނިންމައިފަ އެވެ.

https://sun.mv/117431

އެހެން ކަމުން އެ މުއްދަތުގެ ތެރޭގައި ދިވެހި ޕްރިމިއާ ލީގާއި އެހެނިހެން މުބާރާތްތައް ވެސް ބާއްވާނީ ހުޅުމާލޭގައި އަލަށް ހުޅުވި ޓްރެކުގައި ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ޔޫތް މިނިސްޓަރީން ވެސް ވަނީ މައުލޫމާތު ދީފަ އެވެ.

ހުޅުމާލޭގައި އަލަށް ހެދި ޓްރެކަކީ އޮލިމްޕިކްސް ބޭނުމަށް ހެދި ޓްރެކެއް ނަމަވެސް އެތަނުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު މަހްލޫފް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"މިދިޔަ ސަރުކާރުގައި ސީއެސްއާރުގެ ދަށުން ބޭރުގެ ކޮންމެވެސް ކުންފުންޏަކާ ގުޅިގެން ހުޅުމާލޭގައި ހަދާފައި އޮތް ސިންތެޓިކް ޓްރެކްގެ ހާލަތު ވަރަށް ދަށް. މުޅި ތަން އޮތީ ހަލާކުވެފައި. އެތަނުގެ މިނެއް ދިމައެއް ނުވޭ. 400 މީޓާސް ހަމައެއް ނުވޭ. މިކަހަލަ ބައިވަރު މައްސަލަތައް އެބަހުރި،" މަހްލޫފް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތާ އެތަން ބޭނުން ކުރާނީ އެތުލެޓިކްސް ބޭނުންތަކެއް ވުރެން ފުޓުބޯޅަ މުބާރާތްތައް ބޭއްވުމަށް ކަމަށެވެ.

އެހެން ނަމަވެސް މިހާރު ބޭނުން ކުރާ ފަދައިން އެހެނިހެން ކުޅިވަރުގެ ބޭނުންތަކަށް ވެސް އެ ޓްރެކުން ޖާގަ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެތުލެޓިކްސް މުބާރާތަކަށް އެތަން ބޭނުން ކުރެވޭކަށް ވެސް ނެތް. ނަމަވެސް މިހާރު މާލޭގެ ގަލޮޅު ދަނޑު ބޭނުން ނުކުރެވޭ ހިސާބަށް ގޮސްފައި އޮތީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން އެބަ އެ ދަނޑަށް ހައްލެއް ހޯދެންދެން ހުޅުމާލޭގައި މިއޮތް ޓްރެކުގައި މުބާރާތްތައް ބާއްވަން." މަހުލޫފް ވިދާޅުވި އެވެ.

އެގޮތުން ބޭރުގެ ކުންފުންޏަކާ ގުޅިގެން ދަނޑުގައި ވިނަ އިންދުމާއި ލައިޓިންގް ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް