"ކާކު"؟ގެ ޓްރެއިލާ ދައްކާލައިފި

"ކާކު"؟ގެ ޕޯސްޓަރެއް---

މީ ޕްރޮޑަކްޝަނުން ތައްޔާރުކުރާ ފިލްމު "ކާކު؟"ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ފިލްމު އަޅުވަން ހަމަޖެހިފައިވާ އިރު މިހާރު އަންނަނީ ފިލްމު އެޅުވުމުގެ ފަހު މަސައްކަތްތައް ކުރަމުންނެވެ.

ފިލްމުގެ ޓްރެއިލާ އިން އިބްރާހީމް ސޮބާހް (ކުޑަ ސޮބާ) ފެނިގެންދެ އެވެ. މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމަކީ އެކުގައި އުޅޭ ފަސް ރަހުމަތްތެރިން ރަށަކަށް ގޮސް ދިރިއުޅޭ ގޭތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެއް ކުރިމަތިވާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރު މާއެނބޫ ބުނީ ފިލްމަކީ ބިރުވެރި ފިލްމެއް ކަމަށާއި ބެލުންތެރިން ބިރުގަންނާނެ މަންޒަރުތައް ފިލްމުގައި ހިމެނޭނެ ކަމަށެވެ.

"މި ފިލްމުގެ ކޮންމެ ކެރެކްޓާއެއްގެ އެކްޓިން ވެސް ވަރަށް ސަޅި. އެމީހެއްގެ އެންމެ ބެސްޓް ދީފައި ހުރީ. ބެލުންތެރިންނަށް ކަމުދާނެ މަސައްކަތެއް މިއީ،"

ފިލްމުގައި ޖުމްލަ ތިން ލަވަ ހިމެނޭ އިރު ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ހދ. ކުޅުދުއްފުށީގަ އެވެ.

އެ ފިލްމުން އިބްރާހީމް ސޮބާހް (ކުޑަ ސޮބާ) ގިނަ ދުވަސްތަކަކަށް ފަހު ފެންނާނެ އެވެ. މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ހާމިދު އަލީ، އިބްރާހީމް ސޮބާހް، ޝާފިއު މުހައްމަދު، އިރްފާނާ އިބްރާހީމް އަދި އައިޝަތު ޔާސިރާއެވެ.

ފިލްމުގެ ސްކްރީން ޕްލޭ ތައްޔާރުކުރީ މަހުދީ އެވެ.

comment ކޮމެންޓް