ބައިނަލްއަގްވާމީ ފުޓްބޯޅައިން ތިން މަހަށް މެސީ ސަސްޕެންޑްކޮށްފި

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ނިމިގެން ދިޔަ ކޮޕާ އެމެރިކާގައި ހިނގާ ދިޔަ ހަމަނުޖެހުންތަކަށް ފަހު އެ މުބާރާތް އިންތިޒާމުކުރާ ކޮންމެބޮލް ވަނީ ކޮރަޕްޓްވެފައި ކަމަށް ބުނެ އާޖެންޓީނާގެ ކެޕްޓަން މެސީ ކުރި ތުހުމަތުތަކުގެ ސަބަބުން ބައިނަލް އަގުވާމީ ފުޓުބޯޅައިން ތިން މަސް ދުވަހުގެ ސަސްޕެންޝަނެއް އޭނާ އަށް ކުރިމަތި ވެއްޖެ އެވެ.

ދެކުނު އެމެރިކާ ބައްރުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ތަށި މިފަހަރު ބްރެޒިލުން އުފުލާލި ނަމަވެސް އާޖެންޓީނާ އިން ވަނީ އެއީ ބޮޑު ރޭވުމެއްގެ ތެރެއިން ބްރެޒިލް ހޯދި ތައްޓެއް ކަމަށް ބުނެފަ އެވެ. އާޖެންޓީނާ އާއި ބްރެޒިލް އެ މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލު ކުރި މެޗުން ބްރެޒިލް ވަނީ 0-2ގެ ނަތީޖާ އަކުން މޮޅުވެފަ އެވެ.

މިފަހަރުގެ ކޮޕާ އެމެރިކާގެ މެޗުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ދިޔަ އިރު ރެފްރީންގެ ނިންމުންތަކަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ. ވީޑިއޯ އެސިސްޓެންޓު ރެފްރީ (ވީއޭއާރު)ގެ އެހީތެރިކަމާ އެކު ކުޅުނު އެ މުބާރާތުގައި ގިނަ ހަމަނުޖެހުންތައް އުފެދެން މެދުވެރިވި ސަބަބަކީ ދިމާވާ މައްސަލަތަކުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ލަފާ ގޯސްކޮށް ދިނުމުން ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.

އެގޮތުން މުބާރާތުގެ ސެމީ ފައިނަލުގައި ބްރެޒިލްއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި ވަރަށް ގިނަ ހަމަނުޖެހުންތަކެއް ހިނގި އިރު އެ މެޗު އިންސާފު ކުރި ރެފްރީ އެއްވެސް ފަހަރަކު ވީއޭއާރުގެ އެހީތެރިކަމަށް އެދިފައެއް ނުވެ އެވެ. އެހެން ކަމުން އެ މެޗުން ބަލިވި އާޖެންޓީނާގެ ކެޕްޓަން ވަނީ މެޗަށް ފަހު އެ މެޗުގެ ރެފްރީންނާއި މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. މެސީ ބުނީ މިފަހަރުގެ މުޅި ކޮޕާ އެމެރިކާ ވެސް އޮތީ ކޮރަޕްޝަނަށް ގޮސް ހުސްވެފައި ކަމަށެވެ.

https://sun.mv/121378

މެސީގެ ރުޅި ގަނޑު ފަޅައިގެން ގޮސް އެދުވަހު ދެއްކި ވާހަކަތަކުން ކޮންމެބޯލް އިން ވަނީ އޭނާއަށް އަދަބު ދޭނެ ކަމަށް އޭރު ވެސް ބުނެފަ އެވެ. އެގޮތުން އޭނާ މިހާރު ވަނީ ކުރިއަށް އޮތް ތިން މަސް ދުވަހު ވެސް އެއްވެސް ބައިނަލް އަގުވާމީ މެޗެއް ނުކުޅެވޭ ގޮތަށް ސަސްޕެންޑު ކޮށްފަ އެވެ. މިއާ އެކު އޭނާ ވަނީ 50 ހާސް އެމެރިކާ ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

މެސީއަށް އައި މި ސަސްޕެންޝަނާ އެކު އަންނަ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހު އާޖެންޓީނާ އިން ޗިލީ، މެކްސިކޯ އަދި ޖަރުމަނާއި ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗްތަކުގައި އޭނާއަށް ނުކުޅެވޭނެ އެވެ. މިފަހަރުގެ ކޮޕާ އެމެރިކާގެ ތިން ވަނަ ހޮވާ މެޗުގައި މެސީއަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ ވަނީ ސަސްޕެންޝަނަށް ފަހު އިތުރު މެޗަކުން ވެސް ސަސްޕެންޑް ކޮށްފަ އެވެ.

ބައިނަލް އަގްވާމީ ފުޓްބޯޅައިން މެސީ ސަސްޕެންޑްކުރުމަށް ކޮންމެބޯލްއިން ނިންމި ނިންމުން އެޕީލްކުރުމަށް ހަތް ދުވަހުގެ މުއްދަތެއް މެސީ އަށް ލިބޭނެ އެވެ.

comment ކޮމެންޓް