މިއަހަރު ތެރޭ އިންކަމް ޓެކްސް ނަގަން ފަށަން އެބަޖެހޭ: ނަޝީދު

މަޖިލިސް ރައީސް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަހަރުގެ ތެރޭ އިންކަމް ޓެކްސް ނަގަން ފަށަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އަހަރީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިމި މަޖިލިސް ރިސެސް އަށް ދިޔުމުގެ ކުރިން އިންކަމް ޓެކްސްގެ ގާނޫނު މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"އެކަމަކު މިހާރުވެސް މަޖިލީހުގައި ބޮޑެތި ބިލުތަކެއް އެބަހުރި. އިންކަމް ޓެކްސް ބިލުގެ މަސައްކަތް ދެން އަންނަ ޓާމަކަށް މަޑުކުރަން ޖެހިދާނެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލާފައިވަނީ އިންކަމް ޓެކްސްވެސް ހިމަނައިގެން އެހެންވީމާ މި އަހަރު ތެރޭ މި ޓެކްސް ނަގަން ފަށަން އެބަޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވިޔަފާރި އާމްދަނީ އިން ޓެކްސް ނަގަންފެށީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެކަމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ ޓެކްސް ނެގުން މަޖުބޫރުވީ ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަން އެކަށައަޅަން ޖެހޭކަން ރައްޔިތުން ގަބޫލު ކުރަން ފެށުމުން ކަމަށެވެ.

"ފޮތްލިސްޓު، ބޭސްސިޓީ، ބިލާ ކުލި ނުދެއްކިގެން ހާސްކަން މަތީ ދިރިއުޅެންޖެހި އެކަމުގެ ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޓެކުހަކީ ގައުމުގެ މުއްސަނދިކަން އެންމެންގެ މެދުގައި ހަމަހަމަ ކަމާއެކު ބެހުމަށް އޮންނަ އުސޫލެއް ކަމަށެވެ. "ނިކަމެތިންނާއި ފަގީރުންނާ ދެމެދު އޮންނަ ފަރަގު ފުޅާވަމުން ދިޔަ މިންވަރަކަށް އެގައުމެއް އެދަނީ ހަރާބުގެ މަގަށް. ހަމަޖެހުން ހިފަހައްޓާ، ތަރައްގީ އެންމެންނަށް ހޯދައިދެވޭނީ ވީ މިންވަރަކަުން ލިބޭ އެއްޗެއް ބަހާލައިގެން،"

ދެހާސް އަށްވަނަ އަހަރު ރާއްޖެއަށް ޓެކްސްގެ ނިޒާމު ތައާރަފު ކުރި އިރު އެކަންވެސް އޮތީ ލަސްވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އޭގެ ކުރިން ޓެކްސްގެ ނިޒާމު ރާއްޖެ އަށް ތައާރަފު ނުކުރެވި އޮތީ ކުރަންޖެހޭ ކަމެއްކަމަށް ގަބޫލު ނުކުރެވިގެން ނޫން ކަމަށާއި އެކަން ކުރަން ނުކެރުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޓެކުހުގެ ނިޒާމަކީ ގައުމު ހިންގުމަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ޓެކްސްގެ ނިޒާމުގެ ކުރިން ރާއްޖޭގެ ދައުލަތުގެ ހަރަދުތައް ހަމަޖެއްސީ އިމްޕޯޓު ޑިއުޓީ އިން ލިބުނު އެއްޗަކުން ކަމަށެވެ.

"ކުރިން ޓެކްސް ނެގީ ރާއްޖެއަށް އެރެރެ ކުރުމުން، ނޫނީ ބޭރުކުރުން، އެއިން ވިޔަފާރި ނުކުރަނީސް،" މިއީ އުފެއްދުންތެރިކަމަށްވެސް ހުރަސްއެޅޭ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މުދާ އެތެރެކޮށްފައި، އޭގެން ވިޔަފާރިކޮށްފައި ދެން ދައުލަތަށް އެއްޗެއް ދިނުމަކީ މާ އިންސާފުވެރި އުސޫލެއް ކަމަށް އަޅުގަނޑުމެންނަށް ފެނޭ،" ކުރީގެ ރައީސް ވިދާޅުވީ ޓެކްސްގެ ނިޒާމާއެކު ލިބުނު އެންމެ ބޮޑު ރަނގަޅަކީ ވިޔަފާރިތަކުގެ ހިސާބު ބެހެލެއްޓުމުގެ ކަންތައް ހަރުދަނާވުން ކަމަށެވެ.

ރާއްޖޭގެ މުއްސަނދިކަމުން ދިވެހިންގެ އެންމެންނަށް ފައިދާ ކުރަންޖެހޭނެ ކަން ގަބޫލުކުރީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ވެރީން ނޫން ކަމަށާއި ޓެކްސްގެ ނިޒާމަށް ވިޔަފާރިތަކުންވެސް ތާއީދު ކުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް