ހެމްބާގްއިން އެއް ބިލިއަން ޑޮލަރުގެ ކޮކެއިން އަތުލައިގެންފި

ޖަރުމަނުގެ ހެމްބާގްއިން އަތުލައިގަތް ކޮކެއިން އަޅާފައި ހުރި ދަބަސްތައް: އަތުލައިގަތް ކޮކެއިންގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާ -- ފޮޓޯ/ ރޮއިޓާސް

ޖަރުމަނުވިލާތުގެ ޕޯޓް ސިޓީއެއް ކަމަށްވާ ހަމްބާގްއަށް ގެނައި ޝިޕިން ކޮންޓެއިނަރަކުން އެއް ބިލިއަން ޑޮލަރުގެ ކޮކެއިން އަތުލައިގެންފި އެވެ.

ހަމްބާގްގެ ކަސްޓަމްސްއިން މިއަދު ބުނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ޝިޕިން ކޮންޓެއިނަރަކާ މެދު ޝައްކު އުފެދިގެން އެ ކޮންޓެއިނަރު ބަލާ ފާސްކުރި ކަމަށެވެ. އެއީ އުރުގުއޭގެ މޮންޓެވިޑިއޯއިން ގެނެސް ބެލްޖިއަމްގެ އެންޓްވާޕްއަށް ފޮނުވަން ހަމަޖެހިފައިވާ ކޮންޓެއިނަރެއް ކަމަށް އެ ސިޓީގެ ކަސްޓަމްސްއިން ބުނެފައިވެއެވެ.

އެ ކޮންޓެއިނަރުގައި ހުރީ ސޯއިބީންސް ކަމަށް އޭގައި ޖަހާފައި ހުރި ނަމަވެސް، އޭގެ ތެރެއިން ފެނުނީ 221 ސްޕޯޓްސް ދަބަހެވެ. އެ ދަބަސްތަކުގެ ތެރޭގައި ހުރި 4200 ޕެކެޓުގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކޮއިން އެވެ.

ހެމްބާގްގެ ކަސްޓަމްސްއިން ބުނާ ގޮތުގައި އަތުލައިގަތް ކޮކެއިންގެ ބަރުދަނުގައި 4.5 ޓަނު ހުންނާނެ އެވެ. އަދި އޭގެ މަގުމަތީ އަގު 1.11 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިއީ ޖަރުމަނުގެ ތާރީހުގައިވެސް އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފަަހަރެވެ.

ހަމްބާގްގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ކޮންޓެއިނަރު ލިބެންޖެހޭ ފަރާތަކީ ކޮބައިކަން ބެލުމަށް ތަހުގީގު ކުރަމުންނެވެ. އަދި ކޮންޓެއިނަރުން ފެނުނު މަސްތުވާތަކެތި މިހާރު ވަނީ ނައްތާލައިފައެވެ.

comment ކޮމެންޓް