ރާއްޖޭގެ އާބާދީ މަދުވުމުގެ ސަބަބުން އިގްތިސޯދީ ކުރިއެރުން ނާންނާތީ، ރާއްޖޭގެ ރަށްވެރިކަން ބޭރުގެ ބަޔަކަށް ދޭން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅުން ތުހުމަތު ކޮށްފިއެވެ.
މިރޭ އިދިކޮޅުން ބޭއްވި "ނުވިއެއްނު" އެއްވުމުގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މި ސަރުކާރަށް މަސައްކަތް ނުކުރެވޭތީ، އެހެން ބަޔަކަށް ރާއްޖޭގައި ވޯޓު ލުމުގެ ހައްގު ދޭން މަސައްކަތް ކުރާ ކަމަށެވެ.
"މި ދެންނެވި އިސްލާހު އެބައާދޭ. މި ބޭފުޅުން އެބަ ގެންނަވާ،" ޝިޔާމް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް އެބަހުށަހަޅާ އިސްލާހެއް. ގާނޫނު އަސާސީ އަށް ހުށަހަޅާ އިސްލާހެއް އެއީ. އަޅުގަނޑުމެންނަށް މިއިވެނީ ރާއްޖޭގެ މީސްކޮޅު މަދުވެގެން، މިތިބަ ހަތަރުލައްކަ ފަންސާސް ހާސް މީހުން މަދުވީމާ ރާއްޖޭގެ އިގްތިސޯދު ހަލާކުވާ ވާހަކަ މީހުން މި ދައްކަނީ. އެހެން ގައުމެއްގެ ބަޔަކު މިގައުމުގެ ދަފްތަރުގަ ޖަހާ، މި ގައުމުގެ ރަށްވެހިކަންދޭން އެބަ މަސައްކަތް ކުރޭ،" މިއީ މިހާރުގެ ސަރުކާރުން ތާއަބަދަށް ވެރިކަމުގައި ތިބެން ކުރަން އުޅޭ ކަމެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިހާރު އޮތީ މަތިބަރު ސަރުކާރެއް ކަމަށައި ޕާޓީގެ ކުލަ ޖެހިފައި ހުރި މީހަކު ޓްވީޓެއް ކޮށްލިޔަސް ސަރުކާރުން ވަޒީފާ ދެމުންދާ ކަމަށެވެ. މިހާރު ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.