މި ސަރުކާރަށް ގަތަރާއެކު އަލުން ގުޅުން ގާއިމެއް ނުކުރެވޭނެ: އާދަމް ޝަރީފް

ޝަރީފު މިރޭގެ އެއްވުމުގައި ވާހަކަ ދައްކަވަނީ: ގަތަރާއެކު ގުޅުން ގައިމު ނުކުރެވޭނެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރުން ގަތަރާއެކު ސިޔާސީ ގުޅުން ގައިމު ނުކުރެވޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ގަތަރާއެކު ސިޔާސީ ގުޅުން ކަޑާލީ ރައީސް ޔާމީންގެ ސަރުކާރުގައި 2017، ޖޫން ގައެވެ.

ގަތަރުގެ މައްސަަލައިގައި މިދިޔަ އަންގާރަ ދުވަހު ހަރިޖީ ވަޒީރު، އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރިއެވެ. އެކަމާ ގުޅިގެން ޝާހިދު ވިދާޅުވި، ރައީސް ޔާމީންގެ ސަރުކާރުގައި ހާރިޖީ ސިޔާސަތު އޮތް ގޮތުން، މުސްލިމު ގައުމުތަކާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ރާއްޖެ ބިކަވެ، ރާއްޖެއަށް އޮތް އިހުތިރާމާއި ގަދަރު ގެެއްލިފައިވާ ކަމަށެވެ. އެގޮތުން ގަތަރާ އަދިވެސް އެހިނިހެން ގައުމުތަކާ އެކު ގުޅުން ގާއިމު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވިއެވެ.

ނަމަވެސް ގަތަރާއެކު އަލުން ސިޔާސީ ގުޅުން ގާއިމު ކުރެވޭނެ ތާރީޚެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި އިދިކޮޅު އެއްވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ގަތަރާއެކު ގުޅުން ކަނޑާލީ ވަރަށް ވިސްނާފައި ކަމަށެވެ. މި ސަރުކާރަށް ގަތަރާ އެކު ގުޅުން ގާއިމުކުރަން ނުކެރޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ގަތަރާ ގުޅުން ބަދަހި ކުރުމަށް މި ސަރުކާރުން ވަރަށް މަސައްކަތްކޮށްފި. ވެއްޖެ ތޯ؟ ނުވިއެއްނު. އެކަމެއް ނުކުރެވޭނެ އެމީހުންނަކަށް. ވަރަށް ގިނަ ދަތުރުތައް ކޮށްފި،" ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ޝަރީފު ވިދާޅުވިއެވެ.

މިރޭ އިދިކޮޅުގެ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރުގެ ހާރިޖީ ސިޔާސަތައް ޝަރީފު ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ވަރަށް ބޮޑަށް ވިކިފައި ކަމަށެވެ. އެގޮތުން ސަރުކާރުގެ ހާރިޖީ ސިޔާސަތު އޮތީ ބީލަމުގައި "ނީލަން" ކިޔައި ވިއްކާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި މި ސަރުކާރުގެ އިސްވެރިންވެސް ހިމެނޭ ކަމަށެވެ. އެމްއެމްޕީއާރުސީގެ ފައިސާ މި ސަރުކާރުގެ އިސްވެރިން ނެންގިވިކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މިރޭ އިދިކޮޅުގެ އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެމްއެމްޕީއާރުސީގެ ފައިސާ މިސަރުކާރުގެ ތިބި މީހުން ނަގައިފައި ވެއްޖެ. އެ ޝަރީއަތް ރަނގަޅަށްކޮށްފި ނަމަ، މި ސަރުކާރުގައި ތިބި ބަޔަަކުވެސް ޖަލަށް ދާން ޖެހޭނެ،" ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި އެއްވުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ދައުވާ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިޔުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"މިތުރުންގެ ހިތަށް ދަތި ކުރި ކަޅު ކޮންމެ ރެޔެއްވެސް ފިތުރުގެ އުސޫލުން ނިމެނީ ފަތިހަށެ ރަމްޒުން،" ޝަރީފުގެ ވާހަކަ ނިންމާލަމުން ވިދާޅުވިއެވެ.

comment ކޮމެންޓް