އިންޑިއާގެ ހޮސްޕިޓަލުތަކުން އާސަންދަ މެދުކެނޑިއްޖެ

ހުސްނުވާ އާސަންދަ އިފްތިތާހު ކުރި ހަފްލާގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ހޮސްޕިޓަލުތަކުން އާސަންދަ ހިދުމަތް މެދުކެނޑިއްޖެއެވެ.

އާސަންދަ ލިބޭނެ ކަމުގެ ލިޔުމާއެކު އިންޑިއާ އަށް ބޭސް ފަރުވާއަށް ގޮސްތިބި މީހުންނަށް މިއަދު އިންޑިއާގެ ހޮސްޕިޓަލުތަކުން އާސަންދަ ހިދުމަތް ނުލިބޭކަމަށް ބުނެ ބޭސްފަރުވާ އަށް ގޮސްތިބި މީހުންނާއި އެމީހުންގެ އާއިލާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓްވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނެފައިވަނީ އާސަންދަ ލިބިގެން އިންޑިއާގެ ކޮޗިންގައި ހުންނަ އެއިމްސް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ އާއިލާގެ މީހެއްގެ އާސަންދަ ލިޔެކިޔުންތައް ގަބޫލު ނުކުރަން އެއިމްސް ހޮސްޕިޓަލުން ނިންމާފައިވާ ކަމަށެވެ.

އޭނާ ބުނީ ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އެއިމްސް ހޮސްޕިޓަލަށް ދައްކާ ދިވެހިންނަށް އާސަންދަ ލިބުން ހުއްޓިފައިވާ ކަމަށެވެ. އާސަންދަ ހިދުމަތް ހުއްޓުނީ ތިންވަނަ ފަރާތެއް މެދުވެރިވެގެން އާސަންދަ ހިދުމަތް އެ ހޮސްޕިޓަލުގައި ދޭތީ ކަމަށްވެސް އޭނަ ބުނެފައިވެއެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުންވެސް އާސަންދަ ހިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށްވެއެވެ.

"ދާދި ދެންމެއަކު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން މާދަމާ އިން ފެށިގެން އެއްވެސް ދިވެހި ރައްޔިތަކަށް އާސަންދަ ނުދިނުމަށް އެ ހޮސްޕިޓަލުގެ މެނޭޖުމެންޓުން ވަނީ އަޅުގާނޑުގެ ހާޒިރުގައި އަންގާފައި،"

ސަން އާ ވާހަކަ ދެއްކި މީހަކު ބުނީ އެނާގެ އާއިލާ އާއެކު އިންޑިއާ އަށް ބޭސްފަރުވާ އަށް ގޮސް ފަރުވާގެ ކަންތައް ނިމިފައިވާ ކަމަށާއި އިއްޔެ ފަރުވާ ނިމުނުއިރު އާސަންދަ އިން ހުރިހާ ކަމެއް ހަމަޖެހުނު ކަމަށެވެ. ނަމަވެސް މިއަދު އޮޕަރޭޝަނެއް ކުރަން ތައްޔާރުވެފައި އޮތް އެހެން ދިވެއްސެއްގެ އޮޕަރޭޝަން ކުރުން ފަސްވެފައިވާ ކަމަށާއި އެއީ އާސަންދަ ހިދުމަތް ނުލިބޭތީ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާ އިން އާސަންދަ ހިދުމަތް މެދުކެނޑުމާގުޅޭގޮތުން އާސަންދަ އިން އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.

comment ކޮމެންޓް