އަދީބު އިންޑިއާ އަށް އެތެރެވާން އުޅުނީ ހުއްދަ ނެތި، އެގައުމަށް އެތެރެވެވޭނެ ސަރަހައްދަކުންވެސް ނޫން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު އިންޑިއާ އަށް އެތެރެވާން މަސައްކަތްކުރީ އެއްވެސް ހުއްދައެއް ނެތި ކަމަށާއި އަދީބު އިންޑިއާ އަށް އެތެރެވާން މަސައްކަތްކުރި ބަނދަރަކީ ބިދޭސިންނަށް އެގައުމަށް އެތެރެވާން ހުއްދަ އޮންނަ ސަރަހައްދެއް ނޫން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ އަދީބު އަދިވެސް ހުންނެވީ އިންޑިއާގެ ސޫތުކުޅީގެ ބަނދަރުގައި، ޑިޓެއިން ކޮށްފައި ކަމަށެވެ.

"އިންޑިއާ އަށް އެތެރެވުމުގެ ހުއްދައެއް އަދީބަކަށް ނެތް. އޭނާ އަތުގައި ސައްހަ ލިޔެކިޔުމެއްވެސް ނެތް،" ރަވީޝް ވިދާޅުވެފައިވެއެވެ.

"އިންޑިއާ އަށްދާ މީހުން ގައުމަށް އެތެރެވާން ވަަކި ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅިފައި އެބަހުރި. އެކަމަކު ސޫތުކުޅީގެ ބަނދަރަކީ އެފަދަ ސަރަހައްދެއް ނޫން. އިންޑިއާ އަށް އެތެރެވާއިރު ހުންނަންޖެހޭ ލިޔެކިޔުން ތައް ހަމައަށް ހުންނަންޖެހޭނެ."

ރަވީޝް ވިދާޅުވީ އަދީބުގެ މައްސަލާގައި އިންޑިއާ އަށް އެތެރެވާން މަސައްކަތްކުރި ސަރަހައްދުގެ ގޮތުންނާއި، އަދީބުގެ އަތުގައި ސައްހަ ލިޔެކިޔުމެއް ނެތުމުގެ ސަބަބުން އިންޑިއާ އަށް އެތެރެވުމަށް ހުއްދަ ދެވެން ނެތް ކަމަށެވެ.

އަދީބު ވަގަށް އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރަނިކޮށް މިއަދު ވަނީ ހިފަހައްޓައިފައެވެ. އެކަމާ ގުޅޭ ވާހަކަތައް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރަން ފެށީ މިއަދު މެންދުރުއެވެ. އޭގެ ކުރިން އަދީބު ފިލިކަން ދިވެހި މީޑިއާގައި ތިލަވެފައެއް ނުވެއެވެ.

އަދީބު ފިލި މައްސަލާގައި މިއަދު ހަވީރު ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ކުރާ ތަހުގީގަށް ހާޒިރުވުމަށް އަދީބަށް އެންގި ނަމަވެސް ހާޒިރުވެފައި ނުވާ ކަމަށެވެ. ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުުވުމަށް އަދީބަށް އަންގާފައިވަނީ އިއްޔެ މެންދުރު 2:00 އަށް ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ އަދީބުގެ މައްޗަށް ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސުޕްރީމު ކޯޓުން އަމުރެއް ނެރެފައިވަނިކޮށް، ފިލައިގެން ކަނޑުމަގުން ރާއްޖެއިން ބޭރަށް ދިޔަ މަގުމަތީ އަދީބު ހިފަހައްޓާފައިވާ ކަމަށެވެ.

އެކުވެރި ގައުމުތަކާއި ގުޅިގެން އަދީބު ރާއްޖެ ގެނައުމުގެ މަސަކްކަތް ފުލުހުން ފަށާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ އަދީބު ފިލުވުމުގައި ބައިވެރިވެ، އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ތަމަޅަ ބަހުން ނެރޭ "ޕުދިޔަތަލައިމުރައި" ނޫހުގައި މިއަދު ޝާއިއު ކުރި ހަބަރެއްގައި ބުނީ، އިންޓެލިޖެންސް މައުލޫމާތަކާ ގުޅުގެން އިންޑިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަދީބު އަތުލައިގަތީ، އިންޑިއާގެ ސޫތުކުޅީގެ ކަނޑުގެ ސަރަހައްދުން ކަމަށެވެ.

ނޫސްތަކުން ބުނަނީ، އަދީބު އިންޑިއާއަށް އެތެރެވާން އުޅުނީ "ވާގޯ-9" ނަމަކަށް ކިޔާ ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެންނެވެ.

އިންޑިއާގެ އިންޓެލިޖެންސް އިދާރާ، ރިސާޗް އެންޑް އެނެލިސިސް ވިންގް (ރޯ)އާއި ކަސްޓަމްސްއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނަނީ، އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރީ، އިންޑޮނޭޝިޔާގެ އަށް މީހަކާއި ތަމަޅަ އެކަކު ހުރި ޓަގްބޯޓެއްގައި ކަމަށެވެ. އެ ބޯޓްގައި ތިބި، ނުވަ މީހުންގެ އިތުރުން 10 ވަނަ މީހަކަށް އެ ބޯޓްގައި ހުރީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.

އަދީބު ފިލަން މަސައްކަތް ކުރި ޓަގް ބޯޓަކީ ސިންގަޕޫރުގެ ދިދަ ޖެހި ބޯޓެކެވެ. ޓަގް ބޯޓްގެ ދަތުރުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ބޯޓް އިންޑިއާގެ ޓުޓްކޮރިންގެ ބަނދަރަށް ވަނީ މިއަދު ހެނދުނު 9:17ގަ އެވެ.

ބޯޓްގެ ރެކޯޑްތަކުން ފެންނަ ގޮތުގައި، އެ ބޯޓު ސޫތުކުޅިއަށް ދަތުރު ކުރީ، ރާއްޖެއިން ކަމަށާއި އަދި މި ބޯޓް ވަނީ ކ. ފޭދޫފިނޮޅު ކައިރީގައި ނަގިލި އަޅައިގެން އޮވެފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ، ގޮތުގައި އަދީބު ފިލި ޓަގް ބޯޓް ރާއްޖެއިން އިންޑިއާއަށް ފުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އިންޑިއާ ކޯސްޓްގާޑުން، އެ ޓަގު ބޯޓު ހިފެހެއްޓީ ސޫތުކުޅީގެ ކަނޑުގެ ސަރަހައްދުން މިއަދު ހެނދުނު 9:00 ހާއިރު އެވެ. އަދި ކޯސްޓްގާޑުން ބެލިބެލިމުން ފަޅުވެރިންގެ އިތުރުން އިތުރު މީހަކު އެ ބޯޓުގައި ދަތުރުކުރި އެވެ.

އެ ބޯޓަކީ ރާއްޖެއާއި އިންޑިއާޔާ ދޭތެރޭގައި ގެދޮރު އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނު ހިފައިގެން ދަތުރުކުރާ ބޯޓެކެވެ.

comment ކޮމެންޓް