ޑެންގީ ހުން ފެތުރޭވަރު މަދެއް ނުވޭ: އެޗްޕީއޭ

އެޗްޕީއޭއިން މިނިވަން މުއައްސަސާތަކާ ގުޅިގެން ޑެންގީ ހުން ނައްތާލުމުގެ ގައުމީ ކެމްޕޭން ފެށުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަދިރީގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ޑެންގީ ހުން ފެތުރޭ މިންވަރު އަދިވެސް ދަށް ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުގައި ބުނީ މިއަހަރުގެ މިހާތަނަށް 3195 މީހަކަށް ޑެންގީ ޖެހުނު ކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުގައި ވާގޮތުން މިދިޔަ ޖޫން މަހު 353 މީހަކަށް ޑެންގީ ޖެހުނުއިރު މިދިޔަ މަހު 368 ފަރާތަކަށް ޑެންގީ ޖެހުނެވެ.

ފާއިތުވި ހަތަރު އަހަރުގެ ޖުލައި މަހުގެ ތެރެއިންވެސް މިދިޔަ ޖުލައި މަހަކީ އެންމެ ގިނައިން ޑެންގީ ރިޕޯޓް ކުރި މަހެވެ.

ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ ސަރަހައްދުން 84 މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ.

ޑެންގީ ޖެހުނުވަރު އިތުރުވި ނަމަވެސް ޗިކަން ގުންޏާ ޖެހުނު މީހުންގެ އަދަދު މިދިޔަ މަހު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ޖޫން މަހު 96 މީހަކަށް ޑެންގީ ޖެހުނުއިރު މިދިޔަ މަހު ޑެންގީ ޖެހިފައިވަނީ 77 މީހަކަށެވެ.

ޗިކަންގުންޏާ ޖެހިގެން މިއަހަރުގެ މިހާތަނަށް 1345 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

comment ކޮމެންޓް