ޓެކްސީގެ އާ އަގުތަކާމެދު މަސްހުނި ހިޔާލުތަކެއް

ސިނަމާލެ ބްރިޖު މަތީ އުުޅަނދުތައް ދުއްވާފައިވަނީ ---

ހުޅުމާލެ އާއި މާލެ އަދި ހުޅުލެ-ހުޅުމާލެގެ އިތުރުން މާލެ-ހުޅުލެ އާއި ދެމެދު ކުރާ ޓެކްސީ ދަތުރުތަކުގެ އަގުގެ މައްސަލައަކީ ސިނަމާލެ ބްރިޖު ހުޅުވީއްސުރެ ފެންމަތިވެފައިވާ، ހައްލު ނުވެ، އޮތް ބޮޑު މައްސަލައެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރިޖު ހުޅުވުމަށްފަހު، ބްރިޖުން ކުރާ ދަތުރުތަކުން ނަގާނެ އަގުތައް ސަރުކާރުން ކަނޑައެޅި ނަމަވެސް ޓެކްސީ ޑްރައިވަރުން އެއަގުތަކާ އެއްބަހެއް ނުވި އެވެ. ދަތުރުތައް ކުރަމުންދިޔައީ ޑްރައިވަރުން ހިތުހުރި އަގެެއްގަ އެވެ. އެއީ 100 ރުފިޔާ އަށެވެ. ނޫނީ އެ ފީ އެއަށް ވުރެ، ބޮޑުކޮށްލާ ފަހަރުވެސް އާދެ އެވެ.

ބްރިޖު ހުޅުވުމަށް ފަހު ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައެޅި އަގުތަކަކީ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކޮޅަކަށް 40 ރުފިޔާ އެވެ. އަދި ދެ ރަށުން ވެސް ހުޅުލެއަށް ދަތުރުކުރުމަށް ކޮޅަކަށް 35 ރުފިޔާ އެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރިއެކޭ އެއްފަދައިން 25 ރުފިޔާއެވެ. ޑިކީއަށް ދާގީނާ ލާނަމަ އަދި ރޭގަނޑު 12ގެ ފަހުން ދަތުރު ކުރާ ނަމަ އިތުރު ފަސް ރުފިޔާ ނެގިދާނެ ކަމަށް ވެއެވެ. ނަމަވެސް ޓެކްސީތަކުން ބްރިޖުމަތިން ކުރާ ކޮންމެ ދަތުރަކަށް 100 ރުފިޔާ ނަގައި އެ އަގު ދެމެހެއްޓި އެވެ. ހުޅުލެއަށް ކުރާ ދަތުރަކަށް ވިޔަސް، ހުޅުމާލެ އަދި މާލެއަށް ކުރާ ދަތުރަކަށް ވިޔަސް ބްރިޖު ނުވަތަ ހައިވޭ ހުރަސްކުރާ ނަމަ 100 ރުފިޔާ ނަގަ އެވެ.

މި އަގުތަކާމެދު ޑްރައިވަރުން ނުރުހި، އެމީހުން ބޭނުން އަގުތަކުގައި ދަތުރުކުރަމުންދަނިކޮށް މި ސަރުކާރުން ވެރިކަމާ ހަވާލުވެ، އެންމެ ފުރަތަމަ ކުރި ކަމަކީ ކުރީގެ އަގުތަކުގައި ދަތުރު ކުރޭތޯ، ރެގިއުލޭޓްކުރުމެވެ. އެކަން ކާމިޔާބުނުވެ، ހުއްޓާލަން ޖެހުނީ ޑްރައިވަރުންގެ އިހުސާސްތައް ޓްރާންސްޕޯޓު މިނިސްޓަރާއި ހަމައަށް ގެންދިޔުމުންނެވެ. ޓްރައިވަރުންގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ޓްރާންސްޕޯޓު މިނިސްޓަރު އޭރު ހުއްދަ ދެއްވީ 100 ރުފިޔާ އަށް ކުރަމުންދާ ދަތުރުތައް އެ އަގުގައި ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް އަގުތައް ރިވިއު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އެތައް މަހެއްފަހުން، ޓްރާންސްޕޯޓު މިނިސްޓްރީ އިން މިހާރު ވަނީ ޓެކްސީ ދަތުރުތަކުގެ އަގުތައް ރިވިއުކޮށް އަލުން އާންމުކޮށްފަ އެވެ. އެ އަގުތަކަށް ބަލާއިރު މާލެ އާއި ހުޅުމާލެ އާ ދެމެދި ދަތުރު ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ އެވެ. މާލެ އަދި ހުޅުމާލެ އިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިއާ އަށެވެ. މާލެ އަދި ހުޅުމާލޭގައި ކުރާ ދަތުރުތަކުގެ އަގަކީ މިހާރުގެ އަގުކަމަށްވާ 25 ރުފިޔާ ކަމަށްވެސް ވަނީ ކަނޑައަޅައިފަ އެވެ.

މި ބަދަލާއެކު ޓެކްސީ ޑްރައިވަރުންގެ ހިޔާލުތައް ހުރީ މަސްހުނިކޮށެވެ. ބައެއް ޑްރައިވަރުންގެ ނަޒަރުގައި އަލަށް އެކުލަވާލާ އާންމުކުރި އަގުތަކަކީ ބޮޑު އަގުތަކެއް ނޫނެވެ. ހުޅުމާލޭގައި ހިންގާ ޓެކްސީ ސެންޓަރެއްގެ ޑްރައިވަރަކު ބުނީ ސަރުކާރުން ކަނޑައެޅި އަގުތައް ކުޑަނޫން ކަމަށެވެ. އެ އަގުތަކާމެދު ހިތްހަމަޖެހޭ ކަމަށްވެސް އެ ޑްރައިވަރު ބުންޏެވެ.

މާލޭގައި ހިންގާ ޓެކްސީ ސެންޓަރަކުން ބުނީ ސަރުކާރުން ކޮންމެ އަގެއް ކަނޑައެޅިނަމަވެސް އެ ސެންޓަރުގެ ކާރުތައް ކުރާ ދަތުރުތައް މާލެ އާއި ހުޅުމާލެ އާއި ދެމެދު ކުރާނީ 100 ރުފިޔާ އަށް ކަމަށެވެ. އަލަށް ކަނޑައެޅި އަގުތަކުގައި އެ މީހުންނަށް ދަތުރެއް ނުކުރާނެ އެވެ.

"އެއްވެސް ކާރެއް ނޯންނާނެ ޓެކްސީ ކުރާ، ސަރުކާރުން ދީގެން ދަތުރުކުރާ. ސަރުކާރުން ހަރަދު ކުރާ. ކޮންމެ އަގެއް ކަނޑައެޅިޔަސް މިތަނުގެ ޓެކްސީތަކުން ކުރާނީ ހަމަ 100 އަށް،" އެ ސެންޓަރުން ބުންޏެވެ.

މާލޭގައި ހިންގާ އެހެން ޓެކްސީ ސެންޓަރަކުން ބުނީ ސަރުކާރުން އެކުލަވާލި އަގުތައް ރަނގަޅު ކަމަށެވެ. އެ އަގުތަކާމެދު ހިތްހަމަ ނުޖެހޭ ޑްރައިވަރުން އެބަތިބި ކަމަށާއި ނަމަވެސް ސެންޓަރުން ދެކެނީ އެއީ އެންމެ ރަނގަޅު އަގުތަކެއްކަމަށް، އެ ސެންޓަރުން ބުންޏެވެ.

ހުޅުމާލޭގައި ހިންގާ އެހެން ޓެކްސީ ސެންޓަރަކުން ބުނީ އަގުތަކާމެދު އެ ސެންޓަރުން އަދި އެ ސެންޓަރުގެ ޑްރައިވަރުންވެސް އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ ކަމަށެވެ.

"މިއީ ކުދިން ކާންބޯން ކުރާ މަސައްކަތް. މި އަގުތަކުގައި ކިހިނެއް ކުރާނީ؟ މިސާލަކަށް މިތަނުން [ހުޅުމާލެއިން] މާލޭގެ އޭއެމްޑީސީ އަށް ކުރާ ދަތުރަށް އެބަ އަނދާ 30 ލީޓަރުގެ ޕެޓްރޯލު. އެއީ އަނބުރާ އައުމާ ހަމައަށް. ހުޅުމާލެ ޓެކްސީ ސެންޓެެއް ވީމާ ގިނަ ޑްރައިވަރުން ހަމަ އަނބުރާ އަންނާނީ މިކޮޅަށްދޯ؟ ގިނައިން ޓެކްސީ ދުއްވަނީ ކާރުތަކުގެ ވެރިންނެއް ނޫން. އެކުދިން އެބަޖެހޭ ވެރިންނަށް ދުވާލަކު 300 އާ 500 އާ ދެމެދުގެ ފީ އެއް ދޭން،" ހުޅުމާލެ ސެންޓަރުން ވާހަކަ ދެއްކި ޑްރައިވަރު ބުންޏެވެ.

އެ ސެންޓަރުން އަދި ބުނީ 100 ރުފިޔާ އަށް ދަތުރުކުރާއިރު އެއްވެސް ފަސިންޖަރަކު އަގުބޮޑުވެގެން ޝަކުވާ ނުކުރާ ކަމަށެވެ. އެހެން ވީމާ އެއީ ބަދަލު ކުރަން ނުޖެހޭ އަގެއް ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

"މި ބަދަލުގެނައީ އަޅުގަނޑުމެންނާ އެކަށީގެންވާ ވަރަށް މަޝްވަރާވެސް ނުކޮށް ރަނގަޅު ހިޔާލު ނުހޯދާ. ފަސްފުވަސް ކުރިން ބޭއްވި ބައްދަލުވުމެއް މަޖީދިއްޔާގައި. އެކަމަކު އެ ބަދަލު ގެންނަން ވެލިޑް ރީޒަނެއް ނެތް،" ހުޅުމާލެ ސެންޓަރެއްގެ ޑްރައިވަރަކު ބުންޏެވެ.

އޮގަސްޓު ހަތަކުން ފެށިގެން އަލަށް އެކުލަވާލި އަގުތަކަށް ދަތުރުކުރުން މަޖުބޫރުނަމަ، އެއްވެސް ޓެކްސީއެއް މަގުމައްޗަށް ނުނިކުމެ އިހުތިޖާޖު ކުރަން ވެސް އޭނާ ގޮވާލި އެވެ.

ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނީ އަގުތައް ކަނޑައެޅީ ގިނަ ދިރާސާތަކަށްފަހު، ކަމާބެހޭ ހުރިހާ މުވައްސަސާތަކާއި ޓެކްސީ ސެންޓަރުތައް އަދި ޑްރައިވަރުންނާވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.

އަލަށް އެކުލަވާލި އަގުތަކާއެކު ޓެކްސީ ދަތުރުތައް ދެން ކުރެވޭނީ އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ. "އަވަސް ރައިޑް" ޕިކްމީ" އަދި "އެއައީ" އެޕްލިކޭޝަނަށް ޓްރާންސްޕޯޓުން ހުއްދަދީފައިވާއިރު ޓެކްސީތައް އެޕްލިކޭޝަނަށް ރެޖިސްޓްރީވުމަށް ވަނީ ދެ މަސް ދީފަ އެވެ.

މިބަދަލާއެކު އަމިއްލަ މީހުންގެ ކާރުތަކަށްވެސް ޓެކްސީގެ ހިދުމަތް ދެވޭނެ އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ގިނަ ރައްޔިތުންގެ ޝަކުވާއަކަށް ވެފައި އޮތީ ޓެކްސީ ނުލިބޭ މައްސަލަ އާއި އަދި ޓެކްސީގެ އަގުތައް ބޮޑުވުން ކަމަށެވެ.

"ރައްޔިތުންގެ ޝަކުވާތަކަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުންނާއި އަދި އާންމު ރައްޔިތުންގެ އަޑު އަހާ ކުރެވުނު މަޝްވަރާތަކަށްފަހު އަޅުގަނޑުމެން މި ބަދަލު މިގެނައީ ހުރިހާ ފަރާތްތަކަށްވެސް ފައިދާވާނެ ގޮތަކަށް ބެލުމަށްފަހު. އަދި މި ކަމުގެ ފަސޭހަ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދު ކުރަން،" ނަހުލާ ވިދާޅުވި އެވެ.

މިއާއެކު ޓެކްސީ އެޕްލިކޭޝަން މެދުވެރިކޮށް އާންމު ފަރާތްތަކަށްވެސް ޕްރައިވެޓް ހަޔާ ގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅިފައިވާ ގަވާއިދުތަކާއި އެއްގޮތަކަށް ޓެކްސީ ހިދުމަތް ދޭން މިހާރު ހުރަހެއް ނޯންނާނެ އެވެ.

އާންމުންގެ ހިޔާލަށް ބަލާއިރު 100 ރުފިޔާ އިން 75 ރުފިޔާ އަށް ޓެކްސީގެ އަގު ކުޑަކުރުމަކީ ގެނައި ހެޔޮ ބަދަލެކެވެ. ދެންއޮތީ ރުންކުރު، ގޮތްދޫނުކުރާ ޓެކްސީ ޑްރައިވަރުންގެ ފަރާތުން ކުރި ހޯދޭނެ ގޮތެއް ފެނޭތޯ މަސައްކަތް ކުރުން ކަމަށް ދެކޭ މީހުން އެބަތިއްބެވެ.

"ކުރިންވެސް 40 ރުފިޔާ އަށް ކުރިއިރު ބުނޭ ދިމާލަށް ނުކުރެވޭނެޔޭ އެ އަގުގައެއް. ބައެއް މީހުން ދަތުރު ނިމުނީމަ 40 ރުފިޔާ ދޭ. އަގާމެދު ހިތްހަމަ ނުޖެހުމުން މަގުމައްޗަށް ބާލާފައިވެސް ދިޔައީތާ. މިކަން ތަންފީޒުކުރޭތޯ ރެގިޔުލޭޓު ކުރުމުން ނޫނީ ހައްލެއް ނާންނާނެ. އަސްލު 100 ރުފިޔާ އަކީ ވަރަށް ބޮޑު އަދަދެއް،" ސަން އާ ވާހަކަ ދެއްކި އާންމުންގެ މީހަކު ބުންޏެވެ.

ޓެކްސީގެ ހިދުމަތަށް އަނެއްކާވެސް ގެނައި މިބަދަލާއެކު ޓެކްސީ ޑްރައިވަރުންގެ ފަރާތުން ލިބުނީ މަސްހުނި ހިޔާލުތަކެކެވެ. މިއާއެކު ޓެކްސީ ލިބުމުގައި އަދި ދަތުރުކުރުމުގައި އަންނާނެ ބަދަލުތައް އެނގޭނީ ރަސްމީކޮށް އަގުތައް ތަންފީޒު ކުރަން ފަށާ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް