"މެނޭޖްމެންޓުން ކޮށްދެން ބުނި އެއްކަމެއްވެސް ކޮށްނުދޭ"

ވިކްޓަރީގެ ކޯޗު މުހައްމަދު އާދަމް --- ފޮޓޯ// ހުސައިން ވަހީދު، މިހާރު ނޫސް

މިފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގަށް، ގިނަ ގޮންޖެހުންތަކަކަށް ފަހު ޒުވާން ޓީމެއް ގޮވައިގެން ނުކުތް ވިކްޓަރީގެ މެނޭޖްމެންޓުން ކޮށްދެން އެއްބަސްވި އެއްކަމެއް ވެސް ކޮށް ނުދޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.

މާލީ ގިނަ ހާލަތުތަކެއް ކުރިމަތިވެ މިފަހަރުގެ ލީގުން ވެސް ގެއްލިދާނެ ކަމުގެ ބިރު ހީވެފައި އޮތް ވިކްޓަރީއިން ދައްކަން ޖެހޭ ފައިސާ ޚަލާސްކޮށް މިފަހަރުގެ ލީގުން ޖާގަ ލިބުނީ ވެސް ލީގު ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. އޭރު ޓީމަށް ރަނގަޅު ފެންވަރުގެ ކުޅުންތެރިން ގެންނާނެ ފައިސާ ކުލަބުގައި ނެތުމުން 31 ކުޅުންތެރިންގެ ސްކޮޑަކާ އެކު ވިކްޓަރީން ސީޒަނާ ކުރިމަތިލީ ގިނަ ޒުވާން ކުޅުންތެރިންތަކަކާ އެކު އެވެ.

އެ ޓީމުގެ ކޯޗު ކަމާ ހަވާލުވި މުހައްމަދު އާދަމް އޭރު ވެސް ދެއްކި އެއްވާހަކަ އަކީ އޭނާ ކުލަބާ ގުޅުނީ ޓީމުގެ ހާލަތު އެނގި ހުރެ ކަމަށެވެ. ނަމަވެސް ޓީމަށް އައު މެނޭޖްމެންޓެއް އައުމުން ކުރިއަށް އޮތްތާގައި ޓީމު ވެއްޓިފައި ވާ ވަޅުގަނޑުން އަރައިގަނެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް އޭރު ކޯޗު ބުނި ނަމަވެސް މިއަދު އޭނާ ބުނީ ޓީމްގެ މެނޭޖްމެންޓުން ކުރަން ބުނި އެއްވެސް ކަމެއް ނުކޮށްދޭ ކަމަށެވެ.

"ހީކުރި ގޮތާ ވަރަށް ތަފާތުކޮށް ކަންތައް ވީ. ޓީމުގެ މެނޭޖްމެންޓުން ކޮށްދެން ބުނި އެއްވެސް ކަމެއް މާލީ ދަތިތަކާ ހެދި ނުކޮށްދޭ،" ވިކްޓަރީގެ ކޯޗު މުހައްމަދު އާދަމް ބުންޏެވެ.

އޭނާ ބުނީ ކުލަބުގައި މިވަގުތު ތިބީ ވެސް އެންމެ 16 ކުޅުންތެރިން ކަމަށެވެ. އޭގެން ކުޅުންތެރިއަކަށް އަނިޔާ ވެއްޖެއްޔާ މެޗަށް ހާޒިރުވެސް ނުވެވޭނެ ކަމަށް ކޯޗު ބުންޏެވެ.

"ޓީމަށް ނެގީ 31 ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިއަކު ކުޑަ އީދު ބަންދަށް ރަށަށް ދިޔަ ގޮތަށް ނާދޭ. އަދި އިތުރު ތިން ކުޅުންތެރިއަކު 19 އަހަރުން ދަށުގެ ޕްރެކްޓިސްއަށް ދާން ފެށި ފަހުން ޓީމު ޕްރެކްޓިސްގައި ބައިވެރި ނުވޭ. އޭގެ ފަހުން އަނެއްކާ ވެސް ތިން ކުޅުންތެރިޔަކު ޓީމް ދޫކޮށްލައިފި،"

މީގެ އިތުރުން ކޯޗު ބުނީ ސޮއި ކޮށްފައި ތިބި ކުޅުންތެރިން އެއްވެސް އުޒުރަކާ ނުލައި ޓީމު ދޫކޮށްލުމުން އެ މައްސަލަ ބަލައިދިނުމަށް އެދި އެފްއޭއެމްއަށް ވެސް ހުށައަޅާފައިވާނެ ކަމަށެވެ.

"މި މައްސަލައާ މެދު ގޮތެއް ނިންމަން ޓީމުގެ މެނޭޖްމަންޓާ ވާހަކަ ދެއްކޭނެ ގޮތެއް ނުވޭ. މެސެޖް ކުރީމަ ރިޕްލައި އެއް ނުކުރޭ. ބަލާކަން އިނގޭ. މިގޮތަށް ކަންތައް ވަންޏާ ޓީމު ދޫކޮށްލަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް،"

ވިކްޓަރީން މި ސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެ އެވެ.

comment ކޮމެންޓް