ސްޓިކާ ޖަހާ މައްސަލައިގައި ނަހުލާ ހާޒިރުކުރުން އަންނަ ހަފްތާގައި

ނަހުލާ: މަޖިލީހަށް ހާޒިރު ކުރުން އަންނަ ހަފްތާގައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ސްޓީކާ ޖަހާ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހަށް ހާޒިރު ކުރުމަށް އަންނަ ހަފްތާއަށް ތާވަލް ކުރުމަށް ނިންމައިފި އެވެ.

މާލޭގައި ޕާކު ކުރާނެ ތަންތަން އެކަށީގެންވާ މިންވަރަށް ނުހަދައި، ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުފަހަރުގައި ޕާކިންގް ސްޓިކާ ޖަހާ މައްސަލައިގައި މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރުކުމަށް ހުށަހެޅީ ކާށިދޫ ދާއިރާ މެމްބަރު، އަބްދުﷲ ޖާބިރެވެ. ނަހުލާ ހާޒިރުކުރުމަށް އޭނާ ހުށަހެޅީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިނިސްޓަރަކާ ސުވާލުކުރުމަށް މެމްބަރަކު ހުށަހެޅުމުން އެ މިނިސްޓަރަކަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހޭނެއެވެ. ޖާބިރު ސުވާލު ކުރުމަށް ހުށަހެޅީތާ 14 ދުވަސް ހަމަވި ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރުވެފައި ނުވެއެވެ.

މިއަދު މަޖިލީހުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު އަމިނަތު ނިއުޝާ ވިދާޅުވީ، ނަހުލާ ހާޒިރުކުރުން އަންނަ ހަފްތާއަށް ތާވަލް ކޮށްދިނުމަށް މިނިސްޓަރު އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން މިއަންނަ ހަފްތާގެ ދުވަހަކަށް މިނިސްޓަރު ނަހުލާ ހާޒިރުކުރުމަށް ތާވަލް ކުރާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ދުވަހަކަށް ކަމެއް ނިއުޝާ ވިދާޅެއް ނުވެއެވެ.

މިނިސްޓަރު ނަހުލާގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހާޒިރުކޮށް ސުވާލު ކުރައްވަން ޖާބިރު ހުށަހެޅުއްވި އެވެ. މިނިސްޓަރު އިމްރާން އާ ސުވާލު ކުރަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އެ މިނިސްޓްރީ އިން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ނިއުޝާ ވިދާޅުވީ، މިނިސްޓަރު އިމްރާން މިވަގުތު ހުންނެވީ ހައްޖުގެ އަޅުކަން ފުރިހަމަ ކުރައްވަން ކަމަށާއި އެހެން ކަމުން އިމްރާން އެނބުރި މާލެ އައުމުން އޭނާ ހާޒިރުކުރަމަށް ތާވަލް ކުރާނެ ކަމަށެވެ.

comment ކޮމެންޓް