"ސިޓީ މެޗަށް ޓީމު ބޮޑު ތަނުން ރަނގަޅު ކުރަން ޖެހޭ"

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް --- ފޮޓޯ/ އޭޕީ

އިނގިރޭސި ވިލާތުގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ބަލިކުރުމަށް ޓަކައި ޓީމު ބޮޑު ތަނުން ރަނގަޅު ކުރަން ޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ވޭތުވެ ދިޔަ އަހަރުގެ ވާދަވެރި މެޗުތަކަކަށް ފަހު އެންމެ ޕޮއިންޓެއްގެ ތަފާތުން ލިވަޕޫލް އަތުން ޕްރިމިއާ ލީގުގެ ތަށި ބީވެގެން ދިޔަ ނަމަވެސް އެ ޓީމުން ސީޒަން ނިންމާލީ ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ރަން ޓްރޮޕީއާ އެކު އެވެ. އަދި މިދިޔަ ސީޒަނުގައި ވެސް އެ ޓީމު ދެއްކި ތަފާތު މޮޅު ކުޅުން މި ފެށޭ ސީޒަނުގައި ވެސް ތަކުރާރު ކުރުމަށް އެ ޓީމުން ވަނީ މަސައްކަތް ފަށައިފަ އެވެ.

ނަމަވެސް އެ ޓީމުން މިހާރު ކުރިއަށްދާ ޕްރި-ސީޒަން ރަހްމަތްތެރި ކަމުގެ މެޗުތަކުގައި ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ. އެގޮތުން އެ ޓީމުން މިފަހަރުގެ ޕްރި ސީޒަން ފްރެއިންޑްލީގައި ކުޅުނު ހަތަރު މެޗަކުން ބަލިވެފައިވެ އެވެ.

"މެޗަކަށް ފަހު މެޗެއް އަންނަނީ ކުޅުން ރަނގަޅު ވަމުން. ސިޓީ މެޗަށް ތައްޔާރުވާން ބާކީ ތިން ދުވަސް އަދި އެބައޮތް،" ލިވަޕޫލްގެ ކޯޗު ކްލޮޕް ލިވަޕޫލްގެ އޮފިޝަލް ވެބްސައިޓުގައި ބުންޏެވެ.

އޭނާ ބުނީ ސިޓީ ވަނީ ކޮމިއުނިޓީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އަދި އެ ޓީމުން ޕްރި ސީޒަންގައި ވެސް ރަނގަޅު މެޗުތަކެއް ކުޅެފައިވާ ކަން ވެސް ކްލޮޕް ވަނި ފާހަގަ ކޮށްފަ އެވެ.

"ޓީމުގެ ޕާފޯމެންސް އެބަ ޖެހޭ ބޮޑު ތަނުން ރަނގަޅު ކުރަން. ސިޓީގެ ތައްޔާރީތަކަށް ބަލައި އެ ޓީމު ވަރުގަދަ ވާނެ ކަމަށް ބެލެވޭ. ސިޓީ އަކީ ޕްރި ސީޒަނުގައި ކުޅުނު އެހެން ޓީމުތަކާ ވަރަށް ތަފާތު ޓީމެއް. އެ ޓީމާ ދެކޮޅަށް ތައްޔާރުވުމަކީ ވެސް އުނދަގޫ ކަމެއް،"

ލިވަޕޫލްގެ އެންމެ މުހިއްމު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ސަލާހު އާއި ރޮބާޓޯ ފިރްމީނިއޯ އަދި އެލިސަން ބެކާ ވެސް މިހާރު ވަނީ އިންޓަނޭޝަނަލް ބްރޭކަށް ފަހު ޓީމާ ގުޅިފަ އެވެ.

comment ކޮމެންޓް