އަންހެނުންގެ ވޯލްޑް ކަޕު ވެސް 32 ޓީމަށް އިތުރު ކޮށްފި

މިފަހަރުގެ ފްރާންސްގައި ބޭއްވި ވޯލްޑް ކަޕުގެ ތަށި އެމެރިކާގެ އަންހެން ޓީމުން އުފުލާލަނީ --- ފޮޓޯ// ބޮބް ހިލް

ފިރިހެނުންގެ ވޯލްޑް ކަޕެކޭ އެއްގޮތަށް އަންހެނުން ކުޅޭ ވޯލްޑް ކަޕު ވެސް 32 ޓީމަށް އިތުރު ކުރަން ފީފާއިން ނިންމައިފި އެވެ.

މި އަހަރުގެ ފްރާންސްގައި ބޭއްވި އަންހެނުންގެ ވޯލްޑް ކަޕުގައި 24 ޓީމެއް ބައިވެރިވެ، މީގެ ކުރިން ނުފެންނަ ފަދަ ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މުބާރާތުގެ ތަށި މިފަހަރު ވެސް އުފުލާލީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) އިން ނެވެ. މިއީ އެ ޓީމުން އެ މުބާރާތް ވިދިވިދިގެން ކާމިޔާބު ކުރި ދެވަނަ ފަހަރަށް ވީ އިރު މިފަހަރުގެ ވޯލްޑް ކަޕުގައި ފެނުނު ފޯރިއާއި ވާދަވެރިކަމަށް ބަލައި 2023 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕުގައި 32 ގައުމު ވާދަ ކުރާ ގޮތަށް ފީފީއިން މިއަދު ވަނީ ނިންމައިފަ އެވެ.

މިފަހަރުގެ ފްރާންސްގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުގައި ގޯލު ޖެހުމަށް ފަހު އެމެރިކާގެ އަންހެން ޓީމުން އުފާ ފާޅު ކުރަނީ --- ފޮޓޯ// ބޮބް ހިލް

ފީފާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިފަހަރުގެ ވޯލްޑް ކަޕު ނިންމާލީ ފޯރި އާއި ބޮޑު ވާދައެއްގައި ކަމުން މިއީ ވަރަށް ވެސް ކާމިޔާބުކަމާ އެކު ނިންމާލި މުބާރާތެއް ކަމަށެވެ. އެހެން ކަމުން މިފަހަރުގެ ކާމިޔާބީއަށް ބަލައި އަންހެނުންގެ ވޯލްޑް ކަޕުގައި އިތުރު އަށް ޓީމު ބައިވެރިވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. ވީމާ ދެން އަންނަ ފަހަރެއްގައި އަންހެނުންގެ ވޯލްޑް ކަޕުގައި ވެސް 32 ޓީމު ކުޅޭނެ އެވެ.

"މިފަހަރުގެ ވޯލްޑް ކަޕު ބަލާލި ކޮންމެ މީހަކަށް ވެސް ފެންނާނެ މުބާރާތުގައި ހުރި ވާދަވެރިކަން. މިކަމުން ދޭހަ ކޮށްދެނީ އަންހެނުންގެ ފުޓުބޯޅަ ވެސް ކުރިއަރާފައިވާ މިންވަރު. އެހެން ކަމުން އިތުރު ޓީމުތަކަށް ފުރުސަތު ދީ މިއަށް ވުރެން ވެސް ފޯރި ގަދަ ވުމުން އަދި މުބާރާތް މާ ފުރިހަމަ ވާނެ." ފީފާގެ ރައީސް ޖިއަނީ އިންފެންޓީނޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އަންހެނުންގެ ފުޓުބޯޅައަށް ލިބިގެން ދާނެ އިންގިލާބެއް ކަމަށާއި މި ރޮނގުން ކުރިއަށްދާން ބޭނުން ނަމަ އަންހެނުންނަށް ވެސް އެކަމުން ކުރިއަށް ދެވޭނެ ކަން މިއަދު ތިބި ކުޅުންތެރިން ވަނީ ސާބިތުކޮށްދީފައި ކަމަށެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ އަންހެން ވޯލްޑް ކަޕް ބާއްވަން ބޭނުންވާ ގައުމުތަކަށް އޮކްޓޯބަރު ހަތަރު ވަނަ ދުވަހު ބިޑަށް ހުޅުވާލާ އިރު، އާޖެންޓީނާ، އޮސްޓްރޭލިއާ، ބޮލީވިއާ، ބްރެޒިލް، ކޮލޮމްބިއާ، ޖަޕާން، ނިއުޒީލެންޑް، ސައުތް އެފްރިކާ އަދި ދެކުނު ކޮރެއާއާއި އުތުރު ކޮރެއާ ގުޅިގެން ބާއްވަން ވަނީ ބިޑު ކުރަން ނިންމައިފަ އެވެ.

comment ކޮމެންޓް