ބާރަށު އެއް އާއިލާއެއްގެ ދެ މީހުން ނިޔާވީ ކުއްލި މަރަކުން

ހއ. ބާރަށް: އެ ރަށު އެއް އާއިލާއެއްގެ ދެ މީހުން އިއްޔެ މަރުވެފައިވަނީ ކުއްލި މަރަކުން ކަމަށް އާއިލާ އިންނާއި ފުލުހުން ވަނީ ބުނެފައި --

ހއ. ބާރަށުގެ އެއް އާއިލާއެއްގެ ދެ މީހުން އިއްޔެ މަރުވެފައިވަނީ ކުއްލި މަރަކުން ކަމަށް އާއިލާއިންނާއި ފުލުހުން ބުނެފި އެވެ.

ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް 'ސަން' އަށް ވިދާޅުވީ، ނިޔާވެފައިވަނީ އޭނާގެ އަންހެނުންގެ އާއިލާގެ ދެ މީހުން ކަމަށެވެ. އެގޮތުން ފުރަތަމަ ނިޔާވެފައިވަނީ މާލޭގައި ހުންނަ އޭނާގެ އަންހެނުންގެ ބޭބެ ކަމަށާއި އަދި އޭގެ އިރުކޮޅެއް ފަހުން ބާރަށުގައި ދިރިއުޅެމުންދިޔަ އަންހެނުންގެ ފަހަރި އެއް ވެސް ނިޔާވެފައިވާ ކަމަށެވެ.

އަންހެން މީހާއަކީ 65 އަހަރުން މަތީގެ އަންހެނެކެވެ. އަދި ފިރިހެން މީހާގެ އުމުރަކީ 52 އަހަރެވެ. ދެ މީހުން ވެސް ނިޔާވިއިރު އެއްވެސް ބައްޔަކަށް ފަރުވާ ކުރަމަކުން ނުދެ އެވެ. ނަމަވެސް ފިރިހެން މީހާ މީގެ 15 ވަރަކަށް ދުވަސް ކުރިން ހުން އައިސްގެން ޑޮކްޓަރަށް ދައްކައި ޓެސްޓްތަކެއް ހެދި ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، 52 އަހަރުގެ ފިރިހެނެއް ނިޔާވެގެން ޝަހަރާއަށް ގެންދިޔަ ފަހުން ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް އާއިލާއަށް ފާހަގަވެގެން ރިޕޯޓް ކުރި ކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ބެލި ބެލިމުން އެއީ ގުދުރަތީ މަރެއް ކަމަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބާރަށުން މަރުވި އަންހެން މީހާ ވެސް މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް އޭނާ ބެއްލެވި އެ ރަށު ސިއްހީ މަރުކަޒު ޑޮކްޓަރާއި ހަވާލާދެއްވައި އާއިލާގެ މެންބަރަކު ވަނީ 'ސަން' އަށް ބުނެފަ އެވެ.

މީގެ ކުރިން 2017 ވަނަ އަހަރު މާލޭގައި ވަނީ ކުއްލި ގޮތަކަށް ދެމަފިރިން ވެސް މަރުވެފަ އެވެ. ޖެނުއަރީ މަހުގެ އައް ވަނަ ދުވަހު މ. ލައިޓް ސިގްނަލް ގޭގައި މަރުވެފައި ތިއްބައި ފެނުނު ދެމަފިރިންގެ ހަށިގަނޑުގެ ބޭރު ފުށުން އަނިޔާއެއް ލިބިފައިނުވާ އިރު ބޮޑަށް ބެލެވެނީ މަރުވެފައި ވަނީ ގުދުރަތީ ގޮތުން ކަމަށް ފުލުހުން އޭރު ވަނީ ބުނެފަ އެވެ.

comment ކޮމެންޓް