ރަން ތަރިންނަށް ތުލުސްދޫއިން ހޫނު މަރުހަބާއެއް

ރަން މެޑަލް ހޯދި ޓީމުތަކުގެ ކުޅުންތެރިން މިއަދު ތުލުސްދޫއަށް ދިއުމުން އެ ރަށުގެ ރައްޔިތުން ކީ ހޫނު މަރުހަބާ --- ފޮޓޯ// އަހުމަދު ޝުރާއު: އަވަސް

ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް މެޑަލް ހޯދައިދިން ކުޅުންތެރިން މިއަދު ތުލުސްދޫއަށް ދިއުމުން އެ ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މޮރިޝަސްގައި އެންމެ ފަހުން ބޭއްވި އައިއޯއައިޖީގައި ދިވެހި ރާއްޖެ ތަމްސީލު ކުރި ޓީމުން ވަނީ 15 މެޑައްޔަށް އަމާޒުކޮށްގެން ގޮސް އެ އަދަދަށް މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ހަތަރު ރަން މެޑަލް ވެސް ހިމެނޭ އިރު މިއީ ބައިނަލް އަގުވާމީ މުބާރާތަކުން ދިވެހި ޓީމަށް އެންމެ ބޮޑު ކާމިޔާބެއް ލިބުނު މުބާރާތެވެ. އެ މުބާރާތުގައި އެކި އެކި ގޭމްސްތަކުން މެޑަލް ހޯދި ކުޅުންތެރިންގެ ކާމިޔާބީ ފާހަގަ ކުރުމަށްޓަކައި ދިވެހީން ވަނީ މިދިޔަ ހޯމަ ދުވަހު ރަތް ދޫލައިގެ މަރުހަބާއެއް ޓީމަށް ދީފަ އެވެ.

އަދި އެއަށްފަހު އެ ކުޅުންތެރިންތައް ނިސްބަތްވާ ބައެއް ރަށްރަށަށް މެޑަލް ހޯދި ހުރިހާ ކުޅުންތެރިން ޒިޔާރަތް ކުރުމަށް ނިންމާފައިވާ އިރު މިއަދު ވަނީ ބީޗް ވޮލީގެ ޓީމް އިވެންޓުން ރިހި މެޑަލް ހޯދި ޓީމުގެ ކެޕްޓަން ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އުޅެ ބޮޑުވި ރަށް ކަމަށްވާ ތުލުސްދޫއަށް ޓީމު ދަތުރު ކޮށްފަ އެވެ. މެޑަލް ހޯދި ކުޅުންތެރިން އެރަށަށް ދިއުމުން އެ ރަށުގެ ކުދި ބޮޑު އެންމެން ވެސް ވަނީ ހޫނު މަރުހަބާއެއް ޓީމަށް ކިޔައިފަ އެވެ.

ރަން މެޑަލް ހޯދި ޓީމުތަކުގެ ކުޅުންތެރިން މިއަދު ތުލުސްދޫއަށް ދިއުމުން އެ ރަށުގެ ރައްޔިތުން ކީ ހޫނު މަރުހަބާ --- ފޮޓޯ// އަހުމަދު ޝުރާއު: އަވަސް

މަންކޭ ބުނީ އަމިއްލަ ރަށް ނޫން ނަމަވެސް ކުޑައިރުން ސުރެއް އުޅެ ބޮޑުވި ރަށުން މިފަދަ ހޫން މަރުހަބާއެއް ކިއުމުން ބުނެދޭން ނޭންގޭހާ ވެސް އުފާވި ކަމަށެވެ.

"އަޅުގަނޑު އުމުރުން 11 އަހަރުން ފެށިގެން ދިރިއުޅުނީ ތުލުސްދޫގައި. ވޮލީގެ ތެރެއަށް ވަދެވުނީ ވެސް މިރަށުގައި ކިޔެވި ދުވަސްވަރު އިންޓާ ހައުސް މުބާރާތުގެ ތެރެއިން. އެހެން ވީމަ މި ހޯދި ކާމިޔާބީގެ އަސްލަކީ މިރަށް." މަންކޭ ބުންޏެވެ.

މި ދަތުރުގައި ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފާއި ޔޫތް މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި މާދަމާ ވެސް ރަން ޓީމުގައި ހިމެނޭ ކުޅުންތެރިން ވަނީ ރާއްޖޭގެ އެހެން ރަށަކަށް ޒިޔާރަތް ކުރުމަށް ނިންމައިފަ އެވެ.

comment ކޮމެންޓް