މީޑިއާ ރެގިއުލޭޓް ކުރަން ބޭނުންވަނީ އެއް މުއައްސަސާ: މީޑިއާ ކައުންސިލް

މިއަދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ދެ މުއަސަސާ އޮންނަ ނުޖެހޭ ކަމަށް މީޑިއާ ކައުންސިލުން ބުނޭ -- ސަން ފޮޓޯ/ އަހްމަދު އައުޝަން

ރާއްޖޭގެ މީޑިއާތައް ބެލެހެއްޓުމަށް ދެ މުއަސަސާ އޮންނަން ނުޖެހޭ ކަމަށާއި އޮންނަންޖެހޭނީ އިންތިޚާބީ އެއް މުއައްސަސާ ކަމަށް މޯލްޑްވިސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

މީޑިއާތައް ރެގިއުލޭޓް ކުރުމަށް މީހާރު އޮންނަ ދެ މުއަސަސާއަކީ، ބްރޯޑްކާސްޓިން ކޮމިޝަންއާއި މީޑިއާ ކައުންސިލެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން މީޑީއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ، މީޑިއާ ކައުންސިލްގެ ދައުރު ބޮޑު ވެފައި އެ ކައުންސިލަށް ލިބެނީ ކުޑަ ބަޖެޓެއް ކަމަށެވެ. ނަމަވެސް ބްރޯޑްކޮމްގެ މެމްބަރުންގެ މުސާރައާއި ބަޖެޓް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކައުންސިލްގެ މެމްބަރުންގެ މުސާރަ، ކުރާ މަސައްކަތާ ނުބައްދަލުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެމްބަރުންގެ މުސާރަ މިއުޅޭނީ 5،000 ރުފިޔާގައި. މެމްބަރުން ގެޔަށް ގެންދަން މި ލިބެނީ 4،650 ރުފިޔާ. ދައުލަތުގެ އެހެން މުއަސަސަތަކަށް ބަލާ އިރު، ހަމަ މި ދާއިރާއާ ގުޅުން ހުރި ބްރޯޑްކާސްޓިން ކޮމިޝަންގެ މުސާރަ މިއުޅެނީ 30،000 - 40،000 ދެމެދު. ހަމަ އެއް މަސައްކަތެއް މި ކުރަނީ،" ހިދާޔަތުﷲ ވިދާޅުވި އެވެ.

މިއަދު ކޮމިޓީގެ ބައްދަލުވުމެގ ތެރެއިން: ދެ މުއަސަސާ އޮންނަ ނުޖެހޭ ކަމަށް މީޑިއާ ކައުންސިލުން ބުނޭ -- ސަން ފޮޓޯ

މީޑިއާތައް ރެގުލޭޓް ކުރުމަށް ދެ މުއަސަސާ އޮންނަ ޖެހޭ ކަމަށް ގަބޫލު ކުރައްވަންތޯ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ސުވާލު ކުރެއްވުމުން ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ، މިޑީއާ ރެގިއުލޭޓް ކުރުމަށް އޮންނަން ޖެހެނީ އެއް މުއަސަސާއެއް ކަމަށާއި ނަމަވެސް އެ މުއަސަސާގެ މެމްބަރުން އައްޔަން ކުރައްވަން ޖެހޭނީ މީޑީއާ ކައުންސިލް މެމްބަރުން އިންތިހާބު ކުރާ ގޮތަށް ރަޖިސްޓްރީކޮށްގެން ހިންގާ މީޑީއާތަކުގެ ވޯޓުން ކަމަށެވެ.

ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަ އިތުރަށް ތިލަ ކޮށްދެއްވަމުން ކައުންސިލް ނައިބު ރައީސް އާޒިފް ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރާ މުއައްސަސާ ކޮންމެ ނަމެއްގައި އޮތަސް ބޭނުން ވަނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއެއް ކަމަށެވެ.

"ކައުންސިލް މެމްބަރުންގެ ވިސްނުމަކީ [މީޑިއާ ރެގިއުލޭޓް ކުރުމަށް] އެއް މުއަސަސާ އޮތުން. މީޑީއާ ކޮމިޝަނެއް ވިޔަސް، މީޑީއާ ކައުންސިލެއް ވިޔަސް ކޮންމެ ނަމެއް ކިޔަސް އޮންނަންވީ އެއް މުއަސަސާއޭ. ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އެއްވެފައި އެއް މުއަސަސާއެއްގެ ގޮތުގައި،" ކަމަށެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ

އާޒިފް ވިދާޅުވީ، އެ މުއައްސަސާއަކަށް މެމްބަރުން އައްޔަން ކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވައިގެން މަޖިލީހުން ފާސްކޮށްގެން ނޫން ކަމަށެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު އަހްމަދު ނާއިފު ވިދާޅުވީ، މުހިންމީ މުއަސަސާއަށް ކިޔާ ނަމެއް ނޫން ކަމަށާއި އެއް މުއަސަސާއެއްގެ ގޮތުގައި ހިންގާ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމްއެއް ކަމަށެވެ.

"އަޅުގަނޑުމެން ބަލައިގެން ނުވާނެ ގާނޫނެއް ހަދާ އިރު އެންމެ އިޚްލާސްތެރި މީހާކަމަށް މަގާމުތަކަށް އަންނަން ޖެހޭނީ. ރައީސުލްޖުމްހޫރިއްޔާއަށް ވެސް އަންނާނީ އެންމެ ސޯލިހް މީހާއޭ. އެގޮތަށް އަޅުގަނޑުމެން ވިސްނައިގެން ނުވާނެ. ބަލަން ވާނީ ގާނޫނުތައް އެބިއުސް ކޮށްފާނެ ކަމަށް. އުސޫލުތައް މުގުރާލާފާނެ ކަމަށް. އެހެން ކަމުން މުހިންމީ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމެއް،" ނާއިފު ވިދާޅުވި އެވެ.

މިއަދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ކައުންސިލް މެމްބަރު ނާއިފު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ

ކައުސިލަށް އެކަށީގެންވާ ބަޖެޓެއް ދޭން ޖެހޭ!

ކައުންސިލް މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި މިހާރު ކައުންސިލަށް ކަނޑައަޅާފައިވަނީ އެންމެ އެކަށީގެންވާ ބަޖެޓެއް ނޫނެވެ. އެގޮތުން ރަނގަޅު އެކަށީގެންވާ ބަޖެޓެއް މަޖިލީހުން ކައުންސިލަށް ކަނޑައެޅުމަށް ކައުންސިލް މެމްބަރުން އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންނަށް މުސާރައިގެ ގޮތުގައި ކިތަންމެ ކުޑަ އެއްޗެއް ލިބުނަސް އެކަން ގަބޫލުކޮށްގެން އައިސް މި ތިބީ. އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރުމުގެ ގޮތެއް [ރަނގަޅު ބަޖެޓެއް] ތިބޭފުޅުން ފަހި ކޮށްދެއްވާށޭ. މިކަމަށް އަދޭސް ދަންނަވަން. މަސައްކަތް ކުރެވޭނެ ގޮތެއް ކޮންމެވެސް ވަރެއްގެ އެއްޗެއް ލިބިގެން އަޅުގަނޑުމެން ކުރަން އުޅޭ ކަންތައް ކުރެވޭނީ،" ކައުންސިލް މެމްބަރު ޝިފްޒާ މުސްތަފާ ވިދާޅުވި އެވެ.

މިޑީއާ ކައުންސިލަށް މިހާރު ދެމުން އަންނަނީ 4.2 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން 83 ޕަސަންޓަކީ، މެމްބަރުންނާއި މުވައްޒިފުންގެ މުސާރައެވެ. ހަތް ޕަސެންޓް ބިލްތަކަށް ދާއިރު، ތިން ޕަަސަންޓް ޚަރަދު ކުރަނީ އިދާރީ ކަންކަމަށެެވެ. ބާކީ ހަތް ޕަސަންޓް ޚަރަދު ކުރަނީ ނޫސްވެރިންގެ އެވޯޑަށެވެ.

comment ކޮމެންޓް