ޔޫއޭއީ ގެ އަސްކަރީ ވަފްދެއް އީރާނަށް ވަޑައިގެން އީރާނާ މަޝްވަރާ ކުރަނީ

އީރާނާއި ޔޫއޭއީގެ ކޯސްޓް ގާޑް ކޮމާންޑަރުން ތެހެރާންގައި ބައްދަލުކުރައްވަނީ

ތެހެރާން (ޖުލައި 31): ގަލްފުގެ ކަނޑު ދަތުރު ފަތުރުގެ ސަލާމަތަށްޓަކައި އީރާނާއެކު މަޝްވަރާކޮށް ވިލަރެސް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިން ބުނެފިއެވެ.

އީރާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީ ގެ ކޯސްޓް ގާޑު ޑިޕާޓްމަންޓްގެ ކޮމާންޑަރު ބްރިގޭޑިއާ މިސްބާޙް އަލްއަޙްބާބީ ވިދާޅުވީ އީރާނަކީ ގަލްފުގެ އެއްފަޅި ކަމަށާއި އެހެންކަމުން ގަލްފު ސަރަހައްދުގެ ކަނޑު ދަތުރު ފަތުރުގެ ސަލާމަތާބެހޭގޮތުން އީރާނާ މަޝްވަރާކޮށް ވިލަރެސް ކުރަންޖެހޭ ކަމަށާ އެއީ ކުރުން މުހިއްމު ކަމެއް ކަމުގައިވެސް ޔޫއޭއީ ދެކޭ ކަމުގައެވެ.

ބްރިގޭޑިއާ މިސްބާޙް ވަނީ އީރާނާއި ޔޫއޭއީ އާ ދެމެދު ކެނޑިފައިވާ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރުމުގެ ބޭނުންތެރިކަމާބެހޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

ގަލްފުގެ ކަނޑު ދަތުރު ފަތުރުގެ ސަލާމަތާބެހޭގޮތުން އީރާނާ މަޝްވަރާކޮށް ވިލަރެސް ކުރުމަށްޓަކައި ޔޫއޭއީގެ ޔޫއޭއީ ގެ ކޯސްޓް ގާޑު ޑިޕާޓްމަންޓްގެ މަތީފެންވަރުގެ ވަފްދެއް އިއްޔެވަނީ ތެހެރާނަށް ވަޑައިގެންފައެވެ. އެވަފްދުގައި ހަތް ބޭފުޅުން ހިމެނޭއިރު އެވަފްދުގެ ވެރިއަކީ ޔޫއޭއީ ގެ ކޯސްޓް ގާޑު ޑިޕާޓްމަންޓްގެ ކޮމާންޑަރު ބްރިގޭޑިއާ މިސްބާޙް އަލްއަޙްބާބީ އެވެ. އޭނާވަނީ އީރާނުގެ ކޯސްޓް ގާޑުގެ ވެރިޔާ ބްރިގޭޑިއާ ގާސިމް ރިޟާއީ އާއި ބައްދަލުކުރައްވާފައެވެ.

ޔޫއޭއީގެ އަސްކަރީ ވަފްދުގެ ބޭފުޅުން ގަލްފުގެ ކަނޑު ދަތުރު ފަތުރުގެ ސަލާމަތާބެހޭ ކަންކަމުގެ އިތުރުން އީރާނާއި ޔޫއޭއީގެ ކަނޑުގެ ސަރަހައްދުގެ އަމަނާބެހޭ ކަންތައްތަކާބެހޭގޮތުންވެސް އީރާނުގެ މަސްއޫލުވެރިންނާ މަޝްވަރާކުރައްވާނެ ކަމަށާއި މިއީ ދެގައުމުގެ މެދުގައި ބާއްވާ މި ބާވަތުގެ ހަވަނަ ބައްދަލުވުން ކަމަށް ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީ ބުނެއެވެ.

ޔޫއޭއީ އަކީ މީގެ ތިން އަހަރު ކުރިން ސައޫދީ އާ ބައިވެރިވެގެން އީރާނާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލާފައިވާ ގައުމެކެވެ. އަދި އީރާނުން ޔަމަނަށާއި މެދުއިރުމައްޗަށް ބާރާއި ނުފޫޒު ހިންގާކަމަށްބުނެ ޔޫއޭއީ ގެންދިޔައީ ސައޫދީ އާ ގުޅިގެން އީރާނާ ކުރިމަތިލުމުގެ ސިޔާސަތެއްވެސް ވަރަށް ފޯރިއާއެކު ގެންގުޅެމުންނެވެ.

ސައޫދީ އާއި ގުޅިގެން ޔޫއޭއީ އަސްކަރީ ގޮތުން ޔަމަނަށް ވަދެގެނެ ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދަނީވެސް އީރާނުގެ ބާރާއި ނުފޫޒު ޔަމަނުން ކުޑަ ކުރުމަށްޓަކައި ކަމަށް ޔޫއޭއީ ބުނަމުން ގެންދިޔައެވެ. މިއާއެކު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާއަށް ހިއްވަރުދޭ ގައުމެއްގެ ގޮތުގައިވެސް ސައޫދީ އާއި އިސްރާއީލާއެކު ޔޫއޭއީ ސިފަކުރެވިގެން ދިޔައެވެ.

ނަމަވެސް ޔޫއޭއީން އީރާނާމެދު ގެންގުޅޭ ސިޔާސަތަށް މިފަހަކަށް އައިސް ބޮޑު ބަދަލެއް އަންނަތަން ވަނީ ފެންނަން ފަށާފައެވެ. މިގޮތުން ޔަމަންގެ ހަނގުރާމައިން ފޭބުމަށް ޔޫއޭއީ ނިންމާފައިވާއިރު އީރާނާމެދު ޔޫއޭއީ ކުރިން ގެންގުޅުނު ހަރުކަށި ސިޔާސަތު ބަދަލުކުރާތަންވެސް ވަނީ ފެންނަން ފަށާފައެވެ.

މިގޮތުން ޔޫއޭއީން އީރާނަށް ބަހުގެ ހަމަލާތައް ދިނުން ހުއްޓާލާފައިވާއިރު މީގެ ދެހަފްތާ ކުރިން ޔޫއޭއީ ވަނީ އީޜާނާ މަޝްވަޜާ ކުރުމަށްޓަކައި ޑިޕްލޮމެޓިކް ވަފްދެއްވެސް ފޮނުޥާފައެވެ. އަދި އީރާނުން އިނގިރޭސި ތެޔޮ ޓޭންކަރެއް ހުރްމުޒް ކަނޑޮއޮޅިން ހިފެހެއްޓި މައްސަލާގައިވެސް ޔޫއޭއީ ން އީރާން ކުށްވެރިކޮށް ބަޔާނެއް ނެރެފައެއް ނުވެއެވެ.

އަދި ގަލްފުގެ ކަނޑު ދަތުރު ފަތުރުގެ ސަލާމަތަށްޓަކައި ކަމަށްބުނެ އިނގިރޭސިވިލާތް އިސްކޮށް އޮވެގެން އީޜާނާ ދެކޮޅަށް އަސްކަރީ ބާރެއް ގަލްފަށް ފޮނުވަން މަސައްކަތްކުރާއިރު ޔޫއޭއީ މިވަނީ ގަލްފުގެ ކަނޑު ދަތުރު ފަތުރުގެ ސަލާމަތަށްޓަކައި އީރާނާއެކު މަޝްވަރާކޮށް ވިލަރެސް ކުރުމަށް އަސްކަރީ މަތީފެންވަރުގެ ވަފްދެއްވެސް ފޮނުވާފައެވެ.

ޔޫއޭއީގެ ސިޔާސަތަށް މިބަދަލު އައީ އެމެރިކާ ލައްވައި އީޜާނާ ދެކޮޅަށް ހަނގުރާމަ ފެށިދާނެކަމަށް ސައޫދީ އާ ގުޅިގެން ޔޫއޭއީ ހީކުރި ހީކުރުންތަކާއި ކުރި އުންމީދުތައް ގެއްލި އެމެރިކާ އިން ބައެއްގެ ހިމާޔަތުގައި އީރާނާ ދެކޮޅަށް ހަނގުރާމަ ނުކުރާނެކަމުގެ މެސެޖް ޔޫއޭއީ އަށް ލިބުމުން ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އީރާނަކީ ހަނގުރާމަކޮށްގެން "ފަތަހަ" ކުރެވޭވަރަށްވުރެ އާބާދީ މާބޮޑު އަދި އަސްކަރީ ބާރު ގަދަ އަދި ސަރަހައްދުގައިވެސް އިންތިހާއަށް ނުފޫޒުގަދަ އަދި ހަތިޔާރުގެ ޓެކްނޮލޮޖީވެސް ތަރައްގި ކޮށްފައިވާ ގައުމަކަށްވެފައި އީޜާން ގެ ބައިވެރިންގެ ގޮތުގައި ޗައިނާ، ރަޝިއާ ތުރުކީ ފަދަ ގައުމުތައް ތިބުމުން އީރާނާދެކޮޅަށް އެމެރިކާ ހަނގުރާމަ ނުފަށާނެކަން ޔޫއޭއީ އަށް ކަށަވަރު ވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ގަލްފުގެ ސަރަހައްދުގައި ހަރަކާތްތެރިވި އެމެރިކާގެ އަސްކަރީ ޑްރޯނެއް އީޜާނުން ވައްޓާލުމުންވެސް އެމެރިކާ އީރާނާދެކޮޅަށް އަސްކަރީ ފިޔަވަޅެއް އަޅަން ފަސްޖެހުމާއި އަދި އީރާނުގެ މަސްއޫލުވެރިންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވާން ފެށުމުން އެމެރިކާއިން އީރާނާދެކޮޅަށް ހަނގުރާމަ ނުފަށާނެކަން ޔޫއޭއީ އަށްވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ.

ދާދިފަހުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯވެސްވަނީ އީރާނަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށާ އެފުރްސަތު ނުދެނީ އީރާނުން ކަމަށް ވިދާޅުވެފައެވެ.

(ނޫސް އެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް