ދުބާއީގެ ވެރިޔާގެ އަނބިކަނބަލުން އިނގިރޭސި ކޯޓަކުން ހިމާޔަތަށް އެދިވަޑައިގެންފި

ޕްރިންސެސް ހަޔާ ވަނީ ލަންޑަނުގެ ކޯޓަކަށް މައްސަލަ ހުށަހަޅުއްވާފަ -- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖުލައި 31): ދުބާއީގެ ވެރިޔާ ޝެއިހު މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އަނބިކަނބަލުން އަމީރާ ހަޔާ ބިންތު އަލް ހުސެއިން އިނގިރޭސި ކޯޓަކުން ހިމާޔަތަށް އެދިވަޑައިގެންފިއެވެ.

ލަންޑަނުގެ ރޯޔަލް ކޯޓް އޮފް ޖަސްޓިސްގައި އަމީރާ ހަޔާ އެދިވަޑައިގެންފައި ވަނީ "ފޯސްޑް މެރިޖް ޕްރޮޓެކްޝަން އޯޑާ"އަކަށާއި "ނަން-މޮލެސްޓޭޝަން އޯޑާ"އަކަށެވެ. އޭގެ ތެރެއިން ފުރަތަމަ އަމުރަކީ މީހަކު މަޖުބޫރުން ކައިވެނި ކުރުވުމާ ދެކޮޅަށް ނެރޭ އަމުރެކެވެ. އަދި ދެވަނަ އަމުރަކީ ގެވެށި އަނިޔާއިން މީހަކު ހިމާޔަތް ކުރުމަށް ނެރޭ އަމުރެކެވެ.

އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމަށް ޝެއިހު މުހައްމަދު ވަޑައިނުގަންނަވަ އެވެ. ނަމަވެސް އޭނާ ވަނީ އެދެބޭފުޅުންގެ ދެ ދަރިކަލުން އަނބުރާ ދުބާއީއަށް ފޮނުވައިދިނުމަށް ކޯޓުގައި އެދިވަޑައިގެންފަ އެވެ. އަދި އެމައްސަލައާ ބެހޭ ގޮތުން ރިޕޯޓު ކުރުން ހުއްޓުވައިދިނުމަށް ޝެއިހު މުހައްމަދު އެދުނު ނަމަވެސް، ކޯޓުން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.

އަމީރާ ހަޔާއަކީ ޝެއިހު މުހައްމަދުގެ ހަތަރު އަބިކަނބަލުންގެ ތެރެއިން އެންމެ ހަނގު އަނބިކަނބަލުންނެވެ. މި ހަތަރު އަނބިކަނބަލުންގެ އިތުރުން ވަރަށް ޒުވާން 2 ޖާރިއާ އިންވެސް ޝައިހު މުހައްމަދު ގެންގުޅެއްވާކަމަށް ހަބަރުތައް ބުނެއެވެ.

އުމުރުފުޅުން 45 އަހަރުގެ ހަޔާއަކީ އުރުދުންގެ އަވަހާރަވެފައިވާ ކުރީގެ ރަސްގެފާނު ޙުސައިންގެ ދަރިކަނބަލެކެވެ. އުރުދުންގެ މިހާރުގެ ރަސްގެފާނު އަބްދުﷲ ދެވަނައަކީ ވެސް ރަސްގެފާނު ޙުސައިންގެ ދަރިކަލެކެވެ. އެހެންކަމުން އުރުދުންގެ އަބްދުﷲ ރަސްގެފާނަކީ ހަޔާގެ އެއްބަފާ ކޮއްކޯފުޅެވެ. ހަޔާގެ މަންމާފުޅަކީ ރަސްގެފާނު ހުސައިންގެ އަނބިކަނބަލެއްކަމަށްވާ އާލިއާ އަލް ހުސެއިންއެވެ.

ޚަބަރުތައް ބުނާގޮތުން ހަޔާ ދުބާއިން ސިއްރިޔާތުގައި ފިއްލަވައިގެން ދެ ދަރިކަލުންނާއެކު ފުރަތަމަ ވަޑައިގަތީ ޖަރުމަނަށެވެ. އަދި ޖަރުމަނުން އެކަމަނާ ހިމާޔަތް ހޯއްދަވަން މަސައްކަތް ކުރެއްވި ނަމަވެސް ޔޫއޭއީގެ ސަރުކާރުން ޖަރުމަނަށް ކުރިމަތިކުރި ފިއްތުންތަކާ ގުޅިގެން އަމިއްލަފުޅަށް ޖަރުމަނު ދޫކުރައްވައި، ދެ ދަރިކަލުންނާއެކު ލަންޑަނަށް ވަޑައިގެންނެވީއެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އަމީރާ ހަޔާ ފިއްލެވީ، ޝެއިހް މުހައްމަދުގެ ދަރިކަނބަލެއް ކަމަށްވާ ޝެއިހާ ލަތީފާއާ ބެހޭ ގޮތުން ލިބުނު މައުލޫމާތުތަކާ ގުޅިގެންނެވެ.

ޝެއިހާ ލަތީފާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔޫއޭއީން ފިއްލަވާފައެވެ. ނަމަވެސް އެއަހަރުގެ މާޗް މަހު ޔޫއޭއީގެ ސިފައިން ވަނީ އެކަމަނާ ގައުމަށް އަނބުރާ ގެންގޮސްފައެވެ.

ޝެއިހާ ލަތީފާގެ ހާލު ރަނގަޅު ކަމަށް ޔޫއޭއީގެ ސަރުކާރުން ބުނި ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެކަމަނާގެ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް