އިންޑިއާ ކަނޑުގައި ބޮޑު ދާ އެޅުން ހުއްޓުވާ ގަރާރު މަޖިލީހަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް --- ފޮޓޯ/ މަޖިލިސް

އިންޑިއާ ކަނޑުގައި ބޮޑު ދާ އެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލައި، ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުالله ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

އެ ގަރާރު މަޖިލީހަށް ބަލައިގަތީ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ވޯޓުގައި ބައިވެރިވި 69 މެމްބަރުންގެ ވޯޓާ އެކުއެވެ. ގަރާރު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މަޖިލީހުން ގަރާރު ބަލައިގަތުމާއެކު، އެ ގަރާރު ދިރާސާ ކުރުމަށް އިގްތިސޯދީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

މެމްބަރު ޝަހީމް ހުށަހެޅުއްވި ގަރާރުގައި ވަނީ އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން ކުރެވޭ މަސްވެރިކަމުގައި ބޮޑު ދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން ކުރުން އާންމުވެފައިވާތީއާއި އެކަމުގެ ސަބަބުން ކަންނެލީގެ ސްޓޮކް މަދުވެ، ރާއްޖޭގެ އިގްތިސޯދަށާއި މަސްވެރިކަމުގެ ސިނާއަތަށް ގެއްލުން ވަމުން ދާތީ، މަސްވެރިކަމުގައި ރާއްޖެއިން ގެންގުޅޭ ދެމެހެއްޓެނިވި އުސޫލުތައް ކުރިއަރުވައި އެ އުސޫލުތަކާ ހިލާފަށް މަސްވެރިކަން ކުރުން މަނާ ކުރަން ޖެހޭ ކަމަށެވެ.

އަދި އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެންނާއި އޮޔާ ދާ ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމުގައި ހަމަޖައްސައި އެކަން ތަންފީޒު ކުރެވޭނެ އުސޫލުތަކެއް އެކަށައެޅުމަށް ރާއްޖެއިން ވަކާލާތުކުރުމަށް ވެސް ގަރާރުގައިވެއެވެ.

އަދި ދޮށީގެ މަސްވެރިކަމުގައި ބޭނޭ ކުދި ރީނދޫ އުރަހަ ކަންނެލި މަދު ކުރުމަށް އޮއިވާލި ކަނދުފަތިތައް ކައިރިން މަސްވެރިކަން ކުރުމުގެ ބަދަލުގައި އައިންމަތީ މަސް އައިނުން މަސްވެރިކަން ކުރުމަށް ހިތްވަރު ދިނުމަށް ފިޝަރީޒް މިނިސްޓްރީއިން ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމަށް ވެސް މެމްބަރުގެ ގަރާރުގައި ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް