ބޭންކަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު މުޅި އިގްތިސޯދަށް ކުރާނެ: ބީއެމްއެލް

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރާޢްޖޭގެ އިގްތިސޯދުގައި މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށާއި ބޭންކަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ދިވެހި އިގްތިސޯދަށް ކުރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ޗެއާޕާސަން ސައީދާ އުމަރު ވިދާޅުވީ މިދިޔަ އަހަރަކީ އެ ބޭންކަށް ކާމިޔާބު އަހަރެއް ނަމަވެސް އެ ކާމިޔާބީގެ އަލި ފަނޑުކޮށްލާ ފަދަ ގޮންޖެހުންތައް ބޭންކަށް ކުރިމަތިވެފައިވާ ކަމަށެވެ.

"ބޭންކުގެ ހިދުމަތް ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދިނުމަށް ގާއިމުކުރެވިފައިވާ ގުޅުންތަކަށް ނުރަނގަޅު އަސަރުކުރުވާ ފަދަ ގޮންޖެހުންތަކެއް. ބޭންކާ މެދު ބޭންކުގެ ހިއްސާދާރުންނާއި ބޭންކުގެ ކަސްޓަމަރުން ބޭންކަށް ކުރަމުން އައި އިތުބާރަށް ބުރޫ އަރާ ފަދަ ގޮންޖެހުންތަކެއް. ބޯޑުން އަދި މެނޭޖްމަންޓުން ވެސް ދެކޭ ގޮތުގައި މާލީ ނިޒާމުގެ ތެރެއިން ހިންގާ ފައިސާގެ މުއާމަލާތްތަކާ ގުޅުން ހުރި ކުށްތަކަކީ، އެކަންކަން ފާހަގަވުމާ އެކު އަވަހަށް ތަހުގީގުކުރެވި ފިޔަވަޅު އެޅެންޖެހޭނެ މައްސަލަތައް،" އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ބެންކަށް ދިއްކުރެވޭ އިނގިލިތަކާއި ތުހުމަތުތަކާ ގުޅޭ ގޮތުން ސައީދާ ވިދާޅުވި އެވެ.

ސައީދާ ވިދާޅުވީ މާލީ ނިޒާމުގެ ތެރެއިން ކުރެވޭ ކުށްތައް ނުބެލި ދިގުލައިގެންދާ ކޮންމެ ދުވަހަކީ މާލީ ނިޒާމަށް ރައްޔިތުންކުރާ އިތުބާރުކުޑަވެ، މާލީ ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށް ވެސް އޭގެ ނުރަނގަޅު އަސަރުކުރުވާނެ ކަމެއް ކަމަށެވެ.

ބީއެމްއެލް އަކީ މާލީ ނިޒާމުގެ ތެރޭގައި ސިސްޓެމިކް ބޭންކެއްގެ ގޮތުގައި ރާއްޖޭގައި އޮޕަރޭޓްކުރާ ހަމައެކަނި ބޭންކު ކަމަށާއި ބޭންކަށް އަންނަ ކޮންމެ ލޮޅުމަކުން ދިވެހި ވިޔަފާރިތަކާއި ދިވެހި ރައްޔިތުންނަށް ހީނުކުރާ ފަދަ އަސަރުތައް ކުރަމުންދާ ކަމަށް ސައީދާ ވިދާޅުވި އެވެ.

"ރާއްޖޭގެ މާލީ ބާޒާރުގައި ސިސްޓެމިކް ބޭންކެއްގެ ގޮތުގައި މި ބޭންކުން އަދާކުރާ ދައުރު ނަގަހައްޓައި ދަމަހައްޓައި އަދި ދިމާވާ ގޮންޖެހުންތަކަށް ފާރެވިވެ، އެ ގޮންޖެހުންތަކަށް ހައްލު ލިބިގެންދިއުމަކީ މުހިއްމު ކަމެއް. ކުރިމަތިވެފައި މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ދުވަހަކީ ވެސް މި ބޭންކަށާއި ބޭންކުގެ ހިއްސާދާރުނަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުންތަކެއް ލިބިގެންދާ ދުވަހެއް،"

ސައިދާ ވިދާޅުވީ ބޭންކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ބޭންކުގެ ބޯޑާއި މެނޭޖްމަންޓާއި އަދި ޖުމްލަ ގޮތެއްގައި ބޭންކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. ބޭންކިންގެ ދާއިރާގައި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ އެތައް ދިވެހިންގެ ކެރިއަރަށް މިކަމުގެ އަސަރު ކުރާނެ ކަމަށް ވެސް ސައީދާ ވިދާޅުވި އެވެ.

ބޭންކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަން ހުރި މަސައްކަތްތައް ބޮޑުކަމަށާއި ބޭންކުގެ ބޯޑުން އަދި މެނޭޖްމަންޓުން ވެސް އެދެނީ، ބޭންކާ މެދު ކުރިމަތިވެފައިވާ ތުހުމަތުތައް އަވަހަށް ތަހުގީގުކުރެވި، މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެން ދިޔުންކަމަށް ސައީދާ ވިދާޅުވި އެވެ.

"މައްސަލަތައް ތަހުގީގުކުރާ އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް މި ބޭންކުގެ ފުރިހަމަ އެއްބާރުލުން އަބަދު ވެސް ލިބިގެންދާނެ. އަދި ބޭންކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭންކުން އަބަދަ ވުސް އަމަލުކުރަމުންދާނީ، ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް. ކަސްޓަމަރުންގެ މަޢުލޫމާތުތަކާއި އެކައުންޓާ ގުޅުން ހުރި މަޢުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މި ބޭންކުން އަބަދުވެސް އިސްކަމެއް ދޭނެ ކަމެއް،"

ސައީދާ ވިދާޅުވީ ބޭންކަށް އަލަށް އައްޔަންކުރި ބޯޑުގެ އިރުޝާދުގެ ދަށުންނާއި، އަލަށް ބޭންކާ ގުޅިވަޑައިގެންނެވި ސީއީއޯގެ ލީޑަޝިޕްގެ ދަށުން، ބޭންކުގެ މުވައްޒަފުން މަސައްކަތްކޮށް، ބޭންކުގެ ހިއްސާދާރުންނާއި ކަސްޓަމަރުން ބޭންކާ މެދު ދެކޭ ތަސައްވަރު ހާސިލުވެގެން ދިއުމަކީ އުއްމީދު ކަމަށެވެ.

comment ކޮމެންޓް