އަންނަ ވޯލްޑް ކަޕާ ހަމައަށްވެސް އާޖެންޓީނާގެ ކޯޗަކަށް ސްކެލޯނީ

އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ --- ފޮޓޯ// ޖޭމީ ސްމިތު

އާޖެންޓީނާގެ ޓީމަށް 2023 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގެ ކޮލިފައިންގައި ވެސް އިރުޝާދު ދޭނީ އެ ޓީމަށް މިހާރުވެސް ކޯޗުކަން ކޮށްދެމުން އަންނަ ލިއޮނެލް ސްކެލޯނީ ކަމަށް އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން ބުނެފިއެވެ.

ވޭތުވެ ދިޔަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕުގައި އާޖެންޓީނާއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށްފަހު އޭރު އެ ޓީމުގެ ކޯޗުކަމުގައި ހުރި ޖޯޖް ސަމްޕޯލީ ވަނީ ޓީމުގެ ކޯޗުކަމުން ވަކި ކޮށްފައެވެ. އެއާއެކު އެ ޓީމުގެ ކޯޗުކަމަށް ދެން ހަވާލުވި ސްކެލޯނީގެ އިރުޝާދުގެ ދަށުން އެންމެ ފަހުން ކުޅުނު ކޮޕާ އެމެރިކާއިން އާޖެންޓީނާއަށް ވަނީ ތިންވަނަ ލިބިފައެވެ. ނަމަވެސް އޭނާގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހިގެން އާޖެންޓީނާގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ ބޮޑެތި ފާޑު ކިއުންތައް ސްކެލޯނީއަށް އަމާޒުކޮށްފައެވެ.

އެގޮތުން އާޖެންޓީނާގެ ސަޕޯޓަރުން އެންމެ ބާރަށް ދެއްކި ވާހަކައަކީ ޔުވެންޓަސްގެ ފޯވާޑް ޕައޮލޯ ޑިބާލާއަށް ފުރުސަތު ނުދޭ ވާހަކައެވެ. ޑިބާލާ މެޗުތަކުގެ ފަހު ވަގުތު ކުޅެން އަރުވާ އިރު އޭނާ ވަނީ ލިބޭ ވަގުތު ކޮޅުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

"މި އިދާރައިގެ އެގެޒެކެޓިވް ކޮމިޓީއިން ވަނީ އަންނަ އަހަރު ފަށައި ވޯލްޑް ކަޕުގެ ކޮލިފައިންގައިވެސް އާޖެންޓީނާގެ ޓީމަށް އިރުޝާދު ދޭނީ ލިއޮނެލް ސްކެލޮނީ ކަމަށް ނިންމާފައި. އެހެން ކަމުން ކުރިއަށް އޮތް ތިން އަހަރުވެސް ޓީމާ ހަވާލުވެ ހުންނާނީ ސްކެލޮނީ،" އާޖެންޓީނާގެ ފުޓުބޯޅަ އިދާރައިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އާޖެންޓީނާއިން 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް ފަހު ގިނަ ކޯޗުން ތަކެއް ވަނީ ޓީމަށް ގެނެސްފައެވެ. ނަމަވެސް ރަނގަޅު ނަތީޖާތަކެއް ނުނެރެވި ކޮންމެ ކޯޗެއް ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓީމުން ވަކިކޮށްފައެވެ.

comment ކޮމެންޓް