ގެއްލުމުގައި ހިންގާ ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރަން ގަރާރެއް ހުށަހަޅައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ: މަޖިލިސް

ސަރުކާރުގެ ހިއްސާ އޮވެގެން ހިންގަމުން އަންނަ ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ކުރަން ޖެހޭ ކަންކަން މިހާރުން މިހާރަށް ފަށްޓައި، އެކުންފުނިތައް ޕްރައިވެޓައިޒް ކުރުން ދައުލަތުގެ މައްޗަށް ލާޒިމު ކުރަން ގޮވާލައި ގަރާރެއް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހަޅުއްވައިފައި ވަނީ ޑީއާރްޕީގެ ލީޑަރު އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.

ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ސަރުކާރުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކަށް ވިޔަފާރިން ލިބޭ ގެއްލުން މިލިއަނަށް އަރައިގެންދާ ނަމަވެސް އެ އިރެއްގައި އޮންނަ ސަރުކާރަކަށް ތާއީދު ހޯދުމަށް، ސިޔާސީ ހަތިޔާރެއްގައި އެ ކުންފުނިތަކުގެ ބޭނުން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ސަރުކާރަށް ތާއީދު ހޯދަން ގިނަ އަދެއްގެ ބަޔަކަށް ވަޒީފާދީ، އެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް މަޖުބޫރު ކޮށްގެން ވޯޓު ކަށަވަރު ކުރާ ކަމަށް ޖާބިރު ތުހުމަތު ކުރެއްވިއެވެ.

"ނަތީޖާއަކަށް ވެފައި ވަނީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުން އަހަރުން އަހަރަށް ލިބި،، އެކުންފުނިތަކުގެ ދަރަންޏަށް ސަރުކާރުން ޒިންމާވާން ޖެހުމެވެ." ގަރާރުގައިވެ އެވެ.

ޖާބިރު ވިދާޅުވީ ކަން މިހެން އޮތުމުގެ ސަބަބުން ސަރުކާރަށާއި، އެ ކުންފުނިތަކުން ހިއްސާ ގަނެފައިވާ އާންމު ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ.

އެހެންކަމުން ސަރުކާރު ހިއްސާވެގެން ހިންގާ ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދަކަށް ވާއިރު، އެ ވައުދު މިހާރުން މިހާރަށް ފުއްދުމަށް ޖާބިރުގެ ގަރާރުގައި ވަނީ ގޮވާލައިފައެވެ.

ސަރުކާރުން އެންމެ ބޮޑު ގެއްލުމުގައި ހިންގާ ދެ ކުންފުނީގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މިފްކޯ އަދި އެމްޓީޑީސީ އެވެ. އޭގެ އިތުރުން ޖާބިރު ވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކުން ކޮންމެ އަހަރަކު މިލިއަނުން ފައިދާ ނަގަމުން އަންނަކަން ވެސް ފާހަގަކޮށްފައެވެ.

އެ ގަރާރު މިއަދު މަޖިލީހަށް ހުށަހަޅައި، ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ.

comment ކޮމެންޓް