ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ފުޓުބޯޅަ މުބާރާތަކަށް ރާއްޖޭގެ ދެ ޓީމު އިންޑިއާއަށް ފުރައިފި

ސްޕެޝަލް އޮލިމްޕިކްސް ޓީމާއި އެފްއޭއެމްގެ އިސްވެރިން، ޖެންޑާ މިނިސްޓަރު ޝިދާތާ އަދި ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ބައްދަލު ކުރައްވަނީ --- ފޮޓޯ// އެފްއޭއެމް

އޭޝިއާ ބައްރުގައި ވެސް ބާއްވާ ފުރަތަމަ ސްޕެޝަލް އޮލިމްކްސް އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމު އިންޑިއާއަށް ފުރައިފި އެވެ.

އިންޑިއާގެ ޗެންނާއީގައި ބާއްވާ މި މުބާރާތް މި މަހުގެ 3 އިން 6 އަށް އޮންނަ އިރު ރާއްޖެ ތަމްސީލު ކުރާ ދެ ޓީމު ވެސް މިއަދު ހެނދުނު ވަނީ އެގައުމަށް ފުރައިފަ އެވެ. މި މުބާރާތުގައި 15 އަށް ވުރެ ގިނަ ގައުމުން 250 އަށްވުރެ ގިނަ ސްޕެޝަލް އެތްލީޓުން ވާދަކުރެ އެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަ ކުރާ އަންހެން އަދި ފިރިހެން ޓީމުގައި ވެސް ހިމެނެނީ އަށް ކުޅުންތެރިންނެވެ.

ސްޕެޝަލް އޮލިމްޕިކްސް ޓީމަށް ޖާޒީ ހަވާލު ކުރުމަށް ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެގޮތުން އިއްޔެ ޔޫތު މިނިސްޓްރީގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި މުބާރަތަށްދާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ޓްރެއިނިން ޖާޒީތައް ހަވާލުކޮށްފަ އެވެ. ސްޕެޝަލް އޮލިމްޕިކްސްގެ ދެ ޓީމަށް ވެސް ޖާޒީތައް ހަވާލުކޮށްފައި ވަނީ ނިމިގެން މިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދި ކުޅުންތެރިންނެވެ. މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ މިނިސްޓަރު ވެސް ވަނީ ބައިވެރިވެ ވަޑައިގެން ޗެއްނާއީއަށް ދާ ސްޕެޝިއަލް އޮލިމްޕިކްގެ ކުޅުންތެރިންނަށް ހިއްވަރު ދެއްވައިފަ އެވެ.

މަހްލޫފް ވިދާޅުވީ ސްޕެޝަލް ކެޓަގަރީން ރާއްޖެއަށް ކާމިޔާބު ލިބެނީ ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި މި މުބާރާތުން ވެސް ރާއްޖެއަށް ކާމިޔާބީ އެދޭ ކަމަށެވެ. އަދި އައިއޯއައިޖީގައި މާޒިން އެ ހޯދި ކާމިޔާބީ އަކީ ވެސް އެކަމުގެ އަލިގަދަ ހެއްކެއް ކަން މަހްލޫފް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ސްޕެޝަލް އޮލިމްޕިކްސް ޓީމަށް އޮފިޝަލް ޖާޒީ ހަވާލު ކުރުމަށް އެފްއޭއެމްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ// އެފްއޭއެމް

މީގެ އިތުރުން ސްޕެޝިއަލް އޮލިމްޕިކްސްގެ ކުޅުންތެރިންނާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ރޭ ވަނީ ބައްދަލު ކުރައްވާ ޓީމަށް ހިއްވަރު ދެއްވައިފަ އެވެ. މި ބައްދަލުވުމުގައި އެފްއޭއެމްގެ އިތުރު އިސްވެރިންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު މަހްލޫފް ވެސް ބައިވެރިވެވަޑައިގެންނެވި އިރު، ގައުމީ އޮފިޝަލް ޖާޒީތައް ކުޅުންތެރިންނަށް ވަނީ ހަވާލު ކޮށްފަ އެވެ.

comment ކޮމެންޓް