ހާރިޖިއްޔާގެ ދަތުރު ހަރަދުތަކަށް 7.5 މިލިއަން ރުފިޔާ، ނަތީޖާ ރަނގަޅު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަހަރު މިހާތަނަށް ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުތަކުގެ ހަރަދު، ކުރީގެ ސަރުކާރުން އެއް އަހަރުގެ ތެރޭގައި ދަތުރުތަކަށް ކޮށްފައިވާ ހަރަދަށް ވުރެ ބޮޑުތަން ކުޑަކަމަށް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ޝާހިދު މިއަދު ހާޒިރުކޮށް، ސުވާލުކުރުމުން މިނިސްޓަރު މިއަދު ވިދާޅުވީ ކުރީގެ ސަރުކާރުންވެސް އެކުވެރި ގައުމުތަކަށް ދަތުރުތައް ކޮށްފައިވާ ކަމަށާއި، ނަމަވެސް އެ ދަތުރުތަކުގެ ތަފްސީލު ރައްޔިތުންނާ ހަމައަށް އައިސްފައި ނުވާއިރު އެ ދަތުރުތަކުގެ ނަތީޖާއެއްވެސް ފެންނަން ނެތްކަމަށެވެ. އަދި އެއީ މައްސަލައެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ދައުލަތުގެ ހިސާބުތައް ދައްކާ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން 27 މިލިއަން ރުފިޔާ ވަނީ މިދިޔަ އަހަރު، ރައީސް ޔާމިންގެ ސަރުކާރުން އެއް އަހަރު ތެރޭ ދަތުރަށް ހޭދަކޮށްފައި،" ޝާހިދު ވިދާޅުވިއެވެ.

މި ދަތުރުތަކުން ކުރި ކަމަކީ ދިވެހި ސަރުކާރާއި ރައްޔިތުން ބިކަކޮށް، އެކަހެރިކޮށްލުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ ފޮރިން މިނިސްޓަރު ޝާހިދުގެ ދަތުރުތަކާ، އެ ދަތުރުތަކަށް ހަރަދުވި ފައިސާގެ ތަފްސީލު ހޯދުމަށް އެދިފައެވެ.

ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން ފަހުން ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި މިހާތަނަށް 19 ގައުމަކަށް ދަތުރުކޮށް، 74 ގައުމެއްގެ ރައީސުންނާއި، ބޮޑުވަޒީރުންނާއި، އެމްބެސެޑަރުންނާ ބައްދަލުކޮށް، ރާއްޖެއާ އެކު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކޮށްފައިވާނެ ކަމަށް މިއަދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިހާތަނަށް ހަތް ގައުމެއްގެ ރައީސުންނާއި ހަ ގައުމެއްގެ ބޮޑުވަޒީރުންނާއި 33 ގައުމެއްގެ ފޮރިން މިނިސްޓަރުންނާއި 48 ގައުމެއްގެ ސަފީރުންނާ ބައްދަލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ދަތުރުތަކަށް ފޮރިން މިނިސްޓްރީގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ 7.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި ދަތުރުތަކުގެ ނަތީޖާވެސް ކާމިޔާބު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މި ދަތުރުތަކުގެ ބޭނުމަކީ ރާއްޖެ ބާކީވެފައި އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަތަރު ގައުމަކަށް ދަތުރުކުރައްވައި، ތިން މަސް ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ހިލޭ އެހީ ހޯއްދަވައިފައިވާ ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިލޭ އެހީ އާ އެއްވަރު އަދަދެއް ކަމަށެވެ.

މިއަދު މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފޮރިން މިނިސްޓަރާ ސުވާލު ކުރެއްވީ ގަތަރާއި ދިވެހިރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުންނެވެ. ނަމަވެސް ގަތަރާއެކު އަލުން ސިޔާސީ ގުޅުން ގާއިމު ކުރުމާ ގުޅޭ ސުވާލުތަކަށް ސީދާ ޖަވާބެއް މިނިސްޓަރު ދެއްވައިފައެއް ނުވެއެވެ.

comment ކޮމެންޓް