ގަތަރާއެކު ގުޅުން އަލުން ގާއިމު ކުރެވޭނެ ދުވަހެއް ނޭނގޭ: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: މަޖިލިސް

ރާއްޖެއިން ހާރިޖީ ގުޅުން ކަނޑާލައިފައިވާ ގަތަރާއެކު އަލުން ގުޅުން ގާއިމު ކުރެވޭނެ ތާރީހެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ގަތަރާއި ދިވެހިރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނަމަވެސް ގަތަރާއެކު އަލުން ސިޔާސީ ގުޅުން ގާއިމު ކުރުމާ ގުޅޭ ސުވާލުތަކަށް ސީދާ ޖަވާބެއް މިނިސްޓަރު ދެއްވައިފައެއް ނުވެއެވެ.

މިނިސްޓަރު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ހާރިޖީ ސިޔާސަތު އޮތް ގޮތުން، މުސްލިމު ގައުމުތަކާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ރާއްޖެ ބިކަވެ، ރާއްޖެއަށް އޮތް އިހުތިރާމާއި ގަދަރު ގެެއްލިފައިވާ ކަމަށެވެ.

އެހެންކަމުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ އަލުން އެ ޝަރަފާއި ގަދަރު ހޯދަން ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ މުސްލިމް ގައުމުތަކުގެ އިތުރުން މުސްލިމް ނޫން ގައުމުތަކާވެސް ސިޔާސީ އަދި އިގްތިސޯދީ ގުޅުން ގާއިމުކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދޭދޭ ގައުމުތަކާ ގުޅުން ކަނޑާލުމަކީ އެންމެ ފަހު މަރުހަލާގައި ކުރާ ކަމެއް ކަމަށާއި އެކަމުގެ ގުޅުން ކަނޑާލުމަށްފަހު އަލުން ގުޅުން ބަދަހިކުރުމަކީ ވަގުތު ނަގާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ގަތަރާއެކު ވެސް އަދި އެހެނިހެން ކެނޑިފައިވާ ގުޅުންތައް ބަދަހިކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރަމުން، ބައްދަލުކުރުންތައް ކުރިއަށް ގެންދަމުން،" ޝާހިދު ވިދާޅުވިއެވެ.

ގައުމުތަކާ ގުޅުން ބަދަހި ކުރުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހި ރައްޔިތުންގެ މަސްލަހަތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ކޮމަންވެލްތާއި އަދި އީރާނާއި ގަތަރާ ގުޅުން ކަނޑާލިއެވެެ. ނަމަވެސް އެ ގައުމުތަކާ އަލުން ގުޅުން ގާއިމުކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ތެރޭގައި ވައުދުވެވަޑައިގެންނެވިއެވެ.

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ. އަލުން އެ ގުޅުން ބަދަހިކުރެވޭނެ ސީދާ ތަރީހު ދަންނަވަން ނޭނގޭ ކަމަށް މިއަދު މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އަންނަ އަހަރުގެ ޖޫން މަހުގެ ކުރިން ރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރަކަށް ވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު މިއަދު ދެއްވިއެވެ.

comment ކޮމެންޓް