ސަރުކާރުގެ ދެ ޑިރެކްޓަރަކާ ނުލާ ބީއެމްއެލްއަށް ޑިރެކްޓަރުން އައްޔަނުކޮށްފި

ހޮޓެލް ޖެންގައި މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ ހިމޮތީ ސޯޔާ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަނުކޮށްފި އެވެ.

މިރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ސަރުކާރުގެ ފަރާތުން އައްޔަނު ކުރާ ހަ ޑިރެކްޓަރަކާއި އާންމުހިއްސާ ދާރުން ތަމްސީލު ކުރުމަށް ތިން ޑިރެކްޓަރުން ވަނީ އައްޔަނު ކޮށްފައެވެ.

ސަރުކާރުގެ ފަރާތުން އައްޔަނު ކުރި ހަ ޑިރެކްޓަރުންނަކީ

ޓިމޮތީ ސޯޔާ، ޓިމް- ބޭންކްގެ ސީއީއޯ

ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، މާލެ

ޘަނާ މަންސޫރު، މއ. މަނަސް، މާލެ

ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ

ހައްވާ ސަފުނާ، ހ. ވައިފިލާގެ، މާލެ

ހުސައިން ތައުފީގު އަލީ، މ. މުއިރި، މާލެ

ބީއެމްއެލްގެ ބޯޑަށް އައްޔަނު ކުުރުމަށް ސަރުކާރުން ނަން ފޮނުވި ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކާއެކު ސަރުކާރުން ވަނީ ޝަރީފްގެ ނަން އަނބުރާ ގެންގޮސްފަ އެވެ.

ބޭންކްގައި ސަރުކާރުގެ ފަރާތުން އަށް ޑިރެކްޓަރުން ތިއްބަވަން ޖެހެ އެވެ. ނަމަވެސް އައްޔަން ކުރީ ހަ ޑިރެކްޓަރުން އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން، ޝަރީފް ތެދު ނޫން މައުލޫމާތުތަކެއް ދެއްވި ކަމަށް ތުހުމަތުވެ، މަޖިލީހުން އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ވަނީ އޭނާގެ މައްޗަށް ތަހުގީގެއް ވެސް މިހާރު ފަށައިފަ އެވެ.

އަހަރީ އާންމު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ސައީދާ އުމަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން އިތުރު ޑިރެކްޓަރަކު އައްޔަނު ކުރުމަށް ފޮނުވުމުން ހާއްސަ ޖަލްސާއެއް ބާއްވާ، ޑިރެކްޓަރަކު ބޯޑަށް އައްޔަނު ކުރާނެ ކަމަށެވެ.

އަހަރީ އާންމު ޖަލްސާ މެއި 31 ގެ ކުރިން ބާއްވަން ޖެހޭނަމަވެސް، ޖަލްސާ ލަސްވީ ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަނު ކުރާ ޑިރެކްޓަރުންގެ ނަންތައް ފޮނުވުން ލަސްވުމުން ކަމަށްވެސް ސައީދާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އާންމު ހިއްސާ ދާރުން ތަމްސީލު ކުރުމަށް ބީއެމްއެލްގެ ބޯޑަށް އައްޔަނު ކުރި ތިން ޑިރެކްޓަރުންނަކީ:

މުހައްމަދު އަބްދުއްސައްތާރު

އިބްރާހިމް މުހައްމަދު

އަހުމަދު މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން 129.16 މިލިއަން ރުފިޔާ ހިއްސާ ދާރުންނަށް ބަހަން މިރޭ ވަނީ ފާސްކޮށްފައެވެ. އެއީ ހިއްސާ އަކަށް 24 ރުފިޔާ އެވެެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ.

https://sun.mv/122433

comment ކޮމެންޓް