އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގައި ވާދަކުރަން މާޒިޔާގެ ޒުވާން ޓީމު އިންޑިއާއަށް

މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމް --- ފޮޓޯ// މާޒިޔާ

އިންޑިއާގައި ޒުވާން ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި ގައި ވާދަކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ 14 އަހަރުން ދަށުގެ ޓީމް ޗެންނާއީއަށް ފުރައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހު ފަށާ މި މުބާރާތަކީ އިންޑިއާގެ އެންމެ ބޮޑު ފުޓުބޯޅަ ލީގު ކަމަށްވާ އިންޑިއަން ސުޕަ ލީގު އަދި އެ ގައުމުގެ ބޮޑެތި ފުޓުބޯޅަ އެކަޑަމީތައް ވެސް ބައިވެރިވާ މުބާރާތެކެވެ. އިންޑިއާގެ ޔޫތް އެކެޑެމީތަކަކީ އޭސީ މިލާނާއި ލިވަޕޫލާއި ބެންފީކާ އަދި ބަޔާން މިއުނިކް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުލަބުތަކާ ގުޅިގެން ހިންގާ ބޮޑެތި އެކެޑެމީތަކަކަށް ވާ އިރު އެގައުމުގެ ޒުވާން ޓީމުތައް އަންނަނީ ފަހަކަށް އައިސް ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވެސް ވާދަ ކޮށް ރަނގަޅު ނަތީޖާތަކެއް ވެސް ހޯދަމުންނެވެ.

ނަމަވެސް މިއީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޖޫނިއާ ޓީމެއް މިހާތަނަށް މިފަދަ ބޮޑު މުބާރާތެއްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގެ ޒުވާން ބައެއް ޓީމުތައް ވަނީ ރާއްޖޭން ބޭރުގައި ބާއްވާ ކުދި ކުދި ބައެއް މުބާރާތްތަކުގައި ބައިވެރި ވެފަ އެވެ.

މާޒިޔާއިން ބުނީ ޖޫނިއާ ޓީމުގެ މި ދަތުރުގެ ސަބަބުން ކުރިއަށް އޮތް އެފްއޭއެމް ޔޫތު ލީގަށް ތައްޔާރުވާން ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ. މި ދަތުރުގައި މާޒިޔާގެ 20 ކުޅުންތެރިން ހިމެނެ އެވެ. އަދި ޓީމުގައި ދެ އޮފިޝަލުން ވެސް ހިމެނެ އެވެ.

ރާއްޖޭގެ ސީނިއާ ކުލަބުތަކުގެ ދަށުން ހިންގަމުން އަންނަ ޔޫތް އެކެޑެމީތަކުގެ ސަބަބުން ކުރިއަށް އަރަމުން އަންނަ ފުޓުބޯޅައިގެ ރަނގަޅު ޖީލެއް ބިނާ ކުރުމުގެ ބޮޑު އުންމީދެއް އޮތް އިރު އެކެޑެމީތަކުން ތަފާތު ދައްކައި ބައެއް ކުޅުންތެރިންނަށް އަންނަނީ އުމުުން ވަރަށް ޒުވާން އިރުގައި ވެސް ސީނިއާ ޓީމުތަކުން ފުރުސަތު ލިބެމުންނެވެ.

ނަމަވެސް ޖުމްލަ ގޮތެއްގައި ރާއްޖޭގައި އޮތް ޒުވާން ޓީމުތަކަށް ބައިނަލް އަގުވާމީ މުބާރާތްތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވެ އެވެ. އަދި ޒުވާން ގައުމީ ޓީމުތައް ވެސް ބައިވެރިވާ މުބާރާތްތަކުގައި ގިނަ ފަހަރަށް އަންނަނީ ގްރޫޕް ސްޓޭޖުން ކަޓަމުންނެވެ.

comment ކޮމެންޓް