ޔޫތުންގެ ޓެކް ފެއާ ހުޅުވައިފި

ޔޫތް މިނިސްޓްރީއިން އިސްނަގައިގެން ރޭ ފެށި ޔޫތް ޓެކް ފެއާރ 2019 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ

ޓެކްނޮލޮޖީގެ ދާއިރާގައި އުޅޭ ޒުވާނުންނަށް ހާއްސަކޮށްގެން ޔޫތް މިނިސްޓްރީއިން އިންތިޒާމް ކުރާ "ޔޫތު ޓެކް ފެއާ 2019" ގެ ނަމުގައި ފެއާއެއް ހުޅުވައިފި އެވެ.

މާލޭ ކޮމިއުނިޓީ ސެންޓަރ (ސޯޝަލް ސެންޓަރު) ގައި ކުރިޔަށްދާ މި ފެއާއަކީ ޓެކްނޮލޮޖީ މިނިސްޓްރީ އާއި އުގައިލް ފައުންޑޭޝަނާއި ގުޅިގެން ބާއްވާ ފެއާއެކެވެ. މި ފެއާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު އަހުމަދު މަހޔލޫފްގެ އިތުރުން ޕްރޮފެސަރު ހަސަން އުގައިލް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ފެއާއަކީ ޒުވާނުން ބާރުވެރިކުރުވައި ޓެކްނޮލޮޖީގެ ތެރެއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ބާއްވާ ފެއާއެކެވެ.

މި ފެއާއަށް މާދަމާ އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާއިރު ފެއާގެ އެންމެ މޮޅު އުފެއްދުން ހޮވުމަށް ނަގާ ވޯޓްގައި އާންމުންނަށް ބައިވެރިވެވޭނެ އެވެ.

މީގެ އިތުރުން މި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އުރީދޫއިން ހާއްސަ ލަކީޑްރޯއެއް ވެސް ކުރިއަށް ގެންދެ އެވެ.

ފެއާގެ އެންމެ މޮޅު ބައިވެރިން ހޮވުމަށް ހާއްސަ ޖަޖިން ޕެނަލްއެއް އެކުލަވާލެވިފައިވާއިރު، މި ޕެނަލް ލީޑް ކުރައްވާނީ ޕްރޮފެސަރު އުގައިލް އެވެ. އަދި ފެއާއިން ހޮވާލެވޭ އެންމެ މޮޅު ފަސް ބައިވެރިންނަށް އުކުޅަސް ޓެކް ފެއާ 2019 ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

comment ކޮމެންޓް