ކްރިމިނަލް ކޯޓްގެ މައްސަލަތައް ނިންމަން ދެ ކޯޓަކުން ފަނޑިޔާރުން ގެންނަން ލަފާދީފި

އޭޕްރީލް 30، 2018: ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރި ހަތަރު ބޭފުޅުން މަގާމުގެ ހުވާކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްރިމިނަލް ކޯޓްގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމަން ދެ ކޯޓަކުން ޖުމްލަ ހަތަރު ފަނޑިޔާރަކު ކްރިމިނަލް ކޯޓަށް ހަމަޖައްސަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލި ރިޕޯޓެއްގައި ލަފާދީފި އެވެ.

ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ނުނިމި ދިގުލައިގެން ދާ މައްސަލަ ދިރާސާކޮށް ޖޭއެސްސީގެ ސަބް-ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުގައި، އެކަމުގައި ގާނޫނު ތަސައްވަރު ކުރާ ހަމަސްދުވަހުގެ ތެރޭގައި މައްސަލަތައް ނިންމުމަށް ޓަކައި 15-17 ދުވަހުގެ ތެރޭގައި ރޯލް ކުރެވޭ ވަރަށް ފަނޑިޔާރުންގެ އަދަދު އިތުރު ކުރަން ޖެހެ އެވެ.

ކްރިމިނަލް ކޯޓްގައި 1910 މައްސަލައެއް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުތަކުގެ ގޮތުގައި ރިޕޯޓްގައި ބުނެފައި ވަނީ، ފަސް އަހަރަށް ވުރެ ދިގު މުއްދަތެއްގައި އެ ކޯޓްގައި މެދުނުކެޑި މަސައްކަތް ކުރެއްވި ގާޒީން އަކީ ހަތަރު ފަނޑިޔާރުންނަށް ވުރެ މަދު އަދަދަކަށް ވުމެވެ. އަދި މައްސަލަތައް ލަސްނުވެ އަވަސް ކުރެވެން އަންނަނީ މިހާރު މަސައްކަތް ކުރާ ފަނޑިޔާރުންގެ ތެރެއިން އިލްމާއި ތަޖުރިބާގެ ގޮތުން ދަށް ފަނޑިޔާރުން ބަދަލުކޮށް، ފަނޑިޔާރުންގެ އަދަދު އިތުރުކޮށްގެން ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެގޮތުން ރިޕޯޓްގައި ލަފާދީފައި ވަނީ، މިހާރު ނުނިމި ހުރި މައްސަލަތައް ނިންމަން ޖުވަނައިލް ކޯޓާއި ޑްރަގް ކޯޓްގެ ފަނޑިޔާރުންނާ މަޝްވަރާ ކުރުމަށް ފަހު އޭގެއިން ކޮންމެ ކޯޓަކުން ދެ ފަނޑިޔާރަކު ވަގުތީ ގޮތުން ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށެވެ. އެއީ ޖުމްލަ ހަތަރު ފަނޑިޔާރުން އެވެ.

ރިޕޯޓްގައި ލަފާކޮށްފައިވާ ގޮތުގައި ނުނިމި ހުރި މައްސަލަތަކުގެ ޝަރީއަތް ނިންމައި އަދަބުކަނޑައެޅުމަށް 61022 އަޑުއެހުން ބާއްވަން ޖެހެ އެވެ. އަދި ކްރިމިނަލް ކޯޓްގައި މިހާރު ތިއްބެވި، ނުވަ ފަނޑިޔާރުން ދުވާލަކު ހަތަރު އަޑުއެހުން ބާއްވައިގެން މައްސަލަތައް ނިިންމާލެވޭނީ ދެ އަހަރާ ހަމަހުން ކަމަށް ރިޕޯޓްގައިވެ އެވެ.

"ވަގުތީ ގޮތުން ހަތަރު ފަނޑިޔާރުން ކްރިމިނަލް ކޯޓަށް އިތުރުކޮށްފި ނަމަ، 1910 މައްސަލަ އެއް އަހަރާއި އަށް މަސް ދުވަހުގެ ތެރޭގައި ނިންމޭނެކަން ފާހަގަ ކުރެވެ އެވެ،" ރިޕޯޓްގައިވެ އެވެ.

މީގެ އިތުރުން ރިޕޯޓްގައި ބުނެފައި ވަނީ، ކޯޓަށް ގާޒީއިން އިތުރު ކުރުމަށް އިތުރު ކޯޓް ރޫމް ކްރިިމިނަލް ކޯޓަށް ބޭނުންވެ އެވެ. އަދި ރިޕޯޓްގައި ފާހަގަ ކުރާ ގޮތުގައި މައްސަލައެއް ބަލަން ފެށުމަށް ފަހު މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލް ދޭން ޖެހޭ ކަމަށް، ގާނޫނުގައި ބުނި ނަމަވެސް އެގޮތަށް ކްރިމިނަލް ކޯޓްގެ ގާޒީއިން މިހާރު އަމަލު ކުރަމުން ނުގެންދަވަ އެވެ. އަދި ހަ މަސްދުވަހަށް ވުރެ އިތުރުވާ މައްސަލަތައް އިސް ގާޒީ ބަލައި އެ މައްސަލަތައް އަވަސް ކުރަން މަސައްކަތް ކޮށްފައި ނުވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. މައްސަލަތައް ގާޒީންގެ މެދުގައި ބެހުމުގައި އެއްވެސް ކަހަލަ ހަމަހަމަ ކަމެއް ނެތްކަން ވެސް ފާހަގަ ކުރެ އެވެ.

comment ކޮމެންޓް