މަޖުބޫރު ވީމާ - (3)

މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

ހުއްޓުމާއެކު އޭނާ ގޮސް އެޕާރޓްމެންޓްގެ ކޯޑް ޖަހާ ހުޅުވާލިއެވެ. އެއަށްފަހު އޭނާ މަޑުކޮށްލިއެވެ. އާހިލްއަށް ބަލާލާފައި އެންގީ ބޫޓް ބޭލުމަށެވެ. އާހިލް އިތުރު އެއްޗެއް ނުބުނެ ނަވީން ބުނި ގޮތަށް ކަންތައް ކުރިއެވެ. ބޫޓް ބާލާ ބޭރުގައި ބެހެއްޓުމަށްފަހު ދެމީހުން އެތެރެއަށް ވަނެވެ. އެއާއެކު ނަވީންގެ ހަރަކާތްތައް މަޑުޖެހިލިއެވެ. ކުޑަ ހިނދުކޮޅަކަށެވެ. ކާ މޭޒު ދޮށުގައި ކަންފަތުގައި އަތް އަޅާލައިގެން އިން މީހާ ފެނި އޭނާއަށް ބާރު ފިޔަވަޅުތަކެއް އެދިމާލަށް އެޅެން ފެށުނެވެ.

އެމީހާ ފެނުމާއެކު އެއީ ކާކުކަން ވަގުތުން އާހިލްއަށް ދެނެގަނެވުނެވެ. މަޑުމަޑުން އޭނާ ކުރިއަށް ޖެހިލިއެވެ.

އިބާ މޭޒުގެ އެއްފަރާތުގައި ހުރެ މަޑުމަޑުން ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔަނަމަވެސް އިބާ ކިޔަމުންދިޔަ އެއްވެސް އެއްޗަކަށް އެމީހާ ސަމާލުކަމެއް ނުދެއެވެ. ކަންފަތުގައި އަތް އަޅައިގެން އިނީ އިވެމުން ދިޔަ އަޑުތަކުން ސަލާމަތް ވުމުގެ ބޭނުމުގައެވެ. ދެއަތުގައި މަޑުމަޑު ތުރު ތުރު އެޅުމެއް އުފެދިފައި ވެއެވެ.

"ޑޮކްޓަރ އަށް ގުޅައިފިންތަ؟" ނަވީން އިބާއަށް ބަލާލަމުން އަހާލިއެވެ. އިބާ ބޯ ޖަހާލުމާއެކު ނަވީން ބަލާލީ އާހިލްއަށެވެ.

"އާހިލްއަށް ފެނިއްޖެއެއްނު. މިވަރުންވެސް އަހަރެން ހަމަ ހުންނަންވީތަ؟" ނަވީންގެ މޫނުމަތީގެ ކުލަވަރު އެކީ ބަދަލުވެގެން ދިޔައެވެ. މޫނުމަތި ބަނަވެ ހިތާމަވެރިކަން ވެރިވެގެން ދިޔައެވެ. އާހިލްވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަވީން ހުރިހާ ވާހަކައެއް އޭނާއަށް ކިޔައިދިންނަމަވެސް ލޮލުން ފެނުމުން ހަޤީގަތުގައިވެސް ހިތަށް އަސަރު ކޮށްފިއެވެ. ނަވީން ވާ ކެތްގަދައެވެ.

އިބާވެސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ގޭގެ ބެލް އަޅާލުމާއެކު އިބާ ގޮސް ދޮރު ހުޅުވާލިއެވެ. ޑޮކްޓަރު އައުމާއެކު ނަވީން ކުރިއަށް ޖެހިލިއެވެ.

ޑޮކްޓަރު އެ އަންހެން މީހާގެ ހާލަތުވަޒަން ކޮށްލިއެވެ. އެއަށްފަހު އޭނާ ނަވީންއަށް ކަންތައް ކުރަންވީ ގޮތް ކިޔައިދިނެވެ.

އެމީހާ ހަމައަކަށް އެޅުމަށްފަހު ޑޮކްޓަރު އޭނާ ނިންދަވާލުމުން ހަމަޖެހުނު ނަވީން ޑޮކްޓަރަށް ޝުކުރު އަދާކުރިއެވެ. ދޮރާ ހިސާބަށް ޑޮކްޓަރު ގެންގޮސް އަލްވަދާއު ކިޔުމަށްފަހު އެނބުރި އައިސް ސޯފާގައި އިށީނެވެ. ނިތުގައި ދެއަތުން ހިފަހައްޓާލީ ކަންތައް ކުރަންވީ ގޮތެއް ނޭނގިގެންނެވެ. ހީވަނީ ގަސްބޯ ޖަންގައްޔެއްގެ މެދުގައި ހުރެވޭހެންނެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އަނދިރިކަމެވެ. ދާންވީ މިސްރާބެއްނޭނގެއެވެ. އަލި ކޮށްލާނޭ ޓޯޗެއްހާ ހިސާބުވެސް އަތުގައި ނެތްފަދަ އިޙްސާސެއް އޭނާއަށް ދިޔައި ކުރެވެމުންނެވެ.

އާހިލްއަށް އެވަގުތު ފޯނެއް އައުމާއެކު އޭނާ ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. ކުޑަކޮށް ހާސްވެފައި އޭނާ ތެދުވުމާއެކު ނަވީން ބުމަ އަރުވާލިއެވެ.

"ކިހިނެތްވީ؟" ނަވީން އަހާލިއެވެ.

"ސޮރީ ނަވީން... ދާން ޖެހިއްޖެ. މާމަ ސިޑިން ވެއްޓިގެން ދެންމެ ހޮސްޕިޓަލަށް ގެންގޮސްފި..." އާހިލް ބުނެލިއެވެ.

"އަވަހަށް ދޭ... އަދި އެއްވާހަކަ. މާދަމާގެ މީޓިން ފިކްސް ކޮށްލާފަ އަހަރެންނަށް އަންގާލައްޗޭ" ދޮރުން ނުކުމެ ނުކުމެ ހުއްޓާ އާހިލްއަށް ގޮވާލާފައި ނަވީން ކަމެއް ހަނދާންކޮށްލަދިނެވެ.

އާހިލް ދިޔުމާއެކު ނަވީންއާއި އިބާ އެކަނިވިއެވެ. ނަވީން އިބާއަށް އިރުކޮޅަކު ބަލަން އިނެވެ. އެކަން އިބާއަށް ފާގަވެސްވިއެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ބުނާކަށް އިބާއަކަށް ނުކެރުނެވެ. އިބާގެ ހުންނަ މަޑުމައިތިރި މިޒާޖުގެ ސަބަބުން ބައެއްފަހަރު ނަވީންއަށް މަޖާވެސްވެއެވެ. އަނެއްކާ ނަވީންގެ ހުންނަ ސީރިއަސްކަމުންނާއި ގަދަރުވެރި އިއްޒައްތެރި މީހަކަށްވީތީ އިބާ ޖެހިލުންވަނީހެއްޔެވެ؟ ނޫނީ އެއީ އިބާ އޭނާއަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުންހެއްޔެވެ؟ އެ ހިޔާލުން ނަވީން ގެ ތުންފަތައް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

އިބާ ކޮޓަރިއަށް ގޮސް އައީ އިރުގަނޑެއް ފަހުންނެވެ. ނަވީން އޮތީ ސޯފާގައެވެ. އެއްއަތް ނިތް ކުރިމަތީގައި ބާއްވާލެވިފައިވާއިރު އަނެއްއަތް އޮތީ ބަނޑުމަތީގައި ބާއްވާލެވިފައެވެ. ލައިގެން އުޅުނު ކަޅު ކުލައިގެ ސޫޓް ސޯފާކައިރީގައި ކުރި ބިއްލޫރި ކުޑަ މޭޒުމަތީގައި ބާއްވާލެވިފައޮތްއިރު ކަރުގައި އޮޓް ޓައީ ދޫކޮށްލާފައި ވެއެވެ. މޭމަތިން ދެ ގޮއް ނައްޓާލާފައި ވެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައިވިނަމަވެސް އެރީތިކަމައް ބަދަލެއް ނާދެއެވެ. ނަވީންއަށް ބަލަން ހުރި އިބާ ނިޔަފަތި ހަފަމުން ފަހަރަކު ފަރާތަކަށް ބަލަމުން ދިޔައެވެ.

"އެއްޗެކޭ ބުނަން ބޭނުންވެގެންތަ ތި ހުރީ؟" ނަވީން ވާހަކަ ދެއްކިއަޑަށް ސިހުނު އިބާއަށް ނިޔަފަތި ގަނޑުވެސް ބޮޑަށް ހަފާލެވިއްޖެއެވެ.

ދެން ބަލާލިއިރު ނަވީން މަޑުމަޑުން ލޯ ހުޅުވާލަނީއެވެ.

އަހަރެން ނިދާނީ މިރޭ މިގޭގަ... އިތުރު ވާހަކައެއް ބުނަން ބޭނުންތަ؟" އެ އޮތް ގޮތަށް އޮވެ ނަވީން އަހާލިއެވެ.

"ސާރ. އެއްވެސް އެއްޗެއް ނުކަނީތޯ ރޭގަނޑު އަޅުގަނޑު ކާން ހަދަން ވެގެން...." އިބާ މަޑުމަޑުން ވާހަކަ ދެއްކިއެވެ.

"ސާރ....؟" ސޯފާއިން ތެދުވަމުން ނަވީން ސުވާލުކޮށްލިއެވެ. އިބާ އަވަސް އަވަހަށް އިސްޖަހާލިއެވެ.

"އެކަނި ތިބޭ އިރުވެސް އަދިވެސް ސާރ ދޯ ކިޔެނީ؟" ނަވީންގެ ދެވަނަ ސުވާލާ އެކު އިބާ އިސްއުފުލާލިއެވެ.

"އޯކޭ... ކޯންޗެއް ކާން ހުރީ؟" މިވަގުތު އެއްވެސް އެއްޗެއް ނެތް. އެކަމަކު އަޅުގަނޑު ތައްޔާރު ކޮށްލާ....." އިބާ ވާހަކަ ދައްކަން ފެށިނަމަވެސް ނަވީންގެ އަތުގެ އިޝާރާތާއެކު ވާހަކަ މެދު ކަނޑާލިއެވެ.

"ދެން މިރޭ ކައްކަން ހަދާނެ ކަމެއްނެތް. ކޮންމެވެސްއެއްޗެއް އޯޑަރު ކޮށްގެން ގެންނާނީ. ވެދިޔަ ކަމަކުން އިބާވެސް ހުންނާނީ ހާސްވެފަ ކަން އެނގޭ... " ނަވީން ބުނެލިއެވެ.

"އަޅުގަނޑު އަންނާނަން ކޮޓަރި ތައްޔާރުކޮށްލަދީފަ..." އިބާ ހިނގައިގަތެވެ. އިބާ ގޮސް ކޮޓަރިއަށް ވަނުމާއެކު ނަވީން ފޯނު ނަގާ އެއްޗަކަށް އޯޑަރުދޭން އަވަސްވިއެވެ. އިބާ ކޮޓަރިއަށް ވަތްތާ މާގިނަ އިރެއްނުވެ އިބާގެ ބާރު ހަޅޭކުގެ އަޑާއެކު ނަވީންވެސް ދިޔައީ ސިއްސައިގެންނެވެ. ފޯނު ސޯފާމައްޗަށް އެއްލާލުމަށްފަހު އޭނާ ދުވަމުން ގޮސް ކޮޓަރީގެ ދޮރުފަތް ހުޅުވާލިއެވެ. އޭނާގެ ނަޒަރު ވަގުތުންގޮސް ހުއްޓުނީ އަލަމާރީގައި ޖެހި ފިތިގެން ހުރި އިބާއަށެވެ. އިބާގެ މޫނުމަތީގެ ކުލަވަރުން އޭނާވެސް ހާސްވިއެވެ. ދެލޯ މަރާފިއްތާލައިގެން ހުރެފައި ކުޑަކޮށް ލޯ ހުޅުވާލުމަށްފަހު އަނެއްކާވެސް ބާރަކަށް ހަޅޭއްލަވައިގަތެވެ.

"ކިހިނެތްވީ އިބާ؟" ނަވީން އެތެރެއަށް ފިޔަވަޅެއް އަޅާލިއެވެ.

"ކުރަތްޕެއް..." އިބާއަށް ބުނެވުނީ ރޮވޭ ނުރޮވޭ ހާލުގައެވެ.

"ކޮންތާކު؟" ނަވީން އަހާލިއެވެ.

"ނުފެނޭތަ... ކޮނޑުމަތީގައި ހެދުމުގަ އާތް" އިބާ އަނެއްކާވެސް ބާރަށް ހަޅޭއްލަވައިގަތެވެ.

ނަވީން ގާތަށް ހިނިއައީ އިބާ އުޅޭ ގޮތުންނެވެ.

"ނުހީބަލަ.... މަންމާ!" އިބާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. މަޑުމަޑުން އައިސް ނަވީން އިބާގެ ގާތަށް ހުއްޓިފައި އަތުން އެ ކުރަފި ފޮޅާލުމާއެކު އިބާއަށް ބޭއިޙްތިޔާރުގައި ނަވީންގެ ގައިގައި އޮޅުލައިގަނެވުނެވެ. އޭރުވެސް އޭނާ ދިޔައީ ހަޅޭއްލަވަމުންނެވެ. އިބާގެ އެ އަމަލުން ސިހުނު ނަމަވެސް ނަވީން އިބާ ހަމައަކަށް އެޅުވޭތޯ އުޅުނެވެ. އޭނާ ހިނިއައިސް ހުރެ އިބާ ދުރުކޮށްލިއެވެ.

"ކޮބާ؟" އޭރުވެސް ބިރުން ހުރި އިބާ އަހާލިއެވެ.

"ބޮލުގަ ތިއިނީ." ނަވީން މަޖަލަކަށް ބުނެލިއެވެ. އެއާއެކު އަނެއްކާވެސް އިބާ ހަޅޭއްލަވައިގަނެފައި ނަވީންގެ ކޮނޑުގައި އޮޅުލައިގަތެވެ.

"ހަމަޖެހިބަލަ އިބާ. ނެތޭ އެޔެއް... އެ އިނީ މިހާރު ފާހާނާ ދޮރު ކައިރީގައޭ. އެބަހުރިތަ ހިޓް ފުޅިއެއް؟ އަންނާނަން ހިފައިގެން... " ނަވީން ހިނގައުގަތުމުން އިބާ ނަވީންގެ އަތުގައި ހިފެއްޓިއެވެ. އެއާއެކު ނަވީން އިބާގެ ދެލޮލަށް ބަލާލިއެވެ. އިބާ ދެފަރާތަށް ބޯ ހޫރާލިތަން ފެނި އޭނާ ބޭރަށް ނުކުތީ އިބާ ގޮވައިގެންނެވެ. އިބާ ހިޓް ފުޅި ގެނެސް ދިނުމުން ނަވީން ކޮޓަރިއަށް ވަދެ ކުރަފި މަރާލާފައި ނުކުތުމުން އިބާ ހަމަޖެހުމުގެ ނޭވާއެއް ލިޔެވެ.

"ހާދަ ބިރުގަނޭ އިބާ. އަހަރެންގެ ގައިގެ ކަށިތައްވެސް ބިނދިއްޖެ." ހެމުން ހެމުން ނަވީން ޓިޝޫއަކުން ހިފައްޓާފައިވާ ކުރަފި އިބާއަށް ދައްކާލިއެވެ. އިބާއަށް ހަމަހޭވެރިކަން ވީ ދެނެވެ. އޭނާ ވަގުތުން އަނެއްފަރާތަށް އެނބުރުނެވެ. އެމޫނުމައްޗަށް އެރި ކުލަވަރުތަކުން ނަވީން ގާތަށް އަނެއްކާވެސް ހިނިއައެވެ.

އިބާ ގަތްލަދުން ހަދަންވީ ގޮތެއް ވެސް ނޭނގި ހުއްޓާ ކުރަފި އެއްލާލާފައި ނަވީން އައިސް އިބާގެ ކުރިމައްޗަށް އެރިއެވެ. އޭނާ ބޭނުންވީ އިބާގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރު ނިކަން ގާތުން ދިރާސާ ކޮށްލާށެވެ. އިބާ ބޭނުންވީ ނަވީންގެ ކުރިމަތިން ދުވެ ފިލާށެވެ. އޭނާ އިސްޖަހާލި ގޮތަށް ހުރީ އިސް އުފުލާލަންވެސް ނުކެރިފައެވެ.

"އައި އެމް ސޮރީ... ގަސްތަކު ނޫން" އިބާ މަޑުމަޑުން ބުނެލިއެވެ.

"އެއްވެސް ކަމެއް ނޫން... ހިނގާ ސޯފާއަށް މިހާރު ކާއެއްޗެހި ހިފައިގެން އަންނަން އުޅޭނެ..." ނަވީން ހިނގައިގަންނަމުން ބުނެލިއެވެ. ކާއެއްޗެހި ގެނައުމާއެކު މޭޒުމައްޗަށް އެއްޗެހި ނަގަން އުޅުނީ އިބާއެވެ. އިބާ މަސައްކަތުގައި އުޅުނުއިރު އިރު ކޮޅަކާ ނަވީންއަށް ބަލާލައެވެ. ނަވީން ހުރުމުން އިބާއަށް އުނދަގޫވެފައި ހުރިކަން ދެނެގަނެވި ނަވީން އަވަސް އަވަހަށް ގޮސް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. އެހެންނަމަވެސް އޭނާގެ ސަމާލުކަން ހުރީ އިބާއަށް ހުއްޓިފައެވެ.

ކާން ހަދާ ނިންމާފައި އިބާ ނަވީންއަށް ގޮވުމުން ނަވީން ގޮސް އިށީނެވެ. އޭނާ އިބާއަށް ބަލާލިއެވެ.

"އިބާ ނުކަންތަ؟" ނަވީން ސުވާލުކޮށްލިއެވެ.

"ފަހުން...." ކުރު ޖަވާބެއް ދެމުން އިބާ ހިނގައިގަންނަން އުޅުނެވެ.

"އަހަރެން އެކަނި ކާހިތެއް ނެތޭ... އިބާ އާދެބަލަ އަހަންނާއެކު ކާން" ނަވީން ދައުވަތުދިނެވެ. ނުކެރި ހުރެވެސް އިބާއައިސް ގޮނޑީގައި އިށީނެވެ. އެއަށްފަހު ގެނެސްފައި ހުރި ބަތާއި ސެލެޑްތައްޓަށް ބަލަން އިނީއެވެ. ބަތް ކާ ތައްޓެއް ނަގާފައި އިބާއާއި ގާތަށް ޖައްސާފައި ނަވީން ބަތް އަޅައިދޭން ފެށުމުން އިބާއަށް ނަވީންއަށް ބަލާލެވުނެވެ.

"ކިހިނެތްވީ؟ އަހަރެންނަށް މަނާ ކަމެއްތަ؟ ކުންފުނީގެ އިސްވެރިއަކަށް ވީމަ އަހަރެން ދެރަވާނެތަ މިވަރު ކަމެއް ކޮށްގެން؟" ނަވީން ދެފަރާތަށް ބޯ ހޫރާލަމުން ބުނެލިއެވެ. އިބާވަކި އެއްޗެއް ނުބުނެއެވެ.

"އިބާ ނާޅަންޏާ އަހަރެން ޖެހޭނީ ދެން ބަތް އަޅާދީފަ ލަވަން ދޯ..." ނަވީން ލާނެތް ސަމާސާ އެއްކޮށްލިއެވެ. އިބާ އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލިއެވެ.

"އިބާއަށް ވާހަކަ ދައްކަން ނުކެރޭވަރުގެ ބޮޑު މީހެއްނޫނޭ އަހަރެންނަކީ... އިބާ ބިރުން ތުރުތުރު އަޅަން ޖެހޭވަރުގެ މީހެއްވެސް ނޫން... އަހަރެން ކުރިމަތީގައި އިނީތީ އިބާ ނުޖެހޭނެ ހާސްވާކަން... އެއްވެސް ކަމަކާ ކަންބޮޑުވާކަށް. އަހަރެންކިތަންމެ ބޮޑު މީހަކަސް... ކިތަންމެ ފައިސާއެއް އަހަރެންގެ އަތުގައި ހުއްޓަސް، އަނެއް އިންސާނާ ނިކަމެތި ކުރާކަށް އަހަރެން ބޭނުމެއްނުވޭ. އިބާ ކީއްވެތަ އަހަރެން ހުންނައިރު އެހާ ބިރު ގަންނަނީ؟" ނަވީން އޫ ތަށީގެ ތެރެއަށް ދޫކޮށްލަމުން އިބާއާއި ވާހަކަދެއްކިއެވެ.

"އަހަރެންނަށް އިބާ ބިރުގަންނަވަރުގެ ކަމެއް ކުރެވުނީތަ؟ އަހަރެން ބޭނުންވޭ މިހެން އައިސް އުޅޭ ވަގުތު ތަކުގަ އިބާއާއިވެސް ރީތިކޮށް ވާހަކަ ދައްކާލަން... އިބާ ބިރުން ހުންނާތީ އަހަރެންނަށް އެއްޗެއް އަހާލާކަށް ވެސް ނުކެރޭ... އިބާ އަހަރެން ދެކެ ބިރު ނުގަނެފާނަންތަ؟" ދެންވެސް ވާހަކަ ދައްކަން ޖެހުނީ ނަވީންއަށެވެ. އިބާ އިން ގޮތަށް އިނީއެވެ.

ކައި ނިންމާލުމަށްފަހު އިބާ ތަށިތައް ދޮންނަންދެން ނަވީން މޭޒު ދޮށުގައި އިނެވެ. އެއަށްފަހު އޭނާ ކޮޓަރިއަށް ވަނުމުގެ ކުރިން އަނެއް ކޮޓަރި ދޮރު ހުޅުވާލާފައި ވަނެވެ. އެނދު ކައިރިއަށް ހުއްޓި ހުރެ އޭނާ ލޯ މަރާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ލޯ ހުޅުވާލާފައި ދެން ގޮސް އިށީނީ އެނދުގައެވެ.

"މަންމާ..." ނަވީންގެ ދެ ތުންފަތް ދޭތެރެއިން ނުކުމެގެން ދިޔަ ލަފްޒާއެކު އޭނާގެ ދެލޯ ވެސް ފެންކަޅިވިއެވެ. މަންމަގެ އަތުގައި ހިފާ އޭނާ އެއަތަށް މަޑުމަޑުން ފިތާލިއެވެ.

"މަންމަ ގާތުގައި ގިނަވަގުތު ހޭދަ ނުކުރެވޭތީ އަހަރެން މާފަށް އެދެން. އެތައް ދުވަހަކަށް ފަހުވެސް މަންމައަށް އެކަށީގެންވާ ވަގުތު ނުދެވޭތީ އަހަރެން އެކަމާ ހިތާމަ ކުރަން... މަންމަ އަހަރެން މަތިން ހަމަ އެއްގޮތަކަށް ވެސް ހަނދާނެއްނެތްތަ؟ އަހަރެން މިއީ މަންމަގެ ބަނޑުގައި ނުވަމަހާއި ނުވަ ދުވަސް ވަންދެން ގެންގުޅުނު ތުއްތު ތުއްތު ފުރާނައޭ... އަހަރެން އުފަން ކުރުމަށްޓަކައި އެހާ ވޭން މަންމަ އުފުލިއިރުވެސް އަހަރެން މަތިން ހަނދާން ނެތީތަ؟ ކީއްވެތަ އަހަރެން މަތިން ހަނދާން ނެތުނީ؟... މީ މަންމަގެ ނަވީން އޭ... އެއްފަހަރުވެސް ލޯ ހުޅުވާލާފަ ދަރިފުޅާއޭ ކިޔާފަ ގޮވައެއްނުލާނަންތަ؟ މަންމަގެ މި ދަރިފުޅުގެ ކަރުނަތައް ފުހެއެއް ނުދޭނަންތަ؟ ހިތްވަރުގެ ބަހެއްބުނެ ނުލާނަންތަ؟" ހިތުގައި ހުރި ޝަކުވާތައް ދުލާ ހަމައަށް އައީ އެއްވެސް އިޚްތިޔާރެއްނެތިއެވެ.

އަމިއްލަ ޝަކުވާތައް ބޭރުކުރެވެމުން ދިޔައީ ފަހަރެއްގައިވެސް މީހަކަށް އަޑު އިއްވާކަށް ނޫނެވެ. އެހެންނަމަވެސް ކަންދިމާކުރީ އެހެންނަކުން ނޫނެވެ. ދޮރު ކައިރީގައި ހުރި އިބާއަށް ނަވީންގެ އަޑު އިވެމުން ދިޔައެވެ. ނަވީންގެ ކޮންމެ ޖުމްލައެއްގައި ވި އަސަރަކީ މީގެ ކުރިން ނަވީންގެ ފަރާތުން ފެނުނު ސިފަތަކެއް ނޫނެވެ. އެ މަޑުމައިތިރި ހަމަހިމޭން ޒުވާނާގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންފަދަ ވޭނީ އިޙްސާސްތަކެއްކަން އިބާއަށް އެނގިގެން ދިޔައެވެ.

ނަވީން ކަރުނަ ފުހެލިތަން ފެނިފައި އަވަސް އަވަހަށް އިބާ ދުރަށް ޖެހިލިއެވެ. ނަވީން ނުކުމެފައި އިބާއަށް ބަލާލާފައި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އިބާ އައިސް ނަވީންގެ މަންމަ މާހިރާ އޮތް ކޮޓަރިއަށް ވަނީ އޭގެ ފަހުންނެވެ.

އެގޭގައި ނަވީން މަޑުކުރަނީ މަޑުކުރަން ޖެހޭވަރުގެ ކަމެއް ދިމާވާ ރެއެއްގައެވެ. ނަވީން ނިދަން ތައްޔާރުވެގެން އައިސް އެނދުގައި އޮށޯވެލިތަނާ އާހިލްގެ ފޯނު ކޯލެއް އައެވެ.

"ނަވީން. މާދަން ހެނދުނު އަށެއްޖަހާއިރަށް މީޓިން ފިކްސް ކޮށްފަ އިންނާނީ. ކުންފުނީގެ ނުވަ ވަނަ ފްލޯގަ އިންނަ ފްލާވަރ ނަންބަރ 1 މީޓިން ރޫމްގައި އިނގޭ..."އާހިލް ބުނެލިއެވެ.

"ހުރިހާ ކަމެއް ހަމަޖެހިއްޖެ ދޯ... " ނަވީން ޖަވާބުދިނެވެ.

"އާނ އޯކޭ... މާދަން އެހެންވީމަ ދިމާވާނީ ދޯ... ނަވީން... މިހާރު ކިހިނެތްތަ؟" އާހިލް ފޯނު ބޭއްވުމުގެ ކުރިން ސުވާލުކޮށްލިއެވެ.

"މިހާރު އޯކޭ. އަހަރެން މިރޭ މިކޮޅުގަ އިނގޭ. ޑްރައިވަރު ގާތު ބުނާނަން އާހިލް ނަގައިގެން އަހަރެން ބަލާ އަންނަން..." އާހިލް އާއި ކުޑަވަގުތު ކޮޅަކު ވާހަކަދައްކާލުމަށްފަހު ނަވީން ފޯނު ބާއްވަމުން ލައިޓް ވެސް ނިވާލިއެވެ.

ޖެހިގެން އައި ދުވަހަކީ ވިއްސާރަ ދުވަހަކަށް ވުމާއެކުވެސް ހެނދުނުގެ އެ ވަގުތު މާލޭގެ މަގުތައްމަތިން ކާރޫބާރު ކޮންމެވެސް ވަރަކަށް ކުޑަވިއެވެ. އެހެންނަމަވެސް މީހުން މަދެކޭ ނުބުނެވޭނެއެވެ.

ނަވީން ގޭން ނުކުތީ އާހިލް ގެއާ ކައިރިކޮށްލާފައި ގުޅުމުންނެވެ. ދަމުން އޭނާ ދިޔައީ ކަމެއް ވާނަމަ ގުޅަން އިބާ ގާތު ބުނެފައެވެ. ރޭގައި ނަވީންގެ ފުށުން ފެނުނު އެއްވެސް ކަމެއްގެ އަސަރެއް މިހާރަކު ނެތެވެ. ހުރީ ނިކަން ހަމަޖެހިލާފައެވެ. ސްމާރްޓެއެވެ.

އިބާވެސް އިތުރު އެއްޗެއް ބުނާކަށް ގަސްތެއްނުކުރިއެވެ. އޭނާ ވެސް ހިނިތުންވެލީއެވެ.

*****

ޔާސިރު އޮފީހަށް ގޮސް މީޓިން ނިންމާލާފައި ނުކުތް ގަޑީގައި އޮފީސް ކައިރިން ޝަކީބު ފެނުމުން އޭނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ހިސާބެއްގެ ނުރުހުންވުމެއް އޭނާގެ މޫނުމަތިން ފެނުނެވެ.

"ކަލޭ ކީ ކުރަނީ ތި މިހާރު މިތާ؟" އިމާރާތަށް ބަލާލުމަށްފަހު ޔާސިރު ސުވާލުކޮށްލިއެވެ.

"އަހަރެންގެ ވަރަށް މުހިންމު ޑޮކިއުމެންޓެއް ވެއްޖެ. އެބަލާ މިއައީ...." ޝަކީބު ބުނެލިއެވެ. ޔާސިރު ނުރުހުންތެރިކަމާއެކު ހުތުރު އެއްޗެއް ބުނެލުމަށްފަހު ކާރާ ދިމާލަށް ހިނގައިގަތުމުން ޝަކީބުގެ މޫނުމަތިން ރުޅިވެރިކަން ފެނިގެން ދިޔައެވެ.

"ހާދަ ބޮޑާ ވެފައޭ ތި ހުންނަނީ.... އަހަރެން އަދި ކަލޭގެ ތުންފަތް މަތީގައިވާ ތި ބޮޑާކަމުގެ ހިނިތުންވުން ފުނޑުފުނޑު ކޮށްލާނަން. ނަފްސުވެސް ރޮއިގަންނަވަރު ކުރާނަން....." އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔަ ޝަކީބު އެއްމިޔަކަށް ހީލިއެވެ. ޔާސިރު ގޮސް ކާރަށް އަރަންދެން ޝަކީބު ބަލަހައްޓައިގެން ހުއްޓެވެ.

*****

ނަވީން އޭނާގެ ކެބިންގައި އިނދެ ވިސްނަމުން ދިޔައެވެ. މަންމަގެ ހާލަތާ މެދުގައެވެ. މަންމަގެ އެހާލުގެ ޒިންމާ ނަގަންޖެހޭ އެންމެހާ ފަރާތްތައް އޭނާ ގާނޫނުގެ ކުރިމައްޗަށް ގެންނާނެއެވެ. އެ އެންމެންނަށް އޭނާ ހައްގު އަދަބު ދޭނެއެވެ. އެއިން އެކަކަށްވެސް ފިލައިގެން އުޅޭކަށް ލާހިކެއް ނޫނެވެ. މިހާރު އޭނާގެ އަތުގައިވެސް ބާރު އެބައޮތެވެ. ފައިސާ އެބަ ހުއްޓެވެ. ފައިސާގެ ބޭނުންކޮށްގެން ކުރެވެން ހުރި ހުރިހާކަމެއް އޭނާ ކުރާނެއެވެ.

އެދުވަހު އޮފީސް ނިންމާލާފައި އާދައިގެ މަތިން ނަވީން ދިޔައީ މާހިރާ ކައިރިއަށެވެ. މާހިރާގެ ހާލު ބަލާ ހަދާލުމަށްފަހު ގެއަށް ބޭނުންވާ އެއްޗެހި އޯޑަރު ކޮށްގެން ގެންނަން ބުނެފައި ލާރި އިބާ އާ ހަވާލުކުރުމަށްފަހު އޭނާ ގެއަށް ދާން މިސްރާބުޖެހީ ތާޒާ ވެލައިގެން އަނެއްކާ މަންމަ ގާތަށް އައުމުގެ ބޭނުމުގައެވެ.

ފެންވަރާ ހަދާލައިގެން އޭނާ ދިޔައީ ސްޓަޑީއާ ދިމާލަށެވެ. ދޮރުފަތް ހުރީ ކުޑަކޮށް ހުޅުވިފައެވެ. އެތެރޭން ކޮންމެވެސް ދެމީހަކު ވާހަކަ ދައްކާ އަޑު އިވި އިވި ހުއްޓެވެ. ކަންފަތް ހުޅުވާލާ އޭނާ އިތުރަށް ބޯ ކައިރިކޮށްލިއެވެ. އަޑު އަހާލުމުގެ ނިޔަތުގައެވެ.

"އެ ވާހަކަ އޭނަ އެއްވެސް މީހަކު ކައިރި ބުނެފިއްޔާ ހުރިހާ ކަމެއް ވެސް ގޯހުން ގޯހަށް ދާނީ" އިވުނީ ޒުބައިރުގެ އަޑެވެ. އެއަޑުގައި ކަންބޮޑުވުން ވެއެވެ.

"ނުދާނެ އެއްވެސް ކަމެއް ގޯހަކުން... އޭނާގެ އަތުގައި ހަތިޔާރެއް އޮތިއްޔާ އަހަރެންގެ އަތުގައިވެސް ހަތިޔާރެއް ނެތިއެއް ނުދާނެ... އިންޒާރުދީ ބިރު ދެއްކޭނީ އޭނައަށް އެކަންޏެއް ނޫން... އަހަރެންނަށް ވެސް ބިރު ދެއްކޭނެ... އޭނާގެ އަތުގައި އޮތް ހަތިޔާރަށްވުރެ ތޫނު ހަތިޔާރެއް އަހަރެންގެ އަތުގައި އޮންނާނެ.... އެ ދެކެ އޭނަވެސް ބިރުގަންނާނެ. އެ ފެނިފަ އަމިއްލަ އަނގައިގައި ޓޭޕު ނާޅާނެ ކަމެއްވެސް ނޭނގެ." ޔާސިރުގެ ވާހަކަތައް އަޑުއަހަން ހުރި ނަވީން ގެ ދެ ބުމަ ގޮށްޖެހުނެވެ. އިތުރަށް އެ ކިޔާ އެއްޗެއް އަޑު އަހަން އަދިވެސް ބޮޑަށް ކައިރިވެލިއެވެ. އެހެންނަމަވެސް އިތުރު އެއްޗެއް ބުނާ އަޑެއް ނީވުނެވެ. އެހެންކަމުން އޭނާ ދުރަށް ހިނގައިގަތީ އެތަނަށް ވަންނަން ބޭނުންނުވުމުންނެވެ. އެނބުރި ގޮސް ކޮޓަރިއަށް ވަދެފައި އޭނާ ކަބަޑު ހުޅުވާލާފައި ފޮޓޯގަނޑެއް ނެގިއެވެ. އެއަށްފަހު ފޮޓޯގަނޑު ދެފަޅިކޮށްލުމަށްފަހު އަނެއްފަޅި ބޮނޑި ކޮށްލާފައި އެއްލާލިއެވެ. އަތުގައި އޮތް ބަޔަށް ފަރުވާތެރިކަމާއެކު އޭނާ ބަލާލިއެވެ.

"އޭގައި ވަނީ މާހިރާއެވެ. ފުޅާ ހިނިތުންވުމެއްގައި ހުރިއިރު އެ މޫނުމަތިން ފެންނަނީ ހިންހަމަޖެހުމާއި އުފާވެރިކަމެވެ. ނަވީން ގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިކި ބާލީހަށް އޮބިގެން ދިޔައެވެ.

(ނުނިމޭ...)

https://sun.mv/122273

comment ކޮމެންޓް