އައިއޯއައިޖީގެ ކާމިޔާބަށްފަހު ޓީޓީ ރެކެޓު މުއީނާ ބާއްވައިފި

މިފަހަރުގެ އައިއޯއައިޖީގެ އަންހެން ޓީޓީ އިވެންޓުގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ ވާދަ ކުރަނީ --- ފޮޓޯ// އެމްއޯސީ

މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް ޓީމް އިވެންޓުން ރާއްޖޭގެ ޓީމު ރަން މެޑަލް ހޯދުމުގައްޔާއި އެ ކެޓަގަރީގެ ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދުމުގައި މުހިއްމު ދައުރެއް އަދާ ކުރި ތަޖުރިބާކާރު ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދު ޓީޓީ ކުޅުމުން ރިޓަޔާ ކޮށްފި އެވެ.

ބައިނަލް އަގުވާމީ ބޮޑު މުބާރާތަކުން ރާއްޖެ ހޯދި އެންމެ ބޮޑެތި ކާމިޔާބީތަކެއް މިފަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ އަންހެން ޓީމުން ހޯދި އިރު އެ ކެޓަގަރީގެ ތިން އިވެންޓަކުން އެ އަންހެން ހަތަރު ކުޅުންތެރިން ވަނީ ފަސް މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ތިން ރަން މެޑަލް ވެސް ހިމެނުނު އިރު މިއީ ދިވެހި ރާއްޖެއަށް މި ކުޅިވަރުން ކުރިއަށް ދެވޭނެ ކަމުގެ ވަރުގަދަ ހެެއްކެކެވެ.

މިފަހަރުގެ އައިއޯއައިޖީގެ އަންހެން ޓީޓީ އިވެންޓުގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ ހޯދި ރިހި މެޑަލް އޭނާއަށް ހަވާލު ކުރަނީ ފޮޓޯ// އެމްއޯސީ

ނަމަވެސް މިއަދު އެ ޓީމުގައި ހިމެނުނު އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެ ވަނީ ޓީޓީ ކުޅުމުން ރިޓަޔާ ކުރަން ނިންމައިފަ އެވެ. މިއީ ދިވެހި ރާއްޖޭގެ ޓީޓީ އާއިލާއަށް ލިބުނު ފޫ ނުބެއްދޭނެ ވަރުގެ ގެއްލުމެއް ނަމަވެސް އޭނާގެ ޓީޓީ ރެކެޓު އެލުވާލަށް އެ ނިންމީ މުޅި ގައުމު ފަޚްރުވެރިކޮށްދިނުމަށްފަހު އެވެ.

ދެހާސް އެގާރަ ވަނަ އަހަރު އޮތް އައިއޯއައިޖީގައި ބައިވެރިވެ ރާއްޖެއަށް މި ކުޅިވަރުގައި ކުރިއަށް ދެވޭނެ ކަމުގެ އުންމީދު ހޯދައިދީ އަރަމުން އައި ކުޅުންތެރިންނަށް މިސާލު ދެއްކި މުއީނާ ވަނީ މިފަހަރުގެ އައިއޯއައިޖީގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ރަން އަދި ރިހި މެޑައްޔެއް ކަރަށް މަހާލައިގެން މިފަހަރުގެ އެ ގޭމްސް އޭނާ ނިންމާލި އިރު އޭނާ ވަނީ މިފަހަރުގެ ގޭމްސްގައި ވާދަ ކުރި ޒުވާން ޓީޓީ ދެ ކުޅުންތެރިން ކަމަށްވާ ދީމާ އަލީއާއި އައިޝަތު ރަފާއަށް ވަރަށް ބޮޑަށް އެހީތެރިވެދީފަ އެވެ.

މިފަހަރުގެ އައިއޯއައިޖީގެ އަންހެން ޓީޓީ އިވެންޓުގައި ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ ވާދަ ކުރަނީ --- ފޮޓޯ// އެމްއޯސީ

މުއީނާގެ އިތުރުން މިފަހަރުގެ އައިއޯއައިޖީގައި ބައިވެރިވި ނަޝީއުއާއި ނަޝްފާން ވެސް ވަނީ ކުޅުމުން ރިޓަޔާ ކޮށްފަ އެވެ. މި ތިން ކުޅުންތެރިންނަކީ ވޭތުވެ ދިޔަ ތިން އައިއޯއައިޖީގައި ވެސް ބައިވެރިވެ ގައުމަށް މެޑަލް ގެނެސްދިން ކުޅުންތެރިންތަކެކެވެ.

comment ކޮމެންޓް