މާލެ ވަށައި ހިއުމަން ރިންގެއް އަޅައި ރާއްޖެއިން ދުނިޔޭގެ ރެކޯޑަކަށް

ދުނިޔޭގައި ފުރަތަމަ ފަހަރަށް ގައުމެއްގެ ވެރިކަން ކުރާ ރަށެއްގެ ވަށައިގެން މޫދުގައި ހިއުމަން ރިންގެއް އަޅައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށް ރާއްޖެއިން މަސައްކަތް ފަށައިފި އެވެ.

މިކަން ހާމަކުރެއްވީ ޓުއަރިޒަމް މިނިސްޓްރީ އިން މިރޭ ބޭއްވި ހަފްލާއެއްގައި މިނިސްޓަރު އަލީ ވަހީދެވެ. އަލީ ވަހީދު ވިދާޅުވީ އެއީ ދުނިޔޭގައި ވެސް އަލަށް ކުރަން ވިސްނާފައިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ވޯލްޑް ރެކޯޑް އެޓެމްޕްޓު ކުރަން މި އުޅެނީ ހިއުމަން ރިންގެއް ވެރިކަން ކުރާ ރަށެއްގެ ވަށައިގެން މޫދުގައި އެޅުމަށްޓަކައި،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވަނީ ހިއުމަން ރިންގ ގައި ބައިވެރިވެ، ރާއްޖެ ދުނިޔޭގެ ރެކޯޑު ފޮތުގައި ހިމެނުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވައިފައެވެ.

ހިއުމަން ރިންގް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. އަލީ ވަހީދު ވިދާޅުވީ ގާތްގަނޑަކަށް ދެ ގަޑިއިރުގެ ތެރޭގައި އެ ރިންގް އެޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދި މިއީ ދުނިޔޭގެ ޗާޓުގައި ރާއްޖެ ފަވާލުމަށް ކުރާ މަސައްކަތެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ރިސޯޓެއްގައި ފްރީ ޑައިވްގެ ދުނިޔޭގެ ރެކޯޑެއް ހެދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް