ނިޔާޒު އޭސީސީއަށް އައްޔަން ކުރެވޭ ވަރަށް މާކުހެއް ނުލިބުނު

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް -- ސަން ފައިލް ފޮޓޯ

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމްގެ ނަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ހަމަޖެއްސުމަށް ފޮނުވި ނަމަވެސް، ކޮމިޓީ މަރުހަލާއިން އޭނާގެ ނަން ފެއިލްވެއްޖެ އެވެ.

އޭސީސީގައި މިހާރު ތިއްބެވި މެންބަރުންގެ މުއްދަތު އަންނަ ސެޕްޓެމްބަރު 9 އަކަށް ހަމަވާތީ، ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 68 ބޭފުޅުންގެ ނަން ރައީސް މަޖިލީހަށް ފޮނުއްވި އެވެ. އަދި ކޮމިޝަނަށް ހަމަޖެއްސުމަށް ރައީސްއަށް ފެންނަ 12 ބޭފުޅެއްގެ ނަން ފާހަގަ ވެސް ކުރެއްވި އެވެ.

އެ 12 ފަރާތާ އިންޓަވިއުކުރުމަށް ފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުގައި، އެންމެ މަތިން މެންބަރުންގެ މާކްސް ލިބުނީ އިބްރާހިމް ޝަކީލް އަށެވެ. އޭނާއަށް ވަނީ، 77.718 މާކްސް ލިބިިފަ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މާކްސް ލިބުނު، އާދަމް ޝާމިލްއަށް 77.284 މާކްސް ލިބުނު އިރު، ފާތިމަތު އަނޫލާއަށް 77.264 މާކްސް، މަރުޔަމް ޝިއުނާ އަށް 76.976 މާކްސް އަދި އާއިޝަތު އަބްދުﷲ އަށް ވަނީ 75.142 މާކްސް ލިބިފަ އެވެ.

ކޮމިޓީ ރިޕޯޓްގައިވާ ގޮތުން ކޮމިޝަނަށް އައްޔަން ކުރަން ގާބިލް ކަމަށް ބަލަނީ، 75 މާކްސް ނޫނީ އެއަށް ވުރެ މަތިން މާކްސް ލިބިގެން އެވެ. ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އަށް ލިބުނީ، 67.476 މާކްސް އެވެ. އަދި މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ ވެސް މާކްސް ލިބިފައިވާ ތަރުތީބުން އެވެ.

އޭސީސީ އެކުލުވިގެން ވަނީ ޖުމްލަ ފަސް ބޭފުޅުންގެ މައްޗަށެވެ.

ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުގައި، ކުރިމަތިލީ ފަރާތްތަކަށް މާކްސް ދިނުމުގައި ބަލާފައި ވަނީ ތައުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި ކޮމިޓީގައި ކުރި އިންޓަވިއުއަށެވެ.

comment ކޮމެންޓް