ބޮޑު ތަފާތަކުން ބޫޓާން ބަލިކޮށް ލެޓްވިއާއިން ތަށި އުފުލާލައިފި

އައްޑޫގައި މިއަދު ކުޅުނު ފައިނަލުގައި ބޫޓާން ބަލިކޮށް ލެޓްވިއާއިން ތަށި އުފުލައިލަނީ --- ފޮޓޯ// އެފްއޭއެމް

ޔުއެފާއާއި ފޫޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން އައްޑޫގައި ބޭއްވި 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިއަދު ތަފާތު ބޮޑު ނަތީޖާއަކުން ބޫޓާން ބަލިކޮށް ލެޓްވިއާއިން ތަށި އުފުލާލައިފި އެވެ.

ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ފައިނަލު މެޗުގައި ވަރުގަދަ ސައުދީ އަރަބިއްޔާ ބަލިކޮށް ފައިނަލަށް ދަތުރު ކުރި ބޫޓާން ބަލިވީ 0-6 އިންނެވެ. އެ މެޗުގައި ލެޓްވިއާއިން އެ ޓީމުގެ ފެންވަރު ދައްކާލި އިރު މި ދެ ޓީމުން ގުރޫޕް ސްޓޭޖުގައި ބައްދަލު ކުރި މެޗުގައި ލެޓްވިއާއިން ރަނގަޅު ކުޅުމެއް ދައްކާ ލެޓްވިއާއަށް އުނދަގޫތަކެއް ކުރިމަތި ކުރުވި ނަމަވެސް މިއަަދުގެ މެޗުގައި ބޫޓާންގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ.

އައްޑޫގައި މިއަދު ކުޅުނު ފައިނަލުގައި ބޫޓާން ބަލިކޮށް ލެޓްވިއާއިން ތަށި އުފުލައިލަނީ --- ފޮޓޯ// އެފްއޭއެމް

މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މިއަދުގެ ފައިނަލުން ލެޓްވިއާ މޮޅުވި އިރު އެ ޓީމުން މި މުބާރާތަށް އަައީ ވެސް މުބާރާތުގެ ފެވަރިޓުންގެ ގޮތުގަ އެވެ.

މިއަދުގެ ފައިނަލު މެޗު އެއްކޮށް ކަހަލަ ގޮތަކަށް ލެޓްވިއާއިން ޑޮމިނޭޓް ކޮށްގެން މޮޅަށް ކުޅުނު އިރު އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ވެސް ތިން ގޯލު ޖަހައިފަ އެވެ. ޑާރިއޯ ސްއީޓްސް ގެ ދެ ގޯލަކާއި ޖިއޯޖިސް ސެސްކޯވްސްގެ ހިތްގައިމު ސޯލޯ ގޯލެއް އެ ހާފުގައި ފެނުނު އިރު ބޫޓާންއަށް މުޅި މެޗުގައި ވެސް ލެޓްވިއާގެ ގޯލަށް ނުރައްކާ ކުރެވުނީ އެންމެ ތިން ފަހަރު އެވެ.

ދެވަނަ ހާފުގައި ވެސް ލެޓްވިއާއިން ވަނީ އިތުރު ތިން ގޯލު ޖަހައިފަ އެވެ. އެ ހާފުގެ ކުރީ ކޮޅު ލެޓްވިއާގެ މެދުތެރެއަށް ކުޅުނު ކްރިސްޓަސް ވޮލްކޯވް ހާފްގެ މެދުތެރެއިން ފޮނުވާލި ބާރު ބޯޅައެއް ބޫޓާންގެ ކީޕަރުގެ އަތުން ދޫވެ ގޮސް ގޯލުގެ ތެރެއަށް ވަތް އިރު އެ ހާފުގައި ޖެހި ދެވަނަ ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ޖަހައިދިނީ ބްރޫނޯ މެލްނިސް އެވެ.

މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގައި ލެޓްވިއާގެ ހަވަނަ ގޯލު އެ ޓީމަށް ޖަހައިދީ ޑާރިއޯ ސްއީޓްސް ވަނީ އޭނަގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

މިއަދުގެ ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކި މަގާމުތަކަށް އަދި ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމުގެ އިތުރުން މުބާރާތުގެ އެކި އެކި ވަނަތަކަށް ދިޔަ ކުޅުންތެރިންނަށް ވަނީ ޓްރޮފީ ހަވާލު ކޮށްފަ އެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލެޓްވިއާގެ ކްރިސްޓަސް ވޮލްކޯވްސް އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޑާރިއޯ ސްއީޓްސް އެވެ.

އައްޑޫ ސިޓީގައި ކުރިޔަ މިދިޔައ ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަކީ ޒުވާން އުމުރުފުރައަށް ހާއްސަކޮށްގެން ރާއްޖޭގައި މިފަހުން ބޭއްވުނު އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ.

މި މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމުން ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. އަދި ބައިކޮޅަށް 15 ގޯލު ވަތް އިރު މުޅި މުބާރާތުގައި ވެސް ރާއްޖެއަށް ޖެހުނީ އެންމެ ގޯލެކެވެ.

މި މުބާރާތުގައި ވެސް ރާއްޖޭގެ ކޯޗަކީ އިބްރާހިމް ހަލީމް (ޖަޑާ) އެވެ. މިދިޔަ ޑިސެމްބަރު މަހު ތައިލެންޑުގައި އޮތް ޔުއެފާ އެސިސްޓް މުބާރާތުގައި ވެސް ޖަޑާގެ ކޯޗުކަމުގައި ރާއްޖެ ވަނީ ތަފާތު ބޮޑު ނަތީޖާތަކަކުން ސައިޕްރަސް، ބަންގްލަދޭޝް އަދި ތައިލެންޑް އަތުން ބަލިވެފަ އެވެ.

ޖަޑާ މީގެ ކުރިން ބުނީ މި މުބާރާތަކީ ތަޖުރިބާ ހޯދުމުގެ މުބާރާތެއް ކަމަށެވެ. ކުރިއަށް އޮތް އޭއެފްސީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ގައުމުތަކާ ކުޅެ ރާއްޖެއަށް ތަޖުރިބާ ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ކޯޗު ބުންޏެވެ.

comment ކޮމެންޓް