ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓާޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހުކޮށްފި

ފަތުރުވެރިކަމުގެ މާސްޓާޕްލޭން އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓާޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހުކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދާ ހަފްލާގައި 2020 އިން 2025 އަށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްގެންދާނެ ގޮތުގެ މާސްޓާޕްލޭން އެކުލަވާލުން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޓޫރިޒަމްގެ މާސްޓާ ޕްލޭންގެ ތެރެއިން ހާސިލް ކުރުމަށް ކަނޑައަޅާފައިިވާ ކަންތައްތަކަކީ:

  • ފަތުރުވެރިކަން ފުޅާކޮށް ސިންދަފާތުކޮށް ކުރެވެންހުރި ގޮތްތައް ދެނެގަތުން
  • ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމުގައި އަންހެނުންގެ ދައުރު އިތުރުކުރުން
  • ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި މުއްސަނދިކޮށް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާއިރު އިތުރުކުރުން
  • ފަތުރުުވެރިކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވައިދުތައް ހަރުދަނާ ކުރުން
  • ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައް ދެނެގަތުން
  • ފަތުރުވެރިކަމުން ލިބޭ ފައިސާ ރާއްޖޭގެ އިގްތިސޯދުގައި ހިފެހެއްޓޭނެ ގޮތްތައް ހޯދާ ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން
  • ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖޭގެ ސަގާފީ އަދި އާސާރީ ކަންތައް ފަތުރުވެރިކަމުގެ ތެރެއިން ދިރުވާ އާލާކުރުމަށް ކުރެވެން ހުރި ކަންތައް ދެނެގަތުން
  • ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ފުރުސަތުތައް އިތުރުކޮށް ބޭނުންވާ ތަމްރީނުތައް ދެނެގަތުން
  • ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުން

މި ޕްލޭންގެ މައިގަނޑު މަގުސަދަކީ މަޝްވަރާ އާއި ދިރާސާގެ މައްޗަށް ބިނާކޮށް ފަތުރުވެރިކަމުގެ މުސްތަގުބަލް ބައްޓަން ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމެވެ. މި ސިޔާސަތުތައް ކަނޑައަޅާނީ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިސްކަންދީގެން ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް