ގައުމު ފަޚުރުވެރިކޮށްދިން އެތުލީޓުންނަށް ދިވެހިން ކީ ހޫނު މަރުހަބާއެއް

އައިއޯއައިޖީގެ ރަންވަނަ ހޯދި ޓީމުގެ ކުޅުންތެރިން މާލެ އައުމުން ދިވެހިން ކީ ހާއްސަ މަރުހަބާގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ

މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ބައިނަލް އަގުވާމީ މުބާރާތެއްގައި ހޯދި އެންމެ ބޮޑެތި ކާމިޔާބީތަކާ އެކު ޖުމްލަ 15 މެޑަލް ކަރަށް މަހާލައިގެން ރާއްޖޭގެ ހުނަރުވެރި އެތުލީޓުން މިއަދު ހަވީރު މާލެ އައ އިރު މުޅި ޖުމްހޫރީ މައިދާން ވަނީ ގައުމީ ދިދައިގެ ކުލަތަކުގައި ތިބި ދިވެހީންވެގެން ފުރާލައިފަ އެވެ. މުބާރާތް ބޭއްވި މޮރިޝަސް އިން ފުރައިގެން ހަތަރު ގަޑިއިރުގެ ދަތުރަކަށް ފަހު ރާއްޖޭގެ ކޮންޓިންޖެންޓް މިއަދު 4:45 ހާއިރު ރާއްޖެ އައީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގަ އެވެ.

ގައުމު ފަޙުރުވެރިކޮށްދިން މި އެތުލީޓުން ބަލައި މޯލްޑިވިއަނުން ދިޔައީ މަރުހަބާ ކިއުމަށް ތައްޔާރުވެގެންނެވެ. އެގޮތުން މުޅި ބޯޓުގެ ހުރިހާ ކުރޫއިން ވެސް ތިބީ ދިވެހި ޖާޒީގަ އެވެ. އެއަށްފަހު ދަތުރު މަތީގައި ވެސް އައިއޯއައިޖީގެ ބައިވެރިންނަށް އިތުރު މަރުހަބާއެއް ކިއުމުގެ ގޮތުން ހާއްސަ ކޭކެއް ވެސް ވަނީ މޯލްޑިވިއަންގެ ޓީމުން ފަޅާފަ އެވެ.

ފޯރިއާއެކު ދިވެހި ގައުމީ ލަވަތަކެއް ކިޔަމުން އައިއޯއައިޖީގެ ޓީމް ހުޅުލޭ އެއާ ޕޯޓަށް މަޑުކޮށްލުމާ އެކު ފެނިގެން ދިޔައީ އަދި މާ ތަފާތު މަންޒަރެކެވެ. ސަރުކާރުގެ އިސްވެރިންނާއި، ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިންނާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި ކުޅިވަރު ދާއިރާގެ އެކި އެކި ބޭފުޅުން ދިވެހި ޓީމަށް ވަނީ ރަތްދޫލައިގެ މަރުހަބާއެއް ކިޔާފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް ދެއްކި މަރުހަބާއަކުން ނިންމާލަން ދިވެހިން ބޭނުމެއް ނުވި އެވެ. ގައުމީ ކުލަތަކުން ޖަރީ ކޮށްފައި އޮތް ފެރީތަކަކަށް އަރައިގެން ޓީމު ގޮސް އެއް ނަންބަރު ފާލަން ގާތަށް މަޑު ކޮށްލުމުން ދެން ފެނުނީ އަދި މާ ހާއްސަ މެހެމާންދާރީއެއް ޓީމަށް ދިން ތަނެވެ.

މިހާރުގެ ރައީސް އިބްރާހިމް ސޯލިހުއާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި މުހައްމަދު ނަޝީދު ފަދަ ބޭބޭފުޅުންގެ މަރުހަބާ ކިއުމަކުން ގައުމީ ކުޅުންތެރިންނަށް ތަހުނިޔާ ވިދާޅުވި އިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެސަރަހައްދައް ރަތާއި ހުދު އަދި ފެހި ކުލައިގެން ހެދުން ލައިގެން އެއްވެފަ އެވެ.މިކަމުގެ ސަބަބުން ގައުމީ ޓީމުތަކުގައި ހިމެނުނު ކުޅުންތެރިންނަށް ކުރެވުނީ ވަރަށް ވެސް އުފާވެރި އިހުސާސްތަކެއް ކަމަށް އެ ހުރިހާ ކުޅުންތެރިން ވެސް ބުނަމުން ދިޔަ އިރު އެ ހުރިހާ އެތުލީޓުންނަށް އެންމެ ހާއްސަ ކަމަކަށްވީ އެ ތަނުން އެ އެންމެންގެ އާއިލާތަކާ ދިމާވުމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ގައުމުން ބޭރުގައި މި ކުރި މަސައްކަތުގެ ފޮނި މީރުކަން ދިވެހިންގެ ކަރުތަކުގައި ވެސް ލައިފި އެވެ.

ދެން އޮތީ އަންނަ ފަހަރުގެ މި މުބާރާތައް ތައްޔާރުވުމެވެ. ނަމަވެސް އަންނަ ފަހަރަށް ރާއްޖޭގެ ޓީމުން ކުރަނީ މިފަހަރު މި ކުރި ވަރެެއް ވުރެން މާ ބޮޑު އުންމީދުތަކެކެވެ. ސަބަބަކީ އަންނަ ފަހަރުގެ މި މުބާރާތް ބާއްވާނީ ދިވެހި ފަސްގަނޑުގައި ކަމަށް ވާތީ އެވެ.

comment ކޮމެންޓް