މަރަދޫ އިން 30 ގޯތި ދޫކުރަން އިއުލާނުކޮށްފި

އައްޑޫ ސިޓީ މަރަދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތިދޫކުރުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މަރަދޫ އިން 1500 އަކަފޫޓުގެ 30 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް:

ދިވެހިރައްޔިތަކު ކަމުގައިވުން

އުމުރުން 18 އަހަރުވެފައިވުން

ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން

އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން

ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން

ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ބެލުމަށް ފަހު އޭގެ ތެރެއިން ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށް ކައުންސިލުން ބުނެއެވެ.

އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

އޭގެ އިތުރުން ރަށުގެ ހާލަތާއި ރައްޔިތުންގެ ދިރުއުޅުމުގެ ހާލަތަށް ބަލައި، ޕޮއިންޓްދިނުމުގެ އުސޫލަށް ބަދަލު ގެނައުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވާ ކަމަށް އިއުލާނުގައިވެއެވެ.

ގޯއްޗަށް އެދޭ ފޯމު މާދަމާ އިން ފެށިގެން ސިޓީ ކައުންސިލާއި އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.

މަރަދޫގެ އިތުރުން ހުޅުމީދޫ އިން 100 ގޯތި ދޫކުރަން ނިންމައި، ގޯއްޗަށް އެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް