އިތިއޯޕިއާއިން އެއް ދުވަސް ތެރޭ 200 މިލިއަން ގަސް އިންދަނީ

އިތިއޯޕިއާއިން ވަނީ އެއް ދުވަސް ތެރޭ 200 މިލިއަން ގަސް އިންދުމުގެ ހަރަކާތެއް ފަށާފަ -- ފޮޓޯޯ: ބީބީސީ

އަދިސްއަބަބާ (ޖުލައި 29): އެއް ދުވަސް ތެރޭ 200 މިލިއަން ގަސް އިންދައި، ދުނިޔޭގެ ރެކޯޑެއް މުގުރާލުމުގެ މަސައްކަތް އިތިއޯޕިއާއިން މިއަދު ފަށައިފި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ޖަންގަލިތަކުގެ ގަސްތައް ކަނޑަމުން ދިޔުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ކުރިއަށްގެންދާ އެމަޝްރޫއުގައި އިސްކޮށް ހުންނަވަނީ އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ މުހައްމަދެވެ. އަދި ގްރީން ލެގަސީ އިނިޝިއޭޓިވްގެ ނަން ދީފައިވާ އެހަރަކާތުގެ އަމާޒަކީ ޖުމްލަ ހަތަރު ބިލިއަން ގަސް އެގައުމުގައި އިންދުމެވެ.

އދ.އިން ބުނާ ގޮތުގައި އިތިއޯޕިއާގައި ޖަންގަލިތައް އޮންނަ ސަރަހައްދު 20 ވަނަ ގަރުނުގައި 35 ޕަސެންޓުގައި އޮތް ނަމަވެސް ދެހާހުގެ އަހަރުތަކުގައި އެފަދަ ސަރަހައްދުތައް ވަނީ ހަތަރު ޕަސެންޓަށް ކުޑަވެފަ އެވެ.

އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ގަސް އިންދުމުގެ ރެކޯޑު މިހާރު އޮތް ގައުމަކީ އިންޑިއާ އެވެ. އެގައުމުން 2016 ވަނަ އަހަރު 800،000 ދަރުމަވެރިންނާ އެކު ގަސް އިންދުމަށް ބޭއްވި ހަރަކާތެއްގައި 50 މިލިއަން ގަސް އިންދާފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް