ބީޖޭޕީގެ މެމްބަރެއްގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރި ކުއްޖާ މަރާލަން އުޅުނު ކަމުގެ ތުހުމަތު

ނަވާރަ އަހަރުގެ އަންހެންކުއްޖާ އެކްސިޑެންޓުވި އިރު އިން ކާރު -- ފޮޓޯ: އަނޫބަވް ޔާދަވް

ލަކްނޯ (ޖުލައި 29): އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެއްގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރި އަންހެން ކުއްޖަކު މަރާލަން ބަޔަކު މަސައްކަތް ކުރި ކަމަށް އެކުއްޖާގެ އާއިލާއިން ބުނެފި އެވެ.

އެއާއިލާއިން އެފަދައިން ބުނީ، އިއްޔެ އަންހެން ކުއްޖާ ދަތުރު ކުރަމުން ދިޔަ ކާރެއް އެކްސިޑެންޓުވެ، އެކުއްޖާގެ ހާލު ސީރިއަސްވުމުންނެވެ. އެހާދިސާ ހިނގި ވަގުތު އަންހެން ކުއްޖާގެ ދެ ބޮޑުދައިތައިންނާއި އޭނާގެ ވަކީލު ކާރުގައި ތިއްބެވެ. އަދި އެކްސިޑެންޓުގައި ދެ ބޮޑުދައިތައިން މަރުވެ، ވަކީލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

އެ އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ދިޔަ ޓްރަކެއްގައި ކާރު ޖެހުމުންނެވެ. ފުލުހުން ވަނީ ޓްރަކް ދުއްވަން އިން މީހާއާ ސުވާލު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އެއަންހެންކުއްޖާ އާއި ވަކީލަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އެކުއްޖާގެ އާއިލާއިން ވަނީ އެކްސިޑެންޓުގެ ފަހަތުގައި ވަނީ އުއްތަރަ ޕްރަދޭޝްގެ މަޖިލިސް މެމްބަރު ކުލްދީޕް ސިންހު ސެންގަރާއި އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ކަމަށް ބުނެފަ އެވެ.

"ކުލްދީޕް ސިންހާއި އޭނާއަށް ތާއިދު ކުރާ މީހުން އެ ހަމަލާ ރޭވީ، [ރޭޕްގެ] މައްސަލައާ ގުޅިގެން އަހަރެމެން ކުރާ މަސައްކަތްތައް ހުއްޓުވުމަށް،" އަންހެން ކުއްޖާގެ އާއިލާގެ މެމްބަރަކު ބުންޏެވެ.

ނަވާރަ އަހަރުގެ އެއަންހެން ކުއްޖާ ވަނީ ޖޫން 2017އިގައި ސެންގަރު އޭނާ ރޭޕްކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެމައްސަލަ ގިނަ ބަޔެއްގެ ސަމާލުކަމަށް އައީ، ފުލުހުން އެމައްސަލަ ނުބަލާ ކަމަށް ބުނެ އަންހެން ކުއްޖާ މިދިޔަ އަހަރުގެ އޭޕްރިލް އަށެއްގައި އެސްޓޭޓުގެ ޗީފް މިނިސްޓަރުގެ ގޭގެ ކުރިމަތީގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުންނެވެ.

އޭގެ އެއް ދުވަސް ފަހުން، ފުލުހުންގެ ހައްޔަރުގައި ހުރި އެކުއްޖާގެ ބައްޕަ ވަނީ މަރުވެފައި އެވެ. އެމަހުގެ ހަތަރު ވަނަ ދުވަހު އެކުއްޖާގެ ބައްޕަ ހައްޔަރު ކުރީ ސެންގަރުގެ އާއިލާގެ މެމްބަރަކާއި އޭނާއާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ މަރުވީ އެހަމަނުޖެހުމުގެ ސަބަބުން ލިބުނު އަނިޔާއަށް ރަނގަޅަށް ފަރުވާ ނުދިނުމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރިލް 13އިގައި ސެންގަރު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެމައްސަލައިގެ ޝަރީއަތް އަދި ފަށާފައި ނުވާ ކަމަށް ސީބީއައި އިން ބުންޏެވެ.

comment ކޮމެންޓް