ބޭނުން ނެތިގެން ޗައިނާ ކުލަބަކަށް ދޫކޮށްލަން އުޅުނު ބޭލް ރެއާލުގައި މަޑުކުރަނީ

ރެއާލް މެޑްރިޑްގެ ތަރި ގެރެތް ބޭލް --- ފޮޓޯ/ ސްޓީފެން ކްރީކް

ރެއާލް މެޑްރިޑުގެ ފޯވާޑް ގެރެތު ބޭލް ދޫކޮށްލަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނުމުން ހަފުތާ އަކު އެއް މިލިއަން ޕައުންޑް މުސާރައިގެ ގޮތުގައި ލިބޭގޮތަށް ޗައިނާގެ ޖިއާންސޫ ސަނިން އަށް ސޮއިކުރަން ނިންމާފައިވަނިކޮށް އަލުން އޭނާ ބޭނުންވާ ކަމަށް ކުލަބުން ބުނެފި އެވެ.

ފޯމު ކެޓުމާއި އަނިޔާގެ ސަބަބުން ވޭތުވެ ދިޔަ ދެ ސީޒަންގައި ވެސް ބޭލްއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އަދި ނިމިގެން މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ފަހުގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ނާކާމީޔާބީއާ ކުރިމަތިލާން ޖެހުމުން ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޒިދާން ވަނީ ބުނެފަ އެވެ. އެގޮތުން މިހާތަނަށް ފަސް ކުޅުންތެރިޔަ އެކުލަބުން ވަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގެނެސްފަ އެވެ.

ސްޕެނިޝް ކަޕްގައި ރެއާލް މެޑްރިޑް އާއި ފުއެންލަބްރާޑާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

އެހެން ކަމުން އަލަށް ގެންނަ ކުޅުންތެރިންނަށް ޖާގަ ދިނުމަށްޓަކައި ޓީމުގައި މިވަގުތު ތިބި ބައެއް ކުޅުންތެރިން ވެސް ކުލަބު ދޫކޮށްދާން ޖެހޭ ކަމަށް ޒިދާން ބުނެފައިވާ އިރު އެންމެ ބޮޑު ބަހުސެއް އުފެދިގެން ދިޔަ އެއް ކަމަކީ ވޭތުވެ ދިޔަ ފަސް ސީޒަނުގައި ވެސް އެކުލަަބަށް ކުޅެ ޓީމަށް ބޮޑެތި ކާމިޔާބީތައް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރި ބޭލް ކުލަބު ދޫކޮށްދާން އެންގި އެންގުމެވެ.

ކުޅުންތެރިޔާއަށް އިހުތިރާމު ކުޑަވާނެ ފަދަ ގޮތަކަށް އޭނާ ކުލަބުން ފޮނުވާލަން ރެއާލް މެޑްރިޑްގެ ކޯޗު ދެއްކި ވާހަކަތަކެއްގެ ސަބަބުން ބޭލްގެ އެޖެންޓް ވަނީ ޒިދާނަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

https://sun.mv/122032

އަދި ކުލަބުން އެގޮތަަށް ދެކޭތީ ބޭލް އެންމެ ފަހުން ވަނީ ޗައިނާގެ ޖިއާންސޫ ސަނިން އަށް ބޮޑު އަގެއްގައި ދިއުމަށް ނިންމައިފަ އެވެ. އޭނާއަށް އެކުލަބަށް ދެވިއްޖެ ނަމަ މިވަގުތު ދުނިޔޭގައި އެންމެ ބޮޑު މުސާރައެއް ލިބޭ ފުޓުބޯޅަ ކުޅުންތެރިޔާކަމަށްވާ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ވުރެން ބޮޑު މުސާރައެއް ލިބޭނެ އެވެ.

ނަމަވެސް ބޭލް އެކުލަބަށް ދާން އެއްބަސްވެފައި ވަނިކޮށް ރެއާލުން ވަނީ އޭނާ ދޫކޮށްލަން ބޭނުން ނުވާ ކަމަށް އަނެއްކާވެސް ބުނެފަ އެވެ. ސަަބަބެއްގެ ގޮތުގައި ބެލެވެނީ އެ ޓީމުގެ ޒުވާން ފޯވާޑް މާކޯ އެސެންސިއޯ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުމެވެ.

ބޭލް ވަނީ ވޭތުވެ ދިޔަ ސީޒަނުގައި ރެއާލަށް 29 މެޗު ކުޅެދީ އަށް ގޯލު ޖަހައިދީފަ އެވެ. އޭނާ ވަނީ އެކުލަބާ އެކު އެއް ސްޕެނިޝް ލީގާއި ކޮޕަ ޑެލްރޭއެއް އަދި ތިން ޔޫއެފާ ސުޕަ ކަޕުގެ އިތުރުން ހަތަރު ފަހަރަކު ޔޫރޮޕުގެ އެންމެ ޝަރަފުވެރި ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ.

comment ކޮމެންޓް