ހައްދުފަހަނަ އެޅުމާ ދެކޮޅަށް ތަމްރީނެއް ފަށައިފި

ހައްދުފަހަނަ އަޅާ ދިޔުމާ ދެކޮޅަށް ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ/ ޓްވިޓާ

ފިކުރީ ހައްދުފަހަނަ އެޅުމާއި ޓެރެރިޒަމް ހުއްޓުވުމަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު އެ ޓްރެއިނިން ފެށި އިރު އެ ޕްރޮގްރާމަކީ ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަ (އެންސީޓީސީ)، ނައިފް އަރަބް ޔުނިވާސިޓީ ފޮ ސެކިއުރިޓީ ސައިންސް، ޔޫއެންޑީޕީ އަދި ޖަޕާން ގަވަމަންޓް އާ ގުޅިގެން ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމް ފަށްޓަވައިދެއްވީ އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރެވެ.

ޖުމްލަ 62 ބައިވެރިން އެ ޓްރެއިނިންގައި ބައިވެރިވެފައިވާ އިރު ބައިވެރިންނަށް ތަފާތު މައުލޫމާތުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ބައްދަލުވުމުގައި ފިކުރީ ހައްދުފަހަނަ އަޅާ ދިޔުން ހުއްޓުވުމަށާއި ބައިވެރިން އެކަމަށް ހޭލުންތެރިކަން އިތުރުކޮށް ހައްދުފަހަނައަޅާފައިވާ މީހުންގެ ސިފަތައް ދެނެގަތުމުގެ ހުނަރު ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހައްދު ފަހަނަ އަޅާ ދިއުން ހުއްޓުވާނެ ގޮތްތައް ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ޓްރެއިނިން ޕްރޮގްރާމްގައި ސަރުކާރުގެ 18 އެޖެންސީއަކުން ވަނީ ބައިވެރިވެފަ އެވެ. އަދި ނުވަ އެންޖީއޯއިން ވަނީ ބައިވެރިވެފަ އެވެ.

ދީނީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މިދިޔަ މަހު ވަނީ ވޯކްޝޮޕެއް ކުރިއަށް ގެންގޮއްސަ އެވެ.

comment ކޮމެންޓް