އައިއޯއައިޖީގެ ރާއްޖޭގެ ޓީމް ބަލައި "މޯލްޑިވިއަން" މޮރިޝަސްއަށް ފުރައިފި

އައިއޯއައިޖީގެ ޓީމް ބަލައި މިއަދު މޯލްޑިވިއަންގެ 320-އޭ އިން ދަތުރު ކުރި އިރު މަސައްކަތް ކުރި ކެބިން ޓީމް --- ފޮޓޯ// މޯލްޑިވިއަން

އިންޑިއަން އޯޝަން އައިލެންޑު ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައި މުޅި މި ގައުމު ފަޙުރުވެރިކޮށްދިން ޓީމު ބަލައި ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ބޯޓު މޮރިޝަސްއަށް ފުރައިފި އެވެ.

މޯލްޑިވިއަންގެ 320-އޭ ގެ އެއާބަސް ރާއްޖޭގެ އައިއޯއައިޖީ ކޮންޓިންޖެންޓް ބަލައި މޮރިޝަސްއަށް ފުރި އިރު ރާއްޖޭގެ މި ޓީމު އައިއޯއައިޖީ މުބާރާތަށް ގެންދިޔައީވެސް މޯލްޑިވިއަންއިންނެވެ.

“އަޅުގަނޑުމެންގެ ޓީމް މި ފުރީ ރާއްޖެ ފަޚުރުވެރިވާ ކާމިޔާބީ ހޯދި ޓީމް ބަލާ މޮރިޝަސްއަށް. އިންޝާﷲ ހަވީރު ތިބޭފުޅުންނާ ދިވެހި ޓީމް ބައްދަލުކުރާނެ.” މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

މޯލްޑިވިއަންގެ ބޯޓުން ރާއްޖޭގެ ހުނަރުވެރި އެތުލީޓުން ބަލައި މޮރިޝަސްއަށް ދިޔަ އިރު އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ބޯޓުގެ ކުރޫއިން ލައިގެން ތިބީ އައިއޯއައިޖީގައި ރާއްޖެ ތަމްސީލު ކުރި ކުޅުންތެރިން ލައިފައި ތިބި ގައުމީ ޖާޒީގައި ކަމެވެ. އަދި މޯލްޑިވިއަނުން ދިޔަ ބޯޓުގައި ވެސް ބޮޑު އަކުރުން "މަރުހަބާ ދިވެހިރާއްޖެ" މިގޮތަށް ލިޔެފައި ހުއްޓެވެ.

ބައިނަލް އަގުވާމީ މުބާރާތެއްގައި ހޯދި އެންމެ ބޮޑެތި ކާމިޔާބީތަކާ އެކު ޖުމްލަ 15 މެޑަލް ކަރަށް މަހާލައިގެން ރާއްޖޭގެ ހުނަރުވެރި އެތުލީޓުން މޯލްޑިވިއަންގެ ބޯޓުގައި މިއަދު މާލެ އައުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ގައެވެ. މިފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން 10 ކުޅިވަރެއްގައި ބައިވެރިވެފައިވާ އިރު ބައިވެރިވި ގިނަ ކުޅިވަރުތަކުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ގައުމީ އަންހެން ޓީޓީ ކުޅުންތެރިންނާއި ބެޑްމިންޓަން ޓީމުން މިފަހަރުގެ ގޭމްސްގައި ހޯދި ބޮޑު ކާމިޔާބީ އެވެ. އަންހެން ޓީޓީ ޓީމުން ވަނީ ތިން ރަން މެޑައްޔާއި ދެ ރިހި މެޑަލްގެ އިތުރުން ލޯ މެޑައްޔެއް މިފަހަރުގެ ގޭމްސްގައި ހޯދައިފަ އެވެ. އަދި ބެޑްމިންޓަން ޓީމުން ވެސް ވަނީ ރަން މެޑައްޔަކާ ރިހި މެޑައްޔެއްގެ އިތުރުން ދެ ލޯ މެޑައްޔެއް ހޯދައިފަ އެވެ.

ދެން އެންމެ އަވަހަށް 2023 ގައި މި ގޭމްސް ބާއްވަން ހަމަޖެހިފައި ވަނީ ރާއްޖޭގަ އެވެ. އެ ގޭމްސް ބާއްވަން މީގެ ދެ ދުވަސް ކުރިން މޮރިޝަސްގައި އޮތް ވޯޓުގައި ރާއްޖެ ވަނީ ބިޑު ކާމިޔާބު ކޮށްފަ އެވެ.

ރަން ވަނަތައް ހޯދައިދިން ރާއްޖޭގެ އައިއޯއައިޖީ ކޮންޓިންޖެންޓަށް ހޫނު މަރުހަބާއެއް ކިއުމަށް ކުދި ބޮޑު އެންމެހާ ރައްޔިތުން ޖުމްހޫރީ މައިދާނަށް ވަޑައިގެންދެއްވުން އެދި ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހުލޫފް ވަނީ ދައުވަތު އަރުވައިފަ އެވެ.

comment ކޮމެންޓް