ފަހު މެޗުގައި ލެޓްވިއާއިން ރާއްޖެ ކޮޅަށް "ގޯލު ފުންޏެއް" ޖަހައިފި

މިއަދު ލެޓްވިއާއި ރާއްޖެ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ޔުއެފާއާއި ފޫޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން އައްޑޫގައި މިހާރު ކުޅެމުން އަންނަ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ލެޓްވިއާއިން ރާއްޖޭގެ ޒުވާންޓީމު ކޮޅަށް ގޯލު ފުންޏެއް ޖަހައިފި އެވެ.

ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ކޮޅަށް ލެޓްވިއާއިން ވަނީ ހަތް ގޯލު ޖަހައިފަ އެވެ. މި ނަތީޖާއާ އެކު އެއްވަނައިގައި ލެޓްވިއާއިން ފައިނަލަށް ދަތުރުކުރި އިރު މެޗުން ބަލިވި ރާއްޖެ ދިޔައީ އެންމެ ފުލަށެވެ. ބޮޑެތި ސްކޯ ތަކުން ބަލިވެ ރާއްޖެއަށް ބޮޑު ނާކާމީޔާބީއެއް އަމިއްލަ ގައުމުގައި ކުޅުނު މުބާރާތުން ލިބުނު އިރު މި މުބާރާތުގައި ރާއްޖޭގެ ޓީމަށް ޖެހުނީ ވެސް އެންމެ ގޯލެކެވެ.

މިއަދު ލެޓްވިއާއި ރާއްޖެ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މި މުބާރާތުގެ ފައިނަލު އަންނަ ހޯމަ ދުވަހު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅޭ އިރު ލެޓްވިއާއާ ދެކޮޅަށް ނުކުންނާނީ އޭއެފްސީގެ ގްރާސްރޫޓް އެވޯޑް 2017 ވަނަ އަހަރު ހާސިލްކުރި ބޫޓާންއެވެ. އުންމީދީ ކުޅުމެއް މި މުބާރާތުގައި ދައްކަމުން އަންނަ ބޫޓާ އަތުން ލެޓްވިއާ ލީގު ބުރުގައި މޮޅުވީ 5-3 އިންނެވެ.

މިއަދުގެ މެޗު ގިނަ ބަދަލުތަކަކާ އެކު ލެޓްވިއާ ޓީމުން ފެށީ ފައިނަލުގެ ޖާގައެއް އެ ޓީމަށް ކަށަވަރުވެފައި އޮތުމުންނެވެ. ނަމަވެސް އެ ޓީމުން ވަނީ މެޗު ފެށުނީއްސުރެން ނިމެންދެން ވެސް ވަރުގަދަ ކުޅުމެއް ދައްކައި ރާއްޖެ މުށުތެރެއަށް ލައި ފިއްތާލައިފަ އެވެ.

މި މެޗުގައި ލެޓްވިއާގެ ކްރިސްޓަޕްސް ޕުޒަނޯފް ހެޓްރިކެއް ހެދިއިރު، ވެލެރީސް ލިޒޫނޯފާއި މެކްސިމަސް އަލްޕެންސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ. އޭގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލެޓްވިއާގެ ކުޅުންތެރިން އަތުން ގެއްލުނެވެ.

މި ފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ ކޯޗަކީ އިބްރާހިމް ހަލީމް (ޖަޑާ) އެވެ. މިދިޔަ ޑިސެމްބަރު މަހު ތައިލެންޑުގައި އޮތް ޔުއެފާ އެސިސްޓް މުބާރާތުގައި ވެސް ޖަޑާގެ ކޯޗުކަމުގައި ރާއްޖެ ވަނީ ތަފާތު ބޮޑު ނަތީޖާތަކަކުން ސައިޕްރަސް، ބަންގްލަދޭޝް އަދި ތައިލެންޑް އަތުން ބަލިވެފަ އެވެ.

ޖަޑާ މީގެ ކުރިން ބުނީ މި މުބާރާތަކީ ތަޖުރިބާ ހޯދުމުގެ މުބާރާތެއް ކަމަށެވެ. ކުރިއަށް އޮތް އޭއެފްސީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ގައުމުތަކާ ކުޅެ ރާއްޖެއަށް ތަޖުރިބާ ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ކޯޗު ބުންޏެވެ.

comment ކޮމެންޓް