މަނީ ލޯންޑަރިންގެ ގާނޫނަށް ދިވެހިން އާ ވާނެ، މައްސަލަ ބަލަން ބެންޗެއް ބޭނުން: ސައީދު

ޕީޕީއެމް އަދި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވާހަކަ ދައްކަވަނީ ---ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

މަނީ ލޯންޑަރިންގެ ގާނޫނަކީ ރާއްޖެއަށް އާ ގާނޫނެއް ކަމަށާއި އެހެން ކަމުން އެ ގާނާނުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ހިންގާއިރު ފަނޑިޔާރުންގެ ބެންޗެއް ބޭނުންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައިވާއާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ އިކޮނަމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ފަންސާސް ހާހަށް ވުރެން މަތީގެ މުއާމަލާތެއް ބޭންކު މެދުވެރިކޮށް ކޮށްފި ނަމަ މަނީ ލޯންޑަރިންގެ ތެރެއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއި އަދި އެ ގާނޫނު ރާއްޖޭގައި ހަދާފައިވަނީ ވެސް ވަރަށް ފަހުން ކަމަށެވެ.

"ދިވެހިރާއްޖެއަށް ވަރަށް އާ ގާނޫނެއް މި އޮތީ އައިސްފައި. މި ގާނޫނުގެ ތަރަހައިގެ ތެރޭގައި މި ވާހަކަ ދައްކާއިރު އަޅުގަނޑުމެންގެ އެދުމަކީ ރައީސް ޔަމީންގެ ފަރާތުން ވަކީލުންގެ އެދުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް މިއީ ބެންޗެއް ނެތި މި މައްސަލަ ބަލާ މައްސަލަ. ކިހިނެއްތޯއޭ އެންމެ ފަނޑިޔާރަކަށް އެހާ އަވަސް އަވަހަށް ޖަޖްމަންޓަށް މިއަށް އާދެވޭނީ ދަށު ކޯޓުން ވިޔަސް ޓްރައަލްގެ މަރުހަލާ ވިއަސް،" ސައީދު ވިދާޅުވި އެވެ.

ޕީޕީއެމް އަދި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އިންސާފް ލިބެން ޖެހޭނެ ކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ރައީސް ޔާމީނަކީ މީގެ ކުރިން އެއްވެސް ވެރިއަކު ނުކޮށްދޭ ވަރުގެ ތަރައްގީއެއް މި ގައުމަށް ގެނެސްދެއްވާފައިވާ ވެރިއެއް ކަމަށެވެ. އެހެން ކަމުން އެފަދަ މުހިންމު ޝަޚްސިއްޔަތެއްގެ ތަހުގީގާއި ޝަރީއަތް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަކީ އެތައް ދިވެހި ރައްޔިތުންގެ މަސްލަހަތު އޭގައި އެކުލެވިގެންވާ ކަމެއް ކަމަށް ސައީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި 156 މީހެއްގެ މައްޗަށް ތުހުމަތު ކުރާއިރު އޭގެ ތެރެއިން ހަމަ އެކަނި ރައީސް ޔާމީންގެ މައްސަލަ ބަލާ ކަމަށް ތުހުމަތުކޮށް ސައީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި، އެމްއެމްޕީއާރުސީގެ ޚިޔާނާތް ފަޅާއަރައި އެ މައްސަލައިގެ ތަހުގީގް ވެސް ކޮށް އެ ވެރިކަން ނިމި އެތައް ދުވަހެއް ވީ އިރު ރައީސް ޔާމީންގެ މައްޗަށް ދައުވާ ނުއުފުލައި މި ފަހުން ދައުވާ އުފުލުމުގައި ބައެއްގެ ނުފޫޒު އޮތް ކަމަށް ސައީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ސިޔާސީ ނުފޫޒެއް އޭގެތެރެއަށް ވަރަށް ބޮޑަށް ވަދެ މުޅި މި ކޭސް ހަރާބު ވަމުން އެބަ ދާކަން،" ޕީއެންސީގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ސައީދު ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ރައްޔިތުންގެ މަޖިލީހުން 2014 ވަނަ އަހަރު ފާސްކުރި އެ ގާނޫނު ތަސްދީގް ކުރެއްވީވެސް އެމަނިކުފާނެވެ.

comment ކޮމެންޓް